ލީންއަށް ހީވަނީ އަހަރެން މޮޔަ ގޮވަނީއޭތަ؟ އަހަރެން ކައުންސިލިންގ ނަގަން ގޮސް ބުނާނީ ކީކޭ؟ އަހަރެން މިއީ މޮޔައެކޭ؟" ޖިއާންގެ ލޮލުން ކަރުނައިގެ ބޮޑު ކޯރެއް ބަންޑުންވާން ފެށިއެވެ.
"ނޫނޭ ޖީ. ތިހެން ހީ ނުކުރޭ. އަހަރުމެން އެމީހުން ކައިރިއަށް ދަނީ އަހަރުމެން މޮޔަ ވެގެނެއް ނޫނޭ. ޑިޕްރެޝަންއަކީ ދިމާވެދާނެ ކަމެއް ކޮންމެ މީހަކަށްވެސް. އެހީ ހޯދުން އެއީ އެއްވެސް މައްސަލައެއް ނޫން. ޖީއަށް އެނގޭތަ؟ އަހަރެންވެސް އެމީހުން ކައިރިއަށް ދަމޭ. އެކަމަކު އަހަންނަކީ މޮޔައެއްތަ؟ ކަމަކާ ހާސްވެ ކަންބޮޑުވާއިރުގައި އެއްވެސް ކޮޅަކަށް ޖެހުމެއް ނެތި އަހަރުމެންގެ ވާހަކަތައް އަޑުއަހާ، ކަންކަން ކުރާނެ ގޮތުގެ ލަފާ ދީ، ހިނިތުންވާން އެމީހުން ދަސްކޮށްދޭއިރުގައި އެމީހުންގެ އެހީއަށް އެދުމަކީ ގޯހެއް ކަމަކަށް އަހަރެން ނުދެކެން. ކުޑަދަރިފުޅު ހަފްތާއެއް ނުވަނީސް މި ދުނިޔެ ދޫކުރުމުން ދިރިއުޅުން މަތިން އަހަރެން މުޅިން ފޫހިވި. ކެއުމެއް ބުއިމެއް ނެތި ކަރުނަ އެޅުން ނޫން ކަމެއް އަހަރެން ނުކުރަން. އެކަމަކު ފަޒީލްގެ އެދުމުގެ މަތިން ޑޮކްޓަރަށް ދައްކާ ބޭސް ކަމުން ކައުންސިލިންގ ނަގަން ފެށީ. އަހަރެން އުފާކުރަން ފަޒީލްގެ ސަބަބުން އަހަންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ. އަހަރެން ބޭނުންވަނީ ޖީވެސް އަނބުރާ އަމިއްލަ ފައިމައްޗަށް ތެދުވަން" ލީނާ ތެދުވެގެން ގޮސް ޖިއާންގެ ގައިގާ ބައްދާލިއެވެ.
ރަށަށް ދެވުނުތާ ހަފްތާއެއް ވީއެވެ. ޖިއާންގެ ކަމަކީ އަބަދު ގޭގައި އޮތުމެވެ. ބޭރަށްވެސް ނުކުންނަނީ މަޖުބޫރު ވުމުންނެވެ. ލީނާ ގޮތްދޫނުކޮށް ހިފަހައްޓާލުމުންނެވެ. ލީނާ ބޭނުންވަނީ ޖިއާން ވަޒީފާއަކަށް ދާށެވެ. އައު ރަހުމަތްތެރިން މަސައްކަތުގެ މާހައުލުން ލިބުމުންވެސް ހިތްހަމަޖެހޭނެ ކަމަށް ލީނާ ދެކެއެވެ.
"ޖީ އަޑުއަހާބަލަ ފަޒީލް މި ކިޔާ އެއްޗެއް. މިއަދު މިތާ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރުދާންވީއޯ. ގޮސް މޫދަށް އެރިލާފައި އަންނާނީ ޔޯ." ލީނާ ހުރީ ނިކަން ދަތުރު ދާން ބޭނުންވެފައެވެ.
"ތިމީހުން ގޮސްލާ. އަހަރެން އޮންނާނީ ގޭގައި" ޖިއާންގެ ޓީވީއަށް ބަލަން އިނދެފައި ބުންޏެވެ.
"އެހެންވޭތަ؟ ޖީ ނުދަންޏާ އަހަންނެއް ނުދާނަން. އެހެން ނޫނަސް ޖީ ކައިރީގައި އެ ކައުންސިލިން ނަގާ ދޭ މާމަ ވެސް ބުންޏެއް ނު މީހުންނާއި އެއްކޮށް އުޅުނީމައޭ ބޮޑަށް ހިތްހަމަ ޖެހުން ލިބޭނީ" އެރަށު ހޮސްޕިޓަލުގައި ކައުންސިލިން ދޭން އުޅޭ އުމުރުން ދުވަސްވީ ފައުޒިއްޔާއަށް ލީނާ މަލާމާތް ކޮށްލިއެވެ.
"ދެން ލީން. އަހަރެން ދާނީ އެހެން ފަހަރަކުން. މިފަހަރު ލީންމެން ގޮސްލާ." ޖިއާން ކުޑަކޮށް ތުންދަމާލިއެވެ.
"ލީން އެބުނީ ޖިއާން ނުދަންޏާ ނުދާނަމޭ. ހިނގާބަ ދާން. މިއަދު މޫސުންވެސް ކިހާ ހިތްގައިމު. އަބަދު ބަނަކޮށް އުޑުމަތިވެސް މިއަދު އޮންނަނީ. ހިނގާބަ ދާން" ފަޒީންވެސް ލީނާއާއި އެއްކޮޅަށް ހިފާލާ އެކޮޅު ގަދަ ކޮށްލިއެވެ.
"އެންމެ ރަނގަޅު އަހަރެން ގޮސްދާނަން އެކަމަކު އަހަރެން މޫދަކަށް ނޭރޭނަން. އެގޮތަށް ލީންމެން އެއްބަސް ވަންޏާ އެންމެ ރަނގަޅު" ޖިއާންއަށް ޖެހުނީ އެންމެ ފަހުން ގޮތްދޫކުރާށެވެ.
ލީނާއާއި ފަޒީލް އަވަސްވެގަތީ އަވަހަށް ދަތުރުގެ ކަންތައް ހަމަޖައްސާށެވެ.
އަފްޒަލްއާއި މާޒިންވެސް ތައްޔާރުވަމުން ދިޔައީ ދަތުރު ދިޔުމަށެވެ. މޫސުން އޮތް ގޮތުން ކުޑަކުދިން ގެންދިޔުމަށް މަންމަމެން އެއްބަހެއް ނުވިއެވެ. އެހެން ކަމުން ކުދިންނާއި އެކުގައި އަންހެންވެރިން ގޭގައި މަޑުކުރަން ނިންމީއެވެ. އެކަމާއި މާޒިން ހުރީ ނިކަން އުފަލުންނެވެ. މަންމަމެން ނެތި ދަތުރު ދެވޭތީއެވެ. އަފްޒަލް ދެން ފަހަރަކުން ދަތުރު ދާނީ މަންމަމެންނާއި އެކުގައި ކަމަށް ވައުދުވިއެވެ.
"ކޮންމެހެން މިއަދު ދަތުރު ދާން ޖެހޭތަ؟" އަފްޒަލް ދުރަށް ޖެހިލަމުން މާޒިންގާތު އަހާލިއެވެ.
"އާނއެކޭ ބްރޯ. މިއަދު ކޮންމެހެންވެސް ދާންޖެހޭނެ." މާޒިން ހިނިގަނޑެއް ޖަހާލިއެވެ.
"އެއީ ކީއްވެޔޯ؟" އެއް ބުމަ އަރުވާލަމުން އަފްޒަލް އަހާލިއެވެ.
"ސިއްރެއް އިނގޭ. ބްރޯ ހަނދާން އެބަހުރިތަ ފްލައިޓްގައި އަހަރެންގެ ކައިރީގައި އިން ކުއްޖާ. އަހަރުމެން ދެމީހުން މިހާރު ކަމެކޭ. ހުސްނާވެސް މިއަދު ދަތުރު ދެޔޭ އޭނަގެ ރައްޓެހިންނާއި އެކުގައި." މާޒިން އެހެން ބުނުމުން އަފްޒަލް ބޯ ހޫރުވާލިއެވެ.
"ދުވަހަކުވެސް މިސޮރު ރަނގަޅެއް ނުވާނެ." އަފްޒަލް ސަމާސާ ކޮށްލިއެވެ.
"އެންމެން އެއްގޮތެއް ނުވާނެއޭ ބްރޯ. އެހެން ނޫނަސް އަހަންނަށް ހީވަނީ މި މަންޖެ މިއީ އެންމެ ފަހުގެ މަންޖެހެން." ގަމީހުގެ ގިރުވާން ކޮޅަށް ޖަހާލާ މާޒިން ފޮނިފެލިއެވެ.
"ނިކަން ހުރެބަލަ. އަހަރެންވެސް ކޮންމެވެސް ދުވަހަކުން ކަމެއް ކޮށްލާނަމޭ. އެދުވަހަކުން އެންމެން ތިބޭނެ ބަލަން" އަފްޒަލްވެސް މިފަހަރު ގޮތްދޫކުރަން ބޭނުމެއް ނުވިއެވެ.
"އޭ ބްރޯ ތިއެއް ނޫނޭ. އަހަރުމެންނާއި އެކުގައި އަދި އެހެން ބަޔަކުވެސް ދެޔޯ ދަތުރު. ކޮން ބައެއް ކަމެއް އަދިއެއް ނޭނގޭ. އެކަމަކު އަހަރުމެންނަށް ކީއްދޯ؟" އަފްޒަލް އިތުރު ބަޔަކާއި އެކުގައި ދަތުރުދާން ފަސްޖެހިދާނެ ކަމަށްޓަކއި ބިރުން ހުރެ މާޒިން ބުނެލިއެވެ.
"އަހަންނަށް މައްސަލައަކަށް ވަންޏާ މާޒިން ދަތުރު ނުގޮސް ހުއްޓާލާނަންތަ؟" އަފްޒަލް ހިނގައިގަތެވެ.
އުޑުމަތި ބަނަކޮށް އޮތް ނަމަވެސް ދަތުރުގެ މަޖާ ނެގުމައް ތައްޔާރުވެގެން ލީނާމެން ގޮސް ދޯންޏަށް އެރިއެވެ. އޭރު ދޯނީގައި މާޒިންއާއި އަފްޒަލްގެ އިތުރުން ތިބީ ހުސްނާއާއި އެނާގެ ރަހުމަތްތެރިންނެވެ. އެހާ ބޮޑު ދޯންޏެއް ނޫން ކަމުން އެންމެންނަށްވެސް ތިބެން ޖެހުނީ ކައިރި ކައިރީގައެވެ. އެންމެ ފުރަތަމަވެސް އަފްޒަލްގެ ލޮލުގައި އަޅައިގަތީ ޖިއާންއެވެ. ރަށަށް އައި ދުވަހު ފްލައިޓް މަތިން ދިމާވީ އެކުއްޖާއާއި ކަން އަފްޒަލް ހަނދާން އެބަ ހުއްޓެވެ. އެވަގުތު އަފްޒަލްގެ ހަނދާނަށް އައީ އެއްކަލަ ހިތްދަތިކަމުން ފުރިގެންވާ ލިޔުމެވެ.
ކަންދިމާކުރި ގޮތުން ޖިއާންއަށް ގޮސް އިށީންނަން ޖެހުނީވެސް އަފްޒަލް ކައިރީގައެވެ.
އެއްވެސް މީހަކަށް ބެލުމެއް ނެތި ޖިއާން އިނީއެވެ. މާދުރުން ފެންނަން ހުރި ރަށްތަކަށް ބަލާށެވެ. ވާނީވެސް އެހެންނެވެ. ޖިއާން އެ ދަތުރު ދަނީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ.
"އެކްސްކިއުޒް، އަހަރެން ހަނދާން އެބަހުރިތަ؟" އަފްޒަލްއަށް މަޑުން އިނދެވޭ ގޮތެއް ނުވިއެވެ.
"ހޫމް" އަފްޒަލްއަށް ބަލާލަމުން ޖިއާން ހިނިތުންވެލިއެވެ.
"އަހަންނަށް ކިޔަނީ އަފްޒަލް، ކޮން ނަމެއް ކިޔަނީ؟ އެންމެ ރަނގަޅު ނުބުންޏަސް އިނގޭ. މިއަދު ދެން މިހެން ދިމާވާނެތީ ވެގެން" އަފްޒަލް ސަލާން ކޮށްލުމަށް އަތްދިއްކޮލިއެވެ.
"ޖިއާން" ޖިއާން ސަލާން ކޮށްލިއެވެ.
"ޖިއާން ތީ މިރަށު ކުއްޖެއްތަ؟" އަފްޒަލް އަހާލިއެވެ.
"އޭތް! ކޮންކަމެއް މާ ސިއްރު ސިއްރުން" މާޒިން އަޑަށް ބާރުލަމުން ދިމާކޮށްލިއެވެ.
"މާޒިން ކޮން ކަމެއްތަ؟" އަފްޒަލް ދެކޮޅަށް ބޯ ހޫރުވާލަމުން އަހާލިއެވެ.
ލީނާއާއި ފަޒީލްއަށްވެސް ހެވޭގޮތް ވިއެވެ. އަފްޒަލްއަށް އިތުރަށް ޖިއާންއާއި އަނގައިން ބުނާކަށް ނުކެރުނެވެ.
ދިވަހަރަކަށް މިނެޓް ނުވަނީސް ދޯނި ރަށަށް ޖެއްސިއެވެ. ރީތި ގޮނޑުދޮށެކެވެ. އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ މާ ދުރަށް ދެމިފައިވި ތުނޑިއެކެވެ. ވަށައިގެން ފެންނަނީ އެކި ކަހަލަ ގަސްތަކާއި މާތަކެވެ. އިވެނީ ކޮވެލި ގޮވާލާ އަޑެވެ. އެ ދޮންވެލި ތުނޑިއަށް ރާޅުޖަހާލާ އަޑެވެ. ގަސްތަކުގެ ފަތްތަތަށް ޖެހެމުންދާ ވަޔާއި ތޮޅިލާއަޑެވެ.
ދަތުރު ދިޔައީ ތިންބައެއް ނަމަވެސް އެންމެންގެ ތެރެއިން ފެންނަމުން ދިޔައީ އެކުވެރި ކަމާއި އެއްބައިވަންތަ ކަމެވެ. އެކަކު އަނެކަކަށް އެހީވުމުގެ ރީތި ސިފައެވެ. އެކުގައި ކުޅެ މަޖާކޮށް ހަދަމުން ދިޔަ މަންޒަރެވެ. އެންމެން ނަގަމުން ދިޔަ ފޯރި ބަލަން ޖިއާންއިނެވެ. ފިތުރޯނު ގަހެއްގެ ބުޑުގައި ލެނގިލައިގެންނެވެ. ފައިގަ ތަޅާ ކުޅެން އުޅެފައި އަފްޒަލް ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އެކަނި އިން ޖިއާން ފެނުމުން ޖިއާންއާއި ބެހޭ ގޮތުން ސުވާލު ކޮށްލެވުނެވެ.
" ޖިއާން ކީއްވެ އެކަނި އެ އިނީ" އަފްޒަލް އަހާލީ ފަޒީލް ކައިރިންނެވެ.
"ޖިއާން އުޅުނީ ނާންނަންވެގެން. އަހަރުމެން ގޮތް ދޫނުކުރީމަ އެއައީ. ވެދާނެ ނުދަންނަ މީހުން ވީމަ ލަދުން އިނީ ކަމަށްވެސް" ޖިއާންގެ ހަގީގަތް އެއްވެސް މީހެއްގެ ގާތުގައި ބުނުމަށް ފަޒީލްވެސް ބޭނުމެއް ނުވެއެވެ.
ޖިއާން އެކަނި އިންނާކަށް އަފްޒަލް ބޭނުމެއް ނުވިއެވެ.
"އެކަނި އިންނާކަށް ފޫއްސެއް ނުވޭތަ؟" ޖިއާން ކައިރީގައި އިށީންނަމުން އަފްޒަލް އަހާލިއެވެ.
"އެކަނި އިނޭ ކިޔާފަ ފޫހިވާން ޖެހޭތަ؟ ޖިއާންވެސް ކުރީ ސުވާލެކެވެ.
"އުނހު. އެހެނެއް ނޫން މި ބުނީއެއް. އެކަމަކު އެންމެން އެތާ މަޖާކޮށް ސަކަރާތް ޖަހާއިރުގައި ޖިއާން މިތާ އެކަނި އިންނާތީ އެހެން ހިތަށް އެރީ. މައްސަލައެއްތަ؟" އަފްޒަލްވެސް ބަލަން އިނީ އެންމެން ކުޅޭ ތަނަށެވެ.
"ނޫން މައްސަލައެއް ނޫން. ގިނަ މީހުން އުޅޭ ތަންތާނގައި އަހަރެން އުޅޭ ހިތް ނުވަނީ. " ޖިއާން ހަގީގަތް ހާމަ ކުރިއެވެ.
"އެކަމަކު މީހުންނާއި އެކުގައި އުޅެ އެމީހުންގެ ގޮތް ދަސްވީމައި ކިހާ މަޖާ. ދުނިޔޭގައި އުޅޭނެ އެކި މިޒާޖުގެ އެކި މީހުން. ކޮންމެ މީހެއްގެ ކިބައިންވެސް ކޮންމެވެސް އާކަމެއް ދަސްވާނެ." އަފްޒަލް ހިނިތުންވެލިއެވެ.
"އެ އަންހެން ކުދިން އެ އުޅެނީ އަފްޒަލް ކުޅެން ނުގޮސްގެން." މާދުރުގައި ތިބެ އަފްޒަލްއަށް ހަނާއަޅަމުންދާ ހުސްނާގެ ރަހުމަތްތެރިންނަށް އިޝާރާތްކޮށް ޖިއާން ބުނެލިއެވެ.
"ހަހަހަ. އެއީ މީގެ ކުރިން އަހަރެން ދަންނަވެސް ބައެއް ނޫން. އެހެން ނޫނަސް މިވަގުތު އަހަރެން އެތަނަށް ދާހިތެއް ނެތް ޖިއާން އެކަނި ބައިންދާފައި." އަފްޒަލް އޯގާތެރިކަމާއި އެކުގައި ބުންޏެވެ.
"އަހަރެން އެކަނިވެރިއޭ ކާކު ބުނީ؟ ވެދާނެއެއްނު އެކަނިވެރި ކަމުން އަހަންނަށް ހިތްހަމަޖެހުން ލިބެނީކަމަށްވެސް" ޖިއާން މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"ވެދާނެ. އެކަމަކު އެއީ އެ އެކަނިވެރިކަން ހިއްސާކުރާނެ މީހަކު ނުހުންނާތީ ވާގޮތެއް. ބައެއް ފަހަރު އަހަރުމެންނަށް ހީވަނީ އެކަނިތިބުމަކީ އެވަގުތު އަހަރުމެންނަށް އެންމެ ރަނގަޅު ގޮތޭ. އެކަމަކު ހިތަށް އަރުވާލަބަލަ އެ އެކަނިވެރިކަމުގައި އެކުގައި ވާނެ ރަހުމަތްތެރިއަކު ހުރެއްޖިއްޔާ ކިހާ ރަނގަޅުވާނެ." އަފްޒަލް އޯގާތެރިކަމާއި އެކުގައި ބުންޏެވެ.
"އެތިބީ އަހަރެންގެ ރަހުމަތްތެރިން. ލީންއާއި އޭނާގެ ފިރިމީހާ. އަހަންނަކަށް ހިއެއް ނުވޭ އަހަރެންނަށް އިތުރު ރަހުމަތްތެރިން ތަކެއް ލިބިދާނެ ހެނެއް" ޖިއާން އިސްޖަހާލިއެވެ.
"ޖިއާން އަހަންނާއި އެކުގައި އެ ތުނޑި ބަލާލަން ގޮސްދާނަންތަ؟" ޖިއާންގެ އަޑަށް އައި ބަދަލުގެ ސަބަބުން އަފްޒަލް ބޭނުންވީ އެހެން ވާހަކައެއް ދައްކާށެވެ.
އަނގައިން ބަހެއް ބުނުމެއްނެތި ޖިއާން މަޑުމަޑުން ތެދެވެ ގައި ފޮޅާލާ ތުނޑިއާއި ދިމާއަށް ހިނގަންފެށިއެވެ. ހިނިތުންވެލަމުން ޖިއާންގެ ފަހަތުން އަފްޒަލްވެސް ތެދުވެ ހިނގައި ގަތެވެ.
"ޖިއާންއަށް އެނގޭތަ، އަހަރެން ކުޑައިރު ހީކުރީ އިރު އޮއްސެނީ ކަނޑަށް ކަމަށް." އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ. ޖިއާންވެސް ހިނިތުންވެލިއެވެ.
އެއް ހަމައެއްގައި ދެމީހުން ހިނގަމުން ދިޔައީ އެއްވަރެއްގެ ފިޔަވަޅުތަށް ނަގަމުންނެވެ. ގިނަ ވާހަކަތައް ދައްކަނީ އަފްޒަލްއެވެ. ޖިއާން ދައްކަނީ މަދުވާހަކައެވެ. ތުނޑީކޮޅު މަންޒިލަކަށް ނިންމައިން ދެމީހުން އެކުގައި ކުރިއަށް ދިޔައިރު އެ މަންޒަރު ބަލަން ދުރުގައި ހިނިތުންވެފައި ފަޒީލްއާއި ލީނާ ތިއްބެވެ. އަފްޒަލްއާއި ދިމާކުރަން ކެތްމަދުވެފައި ހުރި މާޒިން ބައްތިރީސް ދަތް ސޭލްއަޅުވައިގެން ހުއްޓެވެ.
(ނުނިމޭ)