ކޮޕަޑެލްރޭ – ވާދަވެރި ރެއަލް ކަޓުވާލުމަށްފަހު ބާސާ ފައިނަލަށް

ކޮޕަޑެލްރޭ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ރެއަލްމެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން (އެގްރިގޭޓް 4-1) ބާސެލޯނާ ކާމިޔާބުކޮށް ކޮޕަޑެލްރޭގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ލެގު ބާސާގައި ކުޅެވުނުއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައިވުމުން ރޭގެ މެޗުގައި ރެއަލްމެޑްރިޑްގެ ފަރާތުން އަވޭގޯލްގެ ފައިދާއަށްބަލާ ޑިފެންސިވް ކުޅުމެއް ފެންނާނެކަމަށް ޤަބޫލުކުރެވުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށްކުޅެ ގިނަ ހަމަލާ އުފެއްދީ ރެއަލްމެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއަލްމެޑްރިޑްއިން 6 ހަމަލާ ފޮނުވާލާފައިވާއިރު ބާސާއަށް ރެއަލްމެޑްރިޑް ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. 18 އަހަރުގެ ވިނިޝިއަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިހާފުގައި ރެއާލްމެޑްރިޑަށް ލީޑުނުގައިދޭނެ ގިނަ ފުރުޞަތުތަކެއް ލިބި ވަނީ ގެއްލުވާލާފައެވެ. މިހާފުގައި ގޯލްކުރިމަތިން ހުހަށްހުރެ ބެންޒެމާ ފޮނުވާލި ހަމަލާ ދިފާޢުކުރީ ބާސާގެ ކީޕަރ ސްޓެގެންއެވެ.

ދެވަނަ ހާފު ފަށައި ގިނައިރުތަކެއްނުވެ ރެއަލްގެ ފުރަތަމަ ހަމަލާ ކްރޫޒްގެ ހިލޭޖެހުމަކުން އުފެއްދިއިރު ބެންޒެމާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލްމަތިންނެވެ. އޭގެ ދެތިން މިނަޓް ފަހުން މެޗުގެ 50 ވަނަ މިނަޓްގައި ޑެމްބެލޭގެ ދުވެލި ބޭނުންކޮށް ރެއަލްޑިފެންޑަރުން ކަޓުވާލުމަށް ފަހު ނަގައިދިން ބޯޅަ އެންމެ ޓަޗަކުން ގޯލް ތެރެއަށް ފޮނުވާލައި ލުއިސް ސުއަރޭޒް ބާސާއަށް ލީޑުނަގައިދިނެވެ.

މިލަނޑަށްފަހު މެޗުގެ އޮއިވަރު މުޅިން ބަދަލުވިއެވެ. ކޮޕަޑެލްރޭގެ ފައިނަލަށް ދިއުމަށް ބޭނުންވެފައި އޮތް ދެޓިމުންވެސް ފުލުފުލުން އިދިކޮޅު ޓީމުގެ ގޯލަށް ހަމަލާތައް އުފަންދަން ފެށިއެވެ. ބާސާގެ ދެވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނަޓްގައި ރެއަލްމެޑްރިޑް ގެ ޑިފެންޑަރު ވަރޭން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ބާސާގެ ދެވަނަ ލަނޑަށްފަހު ބާސާގެ ހަމަލާތައް ވަރުގަދަވިއެވެ. ނަތީޖާއެއްގެ ގޮތުން ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރުމަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ހީކުރި ގޮތާ ޚިލާފަށް މެޗުގެ 73 ވަނަ މިނަޓްގައި މިޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީގެ ބަދަލުގައި ލުއިސް ސުއަރޭޒްއެވެ. މިޕެނަލްޓީއަކީ ކީޕަރަށް އޮޅުވާލުމަށްފަހު ސުއަރޭޒް ޖަހާލި ވަރަށް ހިތްގައިމު ޗިޕެކެވެ.

ސަޕޯޓަރުން ބަލާލާހިތްވާކަހަލަ ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ ރޭގެ އެލްކްލެސިކޯ ބާސާ ކާމިޔާބުކުރިއިރު ހުރިހާ ޝުކުރެއް ހައްޤުވަނީ ބާސާގެ ކީޕާރު ސްޓެގަންއަށެވެ. މިމެޗުގައި ސްޓެގަން ދެއްކި މޮޅުކުޅުމާއި ދިފާޢުކުރި ގިނަ ހަމަލާތަކަކީ ބާސާ މިމުބާރާތުގެ ފައިނަލަށްދިޔަ ސަބަބެވެ.

ކޮޕަޑެލްރޭ ފައިނަލްގައި އަނެއްކޮޅުން ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ މިރޭ 01:00 ގައި ވެލެންސިއާ އަދި ރެއަލްބެޓިސް ބައްދަލުކުރާ މެޗަށްފަހުގައެވެ. މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 25 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް