"ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް. ޖިއާންއިނީ ބަލިވެ. ޝީ އިޒް ޕްރެގްނެންޓް. މަރުހަބާ. އަފްޒަލް ބައްޕައަކަށްވަނީ. މާ ބޮޑަށް ވީކް ވީމަ ވީ ގޮތެއް އެއީ. ގިނައިން މޭވާ، އަދި ތަރުކާރީ ދެވޭތޯ ބަލާ. ދެން ވީހާވެސް އަވަހަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކާ އެބޭފުޅެއްގެ އިރުޝާދާއި އެއްގޮތަށް ކުރިއަށްދޭ" ޑޮކްޓަރ، އަފްޒަލްގެ ކޮނޑުގައި ޖަހާލަމުން ހިނިތުންވެލިއެވެ. އަފްޒަލްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
ޑޮކްޓަރުގެ އެންމެ ޖުމްލައަކުން އަފްޒަލްގެ ބޮލުގައި ވަރުގަދަ އެތިފަހަރެއް މީހަކު ޖެހިފަދައެވެ. އެއީ ހަމައެކަނި ރަހުމަތްތެރިއަކަސް ހީވީ ހިތް ކުދިކުދިވެގެން ދިޔަހެންނެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔައެވެ. އެހެނަސް ޖަވާބަށް އެދެން އެއީ ރަނގަޅު ވަގުތެއް ނޫނެވެ. އަދި އެ ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް އަފްޒަލްއަށް ލިބިގެން ނުވާކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. ރިޕޯޓް އަތަށް ލައިގެން ހުރެވުނީއެވެ. ބަލާލެވުނީ ދުރުގައި ތިބި ލީނާއާއި ފަޒީލްއަށެވެ. ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ލީނާ އިސްޖަހާލީއެވެ. ފަޒީލް ބޯ ހޫރުވާލީ ދެފަރާތަށެވެ. ނޫނެކޭ ބުނާފަދައިންނެވެ.
ދެއަތުން މޫނު ފޮހެލަމުން އަފްޒަލް ހިނިތުންވެލިއެވެ. ރަހުމަތްތެރިޔާގެ އުފަލުގައި ބައިވެރިވާން ބޭނުންވާތީއެވެ. ކޮންމެވެސް ދުވަހަކުން އެސުވާލުތަކަށް ޖަވާބު ލިބޭނެކަމަށް އުއްމީދު ކުރަމުންނެވެ. ވޯޑަށް ވަދެވުމާއި އެކުގައި އަފްޒަލްގެ ލޮލުގައި އަޅައިގަތީ ނިދިފައި އޮތް ޖިއާންއެވެ. މަޑުމަޑުން ގޮސް އަފްޒަލް އިށީނީ އެނދުކައިރީގައި އިން ގޮނޑީގައެވެ. އަފްޒަލްއަށް އެއް ފަހަރު ބަލާލެވެނީ ޖިއާންއަށެވެ. އަނެއް ފަހަރު އަތުގައި އޮތް ރިޕޯޓަށެވެ. ބޭއިހްތިޔާރުގައި އަތް ނެގުނީ ޖިއާންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދުރަށް ޖައްސާލާށެވެ. ނަމަވެސް ނެގި އަތް ހުއްޓުން އެރީއެވެ. އަނބުރާ އަތްތިރިކޮށްލެވުނީއެވެ.
"އަފްޒަލް" ލޯ ހުޅުވާލެވުނު އިރަށް ޖިއާން ގޮވާލީ އަފްޒަލްއަށެވެ.
"ޖިއާން. ކިހިނެއް މިހާރު؟" މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން އަފްޒަލް އަހާލިއެވެ.
"އަހަރެން އެންމެ ރަނގަޅު. ޑޮކްޓަރު އައީތަ؟ ކީކޯ ބުނީ؟ ކޮން އިރަކުން އަހަންނަށް ގެއަށްދެވޭނީ؟" ޖިއާން އެނދުމަތީގައި އިށީނދެލަމުން ވާހަކަ ދެއްކިއެވެ.
"ޑޮކްޓަރ ބުނީ ޖިއާން ގިނައިން ސިއްހަތަށް ފައިދާހުރި ކާނާ ކާށޯ. ދެމީހުންނަށް ކާއިރުގައި ރަނގަޅު ކާނާ ނުކަންޏާ ގައިން ވަރުދެރަވާނެ އެއްނު" އަފްޒަލް ރިޕޯޓު ޖިއާންއަތަށް ދިއްކޮށްލިއެވެ.
"އޭނ. ކީކޭ. ދެމީހުންނޭ. ކީކޭ ތިކިޔަނީ؟" ޖިއާންއަށް ތެޅިގަނެވުނެވެ.
"ކޮންގްރެޓްސް. ޖިއާން މަންމައަކަށް ވަނީ. ޖިއާން ނުވެސް ބުނަމެއްނު" ލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ ކީއްވެގެންކަމެއް އަފްޒަލްއަކަށް ނޭނގުނެވެ. ޖިއާންއަކީ ހަމައެކަނި ރަހުމަތްތެރިއެކެވެ.
ޖިއާން ހުއްޓުންއެރިއެވެ. މީހާގެ ދިރިއުޅުން އަނެއްކާވެސް އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވެއްޓުނީއެވެ. އެއް އަނދަވަޅުކުން އަރައިނުގަނެވިގެން އުޅެނިކޮށް ލިބުނު ހަބަރަކުން ހިތްރޯން ފަށައިފިއެވެ.
"ލީނާމެންވެސް ބޭރުގައި އެބަތިބި. އަހަރެން އިހަށް ގޮސްލާނަން އެމީހުން ވައްދާލާފައި. ކަމަކު ބޭނުން ވެއްޖިއްޔާ އަހަންނަށް ގުޅައްޗޭ. ޖިއާންގެ ފިރިމީހާ ނޫނަސް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ކޮށްދެވުނު ކޮންމެ ކަމެއް އަހަރެން ކޮއްދޭނަން" އަފްޒަލް ބޭނުންވީ އެތަނުން ނުކުމެގެން ދާށެވެ.
އަފްޒަލް ނުކުންނަންދެން ޖިއާންއަށް ކެތްކުރެވުނީ ކިރިޔާއެވެ. ބަޑިފަޅައިގެން ދިޔައީއެވެ. ކޯތާފަތްމައްޗަށް ކަރުނައިގެ ކޯރު ބަންޑުންވީއެވެ. ލީނާ ގޮސް ޖިއާންގެ ގައިގާ ބައްދާލިއެވެ. ނަމަވެސް ޖިއާންއަށް ހިތްވަރެއް ލިބޭގޮތެއް ނުވިއެވެ. ގިސްލެވެނީއެވެ.
"ޖީ ދެން ނުރޮއިބަ. ބުނެއެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ. އެހެން ހީކޮށްބަލަ. ދެރަގޮތެއް ނުވާނެއޭ. ހިތްވަރު ކުރަންވާނެ ކޮންމެ ކަމެއްގަވެސް. އެހެން ނޫނަސް އަހަންނާއި ފަޒީލްވެސް މިހުރީނު ޖީއާއި އެކުގައި. އަނެއްކާ އަފްޒަލްވެސް އެހެރީ އެއްނު" ލީނާ ޖިއާންގެ ގައިގާ ފިރުމަމުން ބުންޏެވެ.
"އަފް.. އަފްޒަލް ހިތަށް އަރާނީ ކީކޭ؟ އަހަރެން އޭނައަށް އޮޅުވާލީއޭ. ދޮގު ހެދީއޭ. އަހަންނަށް ދެން ދުވަހަކުވެސް ނުކެރޭނެ އަފްޒަލްއާއި ހަތަރު ކަޅި ހަމަކޮށްލަންވެސް. އަހަރެން ބޭނުމެއް ނޫން. އަހަންނަކަށް މިކަމެއް ނުވާނެދެނެއް. ލީން، އަހަންނަކަށް ނުވާނެ. މިނޫންގޮތެއް އަހަންނަށް ނެތީތަ؟" ރޮމުން، ގިސްލަމުން ޖިއާން ވާހަކަދެއްކިއެވެ.
"ދެން ހުއްޓަބަލަ. ހިތްވަރު ކުރަންވާނެ." ލީނާއަށްވެސް ރޮވެން ފެށުނެވެ.
އަފްޒަލް ގެއަށް ދިޔުމާއި އެކުގައި ވަނީ ކޮޓަރިއަށެވެ. ސިޓިންގ ރޫމްގައި އެންމެންތިބި އިރު އެއްވެސް މީހަކާއި އަނގައިންވެސް ނުބުނެއެވެ. އަފްޒަލްއަށް ކަމެއް ވެއްޖެއްކަން ޒީނިޔާ ވަގުތުން ދެނެގަތެވެ. އެހެން ކަމުން އަފްޒަލްގެ ފަހަތުން ގޮސް ކޮޓަރިއަށްވަނެވެ. އަފްޒަލްއިނީ ބިންމަތީގައި އިށީނދެގެންނެވެ. އެނދުގައި ލެނގިލައިގެންނެވެ. ދެލޯ މަރާލައިގެން އިނީ ރޮވިދާނެތީ ބިރުންނެވެ.
"ދަރިފުޅާ. ކަމެއްވީތަ ބިންމަތީގައި ތިއިނީ؟" ޒީނިޔާ އައިސް އަފްޒަލް ކައިރީ އިށީނދެލިއެވެ.
"މަންމަ" އަފްޒަލްއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ފެށުނީ ރޯށެވެ.
"އަފޫ. ކިހިނެއްވީ؟ މަންމަ ގާތުގައި ބުނެބަލަ" ޒީނިޔާ ކަންބޮޑުވިއެވެ.
"މަންމާ. އެއީ ހަމައެކަނި ރައްޓެއްސެއް. ދިމާވީވެސް އިހަކަށް ދުވަހަކު. ވަރަށް ގިނަ ވާހަކަދައްކާ ހެދިން. އެކަމަކު އެ ކުއްޖާ ނުވެސް ބުނޭ ފިރިއަކު ހުންނަ ވާހަކައެއް. މިރޭ އަހަންނާއި އެކުގައި ހުއްޓާ މާ ބޮޑަށް ބަލިވީމައި ހޮސްޕިޓަލަށް ގެންދިޔައީ. ޑޮކްޓަރު ޓެސްޓުތަށް ހަދާފައި ބުނީ އޭނަ ބަނޑުބޮޑޯ. މަންމާ.. ކީއްވެގެންތަ އަހަންނަށް މިރޮވެނީ؟ ކީއްވެގެންތަ އަހަރެން މި ދެރަވަނީ؟ އަހަރެން އުފަލެއްނޫންތަ ވާންޖެހޭނީ އޭނައަށް ކުއްޖަކު ލިބެން އުޅޭތީ." ރޮމުން އަފްޒަލް އޭނާގެ މަންމައާއި ވާހަކަ ދެއްކިއެވެ.
"ދަރިފުޅު އެއީ ރައްޓެއްސެއް ކަމަށް ދެކުނަސް ދަރިފުޅުގެ ހިތް އެހެންގޮތަކަށް ދެކެނީ ކަމަށްވެސް ވެދާނެއެއްނު؟ އެކަމަކު އެ ކުއްޖާއަށްޓަކައި ދަރިފުޅު އުފާވާންވާނެ. ބައެއް ފަހަރު ލޯބިވާ ކުއްޖަކު ނުލިބި ހިނގައިދާނެ. އެކަމަކު އެ ކުއްޖަކަށްޓަކައި ދަރިފުޅަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެ ކުއްޖާގެ އުފާތަކުގައި ހިނިތުންވަމުން އުފަލާއި އެކުގައި ޝާމިލްވުން. އަދި އެއަށްވުރެ މާ ރަނގަޅު ކުއްޖަކުވެސް ދަރިފުޅުގެ ދިރިއުޅުމަށް އައިސްދާނެ އެއްނު." ޒީނިޔާ ބޭނުންވީ ދަރިފުޅަށް ހިތްވަރުދޭށެވެ.
"މަންމާ އެއީ ހަމައެކަނި ރަހުމަތްތެރިއެކޭ. އަހަންނެއް ލޯތްބެއް ނުވެއޭ އެ ކުއްޖާދެކެ" އަފްޒަލް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިއެއް ކަމަކު އެކަން ގަބޫލުކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ.
"އެންމެ ރަނގަޅު. މަންމަގެ އަފޫ އެކުއްޖާދެކެ ލޯތްބެއް ނުވޭ." ޒީނިއާ ދަރިފުޅުގެ މައުސޫމްކަން ފެނި ހިނިތުންވެލިއެވެ.
"މަންމާ. އެކުއްޖާ ކީއްވެތަ އެވާހަކަ އަހަރެން ކައިރިގައި ނުބުނީ؟ ބުނިނަމަވެސް އަހަރެން އުފާވާނަމޭ." އަފްޒަލްއަށް އަދިވެސް ރޮވެނީއެވެ.
އަފްޒަލްއަށް ރޮވެނީ ކީއްވެގެން ކަމެއް ހުދު އަފްޒަލްއަށްވެސް ނޭނގުނެވެ.
ޖިއާން އިށީނދެގެން އިނީ ގޯތިތެރޭގައި ހުރި ޖޯއްޔެއްގައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނެތެވެ. ކިތަންމެ ވަރަކަށް އެ ކަރުނަތަށް ފޮހުނެއް ކަމަކު ދެލޮލުން ކަރުނަ ހުސްނުވާ ފަދައެވެ. މަޑުމަޑުން ޖޯލިން ތެދުވެގެން ގޮސް ޖިއާންވަނީ ކޮޓަރިއަށެވެ. ކޮޓަރި ތަޅުލުމައްފަހުގައި ގޮސް އެނދަށް އަރާ އޮށޯތީއެވެ. ދެލޯ މަރާލައިގެންނެވެ. ލީނާ އައިސް ކޮޓަރި ދޮރުގައި ހުއްޓާ ނުލާ ޓަކި ޖެހިމުންވެސް ދޮރު ހުޅުވަން ބޭނުން ނުވެފައެވެ. ޖިއާންއަށް ނިދުނީ ކަމަށް ހީކޮށް ލީނާވެސް ޓަކިޖެހުން ހުއްޓާލީއެވެ. ހަދައިގެން ގެނައި ލުނބޯ ފަނިތަށި ގެންގޮސް ފްރިޖަށް ލީއެވެ.
ދެލޯ މަރާލައިގެން އޮތް ޖިއާންވަނީ ގޮތް ހުސްވެފައެވެ. މީހުން ދައްކާނެވާހަކަތަށް ހިތަށް އެރުމުން ދެރަވަނީއެވެ. އެކަނި ކުޑަކުއްޖެއް ގެންގުޅޭނެ ގޮތަކާއި ދޭތެރޭގައެވެ. އެ ދަރިފުޅަށް މުޖްތަމައުގައި ލިބޭނެ ހުތުރު ނަމެއްގެ ސަބަބުންނެވެ. އަފްޒަލްއަށް ގުޅާލަންވެސް ހިތަށް އެރިއެވެ. އަފްޒަލްއާއި ވާހަކަ ދައްކާލުމުން ހިތަށް ހަމަޖެހުމެއް ލިބިދާނެތީއެވެ. ނަމަވެސް އެކަންވެސް ކުރަން ޖިއާންއަކަށް ނުކެރުނެވެ. އަފްޒަލް ޖިއާންއާއި ދޭތެރޭގައި ދެކޭނެ ގޮތެއް ނޭނގޭތީއެވެ. އެކަނިވެރިކަމުގެ ސާލެއް އޮޅާލައިގެން އޮންނަން މަޖުބޫރުވިއެވެ. ދުނިޔެއާއި ކުރިމަތިލާން ބޭނުންނުވާ ހާލުގައެވެ. ދެލޯ ހުޅުވާލެވުނީ ފޯނު ވައިބްރޭޓް ވުމުންނެވެ.
"ދޫކޮށްލީތަ؟ މިހާރު ރަނގަޅުތަ؟ އެއްޗެއް ކައިފިންތަ؟ ކޮންގްރެޓްސް" އަފްޒަލް ފޮނުވި މެސެޖު ޖިއާން ކިޔާލިއެވެ. އަފްޒަލްއަށް ހުރިހާ ހަގީގަތެއް ކިޔާދޭން ޖިއާންގެ ހިތަށް އެރި ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ.
"ސޮރީ" ޖިއާން މެސެޖުގައި ލިޔެލާފައި ފޮނުވާލިއެވެ. މައާފަށް އެދުނީ އަފްޒަލްއަށް ހަގީގަތް ކިޔާދޭނެހާ ހިތްވަރެއް ނެތުމުންނެވެ.
"ކޮން ކަމަކާ؟" އަފްޒަލް އަނެއްކާވެސް މެސެޖު ކުރިއެވެ. ނަމަވެސް އެ މެސެޖަކަށް ޖިއާން ޖަވާބެއް ނުދެއެވެ. އަފްޒަލް ޖަވާބަށް އިންތިޒާރު ކުރި ނަމަވެސް އިތުރު މެސެޖެއް ކުރާކަށް ނުކެރުނެވެ. ފޯނު އަތަށް ލައިގެން ދެމީހުންނަށްވެސް ތިބެވުނީއެވެ.
މާޒިންއަށް ހޭލެވުނީ މީހަކު ކޮޓަރި ދޮރުގައި ޓަކިޖެހުމުންނެވެ.
"ކާކު" ދެލޯ އުނގުޅަމުން މާޒިން ދޮރު ހުޅުވާލިއެވެ. އަފްޒަލް އެވަގުތު ފެނުމުން މާޒިން ހައިރާންވިއެވެ.
"ބްރޯ ކަމެއްވީތަ؟ ހާދަ ނު ވަގުތެއްގައި؟" ދޮރު ހުޅުވާލާ އަފްޒަލްއަށް އެތެރެއަށް ވަންނަން ފުރުސަތު ދެމުން މާޒިން ވާހަކަ ދެއްކިއެވެ.
"ކަމެއްނުވޭ. ހަމަ މިކޮޓަރީގައި އޮންނަ ހިތްވީ" އަފްޒަލް ކަރުކެހިލަމުން ބުންޏެވެ.
"ޔަގީން ކަމެއް ނުވާކަން؟" މާޒިންއަށް ގަބޫލު ކުރަން ދަތިވިއެވެ.
އިތުރަށް އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އަފްޒަލް ގޮސް އޮށޯތީ އެނދުގެ އެއްފަޅީގައެވެ.
"މާޒިންއަށް އެނގޭތަ؟ ޖިއާން ބަނޑުބޮޑު. އަހަންނަކަށް ނޭނގޭ އެކަމާއި އަހަރެން ދެރަވާންވީ ކީއްވެގެން ކަމެއް. އަހަރެންގެ ސިކުނޑި ސުމަކަށްދާހެން ހީވަނީ. ކިހިނެއްހޭ ކިޔާފަ މެސެޖު ކުރީމަ ޖިއާން ހަމައެކަނި ބުނީ ސޮރީއޭ. ކީއްވެގެން ކޮން ކަމަކަށް ކަމެއްވެސް ނުއެއް ބުނި. އިތުރަށް މެސެޖު ކުރަންވެސް އަހަންނަކަށް ނޭނގުނު. ގުޅަންވެސް ހިތަށް އެރި، އެކަމަކު ނުކެރުނު. ހަމައެކަނި ވިސްނެނީ ޖިއާންއާއި ދޭތެރޭގައި. ރަހުމަތްތެރިއކާއި ދޭތެރޭ ވިސްނުމަކީ ގޯސްކަމެއް ނޫނެއްނުދޯ." އަފްޒަލް ބޭނުންވީ މާޒިންއާއި ވާހަކަ ދައްކައިގެން ވިޔަސް ހަމަޖެހިލާށެވެ.
"ސޯ ފައިނަލީ ބްރޯއަށް ލޯބި ވެވުނީ؟ ޖިއާންދެކެ؟" މާޒިން އަފްޒަލް ކައިރީ އެނދަށް އަރަމުން ބުނެލިއެވެ.
"ލޯތްބޭ؟ ޖިއާންދެކެ؟ ނޫން" އަފްޒަލް އަދިވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.
"ދެން ކޮން ކަމަކަށްބާ ލޯތްބޭ ކިޔަނީ؟ ބަލަ އަހަރެންގެ ރައްޓެހިން ތިބެޔޭ. އެކަމަކު އެމީހުންނާއި ދޭތެރޭ އަހަންނެއް ނުވިސްނަން ނިދި ގެއްލޭ ވަރަކަށް." މާޒިން ބެލީ ވީހާވެސް އޯގާތެރިކޮށް ވާހަކަ ދެއްކޭތޯއެވެ.
"މި ބުނީ އެއްނު އަހަރެން ޖިއާންދެކެ ލޯތްބެއް ނުވެއޭ. އެއީ ހަމައެކަނި ރައްޓެއްސެކޭ." އަފްޒަލް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އެހެން ވިއްޔާ ބުނެބަލަ. ޖިއާންއާއި ވާހަކަ ދައްކާ އިރު އުފާވެރިކަން އިހްސާސްކުރެވޭތަ؟ އޭނަޔާ ބައްދަލު ކުރެވޭނެ ވަގުތަކަށް އިންތިޒާރު ކުރެވޭތަ؟ އޭނަ ދައްކާ ވާހަކަތަށް އަބަދުހެން ކަންފަތުގައި ހަރުލާފައި ހުރޭތަ؟ މަގުމަތީ ހިނގާ އުޅޭއިރުގައި ޖިއާން ފެނޭތޯ ދެކޮޅު ހޯދާ ބެލޭތަ؟ އޭނަ ކީއްބާއޭ ކުރާނީ މިހާރު، ކައިފާނެބާއޭ، މިކަހަލަ ސުވާލުތަކެއް ހިތަށް އަރާތަ؟ ޖިއާންއާއި އެކުގައި ހޭދަވީ ވަގުތު ތަކުގައި އޭނައަށް ބަލަން އިނދެވޭތަ؟ ހިތާހިތުން އޭނަގެ ރީތިކަމަށް ތައުރީފް ކުރެވޭތަ؟" މާޒިން ފައްޗަކަށް އަމުނާލިއެވެ.
"ބޭކާރު ވާހަކަ ނުދައްކާ ނިދަން އުޅޭ" ފުރަތަމަ ފަހަރަށް ޖިއާންދެކެ ވެވެނީ ލޯބިކަން އަފްޒަލްއަށް ގަބޫލުކުރެވުނެވެ.
ނުނިމޭ