މާލެއިން ދެކުނުގެ ރިޒޯޓްތަށް ވާދަކުރާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ފެށިއްޖެއެވެ.
"ޖޭވީއެމް ބޮލި ކަޕް 2019" ގެ ނަމުގައި ކުރިއަށްދާ މިމުބާރާތް ފެށިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޖުމެއިރާ ވިޓަވެލީގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މިރަސްމިއްޔާތުގައި ޝަރަފުވެރި މެޙެމާނެއްގެ ގޮތުން ބައިވެރިވަޑައިގެންފައިވަނީ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަޢުރޫފް އަޙްމަދު (މާއްޓޭ) އާއި ޖުމެއިރާގެ ޖެނެރަލް މެނޭޖަރު އަބީޖީތު ގޯޝްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އޮނީކްސް މޯލްޑްވްސް އިން ސްޕޮންސަރކޮށްފައިވާ މިމުބާރާތުގައި ޖުމްލަ 9 ޓީމެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ޖުމެއިރާގެ 3 ޓީމެއް ހިމެނޭއިރު، އެސަރަޙައްދުގެ އެހެން 6 ރިޒޯޓަކުންވެސްވަނީ ބައިވެރިވެފައެވެ. އެއީ ވެލައްސަރު، އިތަސްފުށި، ބިޔަދޫ، ސެންޓާރާ ރަސްފުށި، ތާޖު އެކްޒޯޓިކާ، އަނަންތަރާއެވެ.
އެސަރަޙައްދުގެ ރިޒޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މިއަގު ބޮޑު މުބާރާތް ބާއްވާ މިއީ ތިންވަނަ ފަހަރެވެ.

2017 ވަނަ އަހަރު ވުޖޫދަށްއައި މިމުބާރާތަކީ އެސަރަޙައްދުގެ ރިޒޯޓްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ބާއްވާ މުބާރާތެއްކަމަށް މުބާރާތް އިންތިޒާމުކުރާ ބޮލި ކޮމިޓީގެ ފަރާތުންވަނީ ބުނެފައެވެ.
މިމުބާރާތް ފުރަތަމަ ގެންގޮސްފައިވަނީ ޖުމެއިރާގެ އެފްސީ މަންތިރިއެވެ. އަދި ދެވަނަ މުބާރާތް ކާމިޔާބުކޮށްފައިވަނީ ޖުމެއިރާގެ ޒީރޯ ޓޮލެރެންސް ޓީމެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ޒީރޯ ޓޮލެރެންސް ޓީމާއި ސެންޓާރާ ރަސްފުށި ބައްދަލުކޮށްފައިވާިއިރު، 3-1 ގެ ނަތީޖާއަކުން މިމެޗު ކާމިޔާބުކޮށްފައިވަނީ އެފްސީ ޒީރޯ ޓޮލެރެންސް ޓީމެވެ.




