ނައިބު ރައީސް ފައިސަލް އިސްދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހައްދުންމަތީ އިސްދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްދޫ ކައުސިލަރުން ފާހަގަކުރެއްވި ކަންކަންމުގެ ތެރޭގައި އިސްދޫއާ އިސްދޫ ދާއިރާގެ ތަރައްޤީއަށް ރައްޔިތުން އެންމެބޮޑަށް އެދޭ ކަންކަމާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި ސްކޫލަށް ގެންނަން ބޭނުންވާ ތަރައްޤީއާ ރަށުގެ ދެއަވަށުގެ އާންމު ޙާލަތު ރަނގަޅުކޮށް ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ ކަންކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ ބަނދަރުގެ މަޝްރޫޢާ އިސްދޫއާ ދަނބިދޫއާ ގުޅާލާ ކޯޒްވޭގެ މަސައްކަތާއި އިސްދޫގެ ދެއަވަށާއި އިސްދޫ ދާއިރާއަށް މުހިންމު ބޮޑެތި މަޝްރޫޢުތަކާބެހޭ ގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ސަރުކާރުން މިހާރު އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތަށް މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚްތަކުގައި ނިންމެވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ އިސްދޫގެ ބައެއް މަޝްރޫޢުތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސް ވަނީ ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ވާހަކަފުޅުދައްކަވައިގެން އެކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ