ޕްރޮސެކިއުޓަރު ޖެނަރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އެމައްސަލައަށް ގޮތެއް ނުނިންމާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި އޮތުމުން، އެ މައްސަލަ ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު މިއަދު އެމައްސަލަ އަނބުރާ ނަގައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށް ދައުވާކުރި މައްސަލާގައި ހުށަހެޅުއްވި މައްސަލަ ނެގުމަށް މެމްބަރު އަބްދުﷲ މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވީނަމަވެސް އެކަމުގައި ގޮތެއް ނުނިންމާ ކޮމެޓީއަށް ހުށަހަޅާ އެހެން މައްސަލަތައް ނިންމަވަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމުގައެވެ.
އަބްދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މައްސަލަ ހުށަހެޅުއްވީ ޖޮއިންޓް ޕީޖީގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި ނަމަވެސް މަސައްލަ ކުރިއަށް ނުދާތީ ޕީޖީ ލީޑަރާވެސް މަޝްވަރާ ކުރެއްވިކަމަށެވެ.
ޕީޖީ ބިޝާމްގެ މައްސަލަ މީގެ ކުރިންވެސް ހުށަހެޅުއްވުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު މައްސަލަ ނެންގެވިއެވެ. އަދި ފަހުން އެ މައްސަލަ ހުށަހެޅުއްވީ 2018 ނޮވެމްބަރު 28 ގައެވެ.