ހެޕަޓައިޓިސް އަކީ ކޮބާ؟

ދުނިޔޭގެ ސިއްޙަތުގެ ޖަމިއްޔާ އާއި "ވާރލްޑް ހެޕަޓައިޓިސް އެލަޔަންސް" އިން ދުނިޔޭގެ ހެޕަޓައިޓިސް ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 28 ޖުލައި އެވެ. މިދުވަސް ފާހަގަކުރެވެނީ ހެޕަޓައިޓިސް ބީ ވައިރަސް ހޯދައި އެޔަށް ވެކްސިން (އެޗްބީވީ) ހޯދި ނޯބަލް ޕްރައިޒް ހޯދާފައިވާ ޕްރޮފެސަރ ބެރަކް ސެމުޔަލް ބްލަމްބާރގް ގެ އުފަންދުވަހުގައެވެ.

މިއަހަރުގެ ހެޕަޓައިޓިސް ދުވަހުގެ ޝިޢާރަކީ "އިންވެސްޓް އިން ހެޕަޓައިޓިސް"މިއެވެ. މި ޝިޔާރުގެ ދަށުން،ހެޕަޓައިޓިސްއިން ރާއްކާތެރިވުމަށްޓަކައި ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމަށް ސަމާލުކަން ދިނުމަށް ގޮވާލައެވެ.

ވައިރަލް ހެޕަޓައިޓިސް އަކީ ހެޕަޓައިޓިސްގެ އެކި ބާވަތްތަކުގެ ވައިރަސްގެ ސަބަބުން ފުރަމޭ ނުވަތަ ލިވަރ އަށް ޖެހޭ ބައްޔެކެވެ. މި ބަލީގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.34 މިލިއަން މީހުން މަރުވެއެވެ. ހެޕަޓައިޓިސް ވައިރަހުގެ 5 ވައްތަރެއް ވެއެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ އެވެ. މިވައިރަހުގެ ސަބަބުން ފުރަމެޔަށް ޖެހޭ ބަލިތައް ދިގު މުއްދަތަކަށް ދެމިހުރެއެވެ. އަދި، ފުރާނައަށް ނުރައްކާތެރިވާ ފަހަރުވެސް އާދެއެވެ. މި ބަލިޖެހިފައިވާ ކަން ނޭނގި ކިތަންމެ ގިނަ އަހަރުތަކެއް ވެސް ހިނގައިދާނެއެވެ. މިހެންކަމުން، މިބައްޔަކީ ކޮންޓްރޯލުކުރަން އެހާ ފަސޭހަ ބައްޔެއް ނޫނެވެ. ހެޕަޓައިޓިސްގެ ސަބަބުން %82 މީހުންނަށް ފުރަމޭގެ ކެންސަރު ޖެހުމަށް މަގުފަހި ވެއެވެ. ދުނިޔޭގައި325 މިލިއަން މީހުންނަށް ހެޕަޓައިޓިސް އަސަރުކޮށްފައިވެއެވެ.

ހެޕަޓައިޓިސް ވައިރަސް ފެތުރެނީ ސާފުތާހިރު ނޫން ފެނުގެ ސަބަބުންނާއި، އިންޖެކްޝަން ޖެހުމުގެ ސަބަބުން ގައިން ނިކުންނަ ލޭގެ ސަބަބުންނާއި، ޖިންސީ ގުޅުމުންނާއި މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވުމުގެ ސަބަބުންނެވެ. ރައްކާތެރި ނޫން ގޮތުގައި ބޭނުން ކުރެވޭ ސިރިންޖުގެ ސަބަބުން ގާތްގަނޑަކަށް 2 މިލިއަނެއް ހާ މީހުން ހެޕަޓައިޓިސް ބީ އާއި ހެޕަޓައިޓިސް ސީ ފެތުރެއެވެ. މި ބަލި ފެތުރުމަށް ގިނަގޮތްތަކެއް ހުރި ކަމުގައި ވީ ނަމަވެސް މި ބަލިން ރައްކާތެރިވުމަށްވެސް ވަނީ ގޮތްތަކެއް ހޯދިފައެވެ.

ހެޕަޓައިޓިސް އޭ، ބީ އަދި އީ އަށް ވެކްސިން ހޯދިފައިވާއިރު ހެޕަޓައިޓިސް ޑީ ޖެހުމުގެ ނުރައްކާ ބޮޑީ ކުރިންވެސް ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހުންނަށެވެ. ވީމާ، ހެޕަޓައިޓިސް ބީ ޖެހިފައިނުވާ މީހެއްނަމަ ހެޕަޓައިޓިސް ބީއަށް ޚާއްޞަ ކުރެވިފައިވާ ވެކްސިން ބޭނުން ކުރެވިދާނެއެވެ. ހެޕަޓައިޓިސް އޭއާއި އީ އާންމުކޮށް ޖެހެނީބަލި ޖެހިފައިވާ މީހެއްގެ ބޮޑުކަމުދާ ތަކެތީގެ އަސަރުކޮށްފައިވާ ފެނާއި ކާނާ ބޭނުން ކުރުމުގެ ސަބަބުންނެވެ. ހެޕަޓައިޓިސް ބީ އާއި ސީ އަދި ޑީ ޖެހެނީ މިވައިރަހުގެ އަސަރުކޮށްފައިވާ ލެއިން ނުވަތަ ޖިންސީ ގުޅުމުގެ ސަބަބުންނެވެ. މައިމީހާގެ ފަރާތުން އާންމުކޮށް ޖެހެނީ ހެޕަޓައިޓިސް ބީ އެވެ. ނަމަވެސް، ވަރަށް މަދުންނަމަވެސް ހެޕަޓައިޓިސް ސީ ޖެހެއެވެ. ދުނިޔޭގެ %86 ތުއްތު ކުދިންނަށް މިހާރުވަނީ ހެޕަޓައިޓިސް ބީގެ ވެކްސިން ދެވި އެ ނުރައްކަލުން ސަލާމަތް ކުރެވިފައެވެ. ކުއްޖާ ވިހާތާ 24 ގަޑިއިރުތެރޭގައި ވެކްސިންޖެހުމާއި ވައިރަހުގެ އަސަރު ފެތުރިގެން ދިޔަ ނުދިނުމަކީ އެންމެ މުހިންމު ދެ ކަންތަކެވެ.

މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން އަންނަނީ ޤައުމީ ފެންވަރުގައި މިބަލި ފެތުރޭ ގޮތްތަކާއި މިބަލި ފެތުރިފައިވާ މިންވަރު ބަލައި ދިރާސާކުރަމުންނެވެ. އަދި މިދިރާސާތަކުގެ އަލީގައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން މިބަލި ކޮންޓްރޯލުކޮށް، ބަލި ދެނެގަނެ، ބައްޔަށްދެވޭ ފަރުވާ އާއި ފަރުވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. އަދި މިގޮތުން ރާއްޖޭގައި ހެޕަޓައިޓިސް އަށް މަސައްކަތް ކުރުމަށް ނެޝަނަލް ހެޕަޓައިޓިސް ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާ، 22 އޮކްޓޯބާރގައި ފެޝުމަށްވަނީ ކަންޑައެޅިފައެވެ. އަދި އަދި ކުރިޔަށް އޮތްތާގައި ހެޕްޓައިޓިސް އަށް ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި އަކަމަށް ތައްޔާރު ކުރެވިފައިވާ ނެޝަނަލް ސްޓްރެޓީޖިކް ޕްލޭންއާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މި ބަލިތަކުން ރައްކާތެރިވުމަށްށާއި އަދި މި ބަލިތަކަށް ފަރުވާ ކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ހެޕަޓައިޓިސް ބީގެ ވެކްސިން ދެވޭ ކުދިންގެ ނިސަބަތް ވަނީ 98.5% ގައި ދެމެހެއްޓިފައެވެ. މީގެ އިތުރުން، މި ބަލި ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް މާބަނޑު މީހުން ސްކްރީން ކުރެވި މައިންގެ ފަރާތުން ދަރީންނަށް ވާރުތަ ކުރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރެވެއެވެ. އަދި ހަމަ އެއާއެކު މިބަލި ދެނެގަންނާނެ ގޮތްތަކާއި ވެކްސިންގެ ޚިދުމަތް ޞިއްޙީ ހިދުމަތްދޭ މަރުކަޒުންތަކުން ލިބެއެވެ. މީގެ އިތުރުން ރާއްޖޭގައި ހެޕަޓައިޓިސް ބީ އަދި ސީއަށް ފަރުވާ ހޯދަމުންދާ ބޭފުޅުންނަށް އާސަންދައިގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީ އަށް ބޭނުންވާ ބޭސް ލުއިފަސޭހަ ކަމާއިއެކު މިއަދުން ފެށިގެން އެސް.ޓީ.އޯ މައި ފާމަސީން ލިބޭނެ ގޮތްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
241
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ