"ބަލިވެ އިނީއްސުރެ ޖިއާން ކޮޓަރިން ބޭރަކަށް ނުނިކުމޭ. އަހަރުމެންނާވެސް ވާހަކަ ދައްކަނީއެއް ނޫން. މުޅިން އެކަނިވެފައި އިންނާތީ އަފްޒަލް އައިސް އޭނަ ހަމައަކަށް އެޅުވޭތޯ ބަލާލަދޭށޭ ބުންނަންވެގެން." ފަޒީލް ޖެހިލުންވެ ހުރެ ވާހަކަދެއްކިއެވެ.
"އެއީ ކީއްވެ ޖިއާންއަށް އެވަރުގެ ބަދަލެއް އައީ؟ އެހެން ނޫނަސް އަހަރެން ދިޔައިމަ ކިހިނެއްވާނީ؟ އޭރުން ޖިއާންގެ ފިރިމީހާ ހިތްހަމަ ނުޖެހިދާނެ. އަނެއްކާ މިހާރު ޖިއާން އަހަންނާއި ވާހަކައެއްވެސް ނުދައްކާ" އަފްޒަލްގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
"ޖިއާންގެ ފިރިއަކު ނުހުރޭ" ފަޒީލްއަށް އެހެން ބުނެލެވުނީ ވިސްނާނުލައެވެ.
"ކީކޭ؟ތި ބުނި އެއްޗެއް އަދި އެއްފަހަރު ބުނެބަލަ." ފޯނު ކަންފަތުގައި ޖައްސާ ފިއްތާލަމުން އަފްޒަލްއެހިއެވެ.
"ޖިއާންގެ ފިރިއަކު ނުހުރޭ. އެކަމަކު އެއަށްވުރެ އިތުރަށް އަހަންނަކަށް އެއްވެސް ވާހަކައެއް ނުބުނެވޭނެ." އިތުރަށް އެއްޗެއް ބުނެވިދާނެތީ ފަޒީލް ޖެހިލުންވެހުރެ ބުންޏެވެ.
"އަހަރެން އެބަދަން. ވަރަށް އަވަހަށް އެބަދަން" އަފްޒަލް އަވަސްއަވަހަށް ފޯނު ބޭއްވީ އެގެއަށް ދިޔުމަށެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަފްޒަލްއަށް ހުރެވުނީ ހިނިތުންވެލަންވެސް ނޭނގިފައެވެ.
"ޖިއާންގެ ފިރިމީހާ ކީއްވެބާ ޖިއާން ވަރިކުރީ. ޖިއާން ކައިވެންޏެއް ކުރިކަންވެސް ކީއްވެގެންބާ އަހަރެންގެ ކައިރީގައި ނުބުނީ. މީގެ މާނައަކީ އަހަންނަށް ޖިއާން ލިބުމުގެ ކުޑަ ނަމަވެސް ފުރުސަތެއް އެބައޮތޭބާ؟" އަފްޒަލްގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ދުވަމުން އެގޭދޮށަށް ދެވުނު ގޮތްވެސް ނޭނގުނެވެ.
"ފަޒީލް" މާނޭވާ ލެވިފައި ހުރި އަފްޒަލް ފަޒީލްއަށް ގޮވާލީ އެގޭދޮށަށް ހުއްޓެމުންނެވެ. ޖޯލިން ތެދުވެގެން ފަޒީލް އަފްޒަލްގާތަށް ގޮސް ހުއްޓުނެވެ.
"އަފްޒަލް ދުވެފައިތަ މިތަނަށް ތިއައީ؟" ފަޒީލް ބޯ ހޫރާލަމުން އަހާލިއެވެ.
"ޖިއާންގެ ހަމަ އަސްލުވެސް ފިރިއެއް ނުހުރޭތަ؟" ލަހެއްފަހެއް ކުރުމެއްނެތި އަފްޒަލް އަހާލިއެވެ.
"ނުހުރޭ" ފަޒީލްގެ ޖަވާބު ކުރެވެ.
"ކޮންއިރަކު ޖިއާން ވަރިވީ؟" ދޭ ދޮރާށި ބުޑުގައި ހުރެގެން އަފްޒަލް އަނެއްކާވެސް އަހާލިއެވެ. އަފްޒަލްގެ މި ސުވާލާއި އެކުގައި ފަޒީލް ބަލާލީ ލީނާގެ މޫނަށެވެ. ލީނާ ދެކޮޅަށް ބޯ ހޫރުވާލުމުން ފަޒީލްއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެ މަންޒަރު އަފްޒަލްއަށްވެސް ފެނުނެވެ.
"ސިއްރު ނުކޮށް އަހަންނަށް ކިޔާދީބަލަ. އޭރަށްނު އަހަންނަށް ވާނުވާ އެނގޭނީ؟" ކެތްމަދުވެފައިވާ އަފްޒަލްއެދުނެވެ.
"އެއީ ޖިއާންގެ އަމިއްލަ ކަމެއް. ޖިއާންގެ ދިރިއުޅުމުގެ ވާހަކަތަށް އަފްޒަލްއާއި ހިއްސާ ކުރުމުގެ އެއްވެސް ހައްގެއް އަހަރުމެންނަށް ލިބިގެނެއް ނުވޭ. އަހަރުމެން ބޭނުންވަނީ އަފްޒަލް ޖިއާން ހަމައަކަށް އަޅުވަން އެހީތެރިވެދޭން. މި މުޅި ރަށުގައި ވެސް އަހަރުމެން ދެމީހުން ފިޔަވާ ޖިއާންގެ ހުރި ހަމައެކަނި ރަހުމަތްތެރިއަކީ އަފްޒަލް." ފަޒީލް މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"ފަޒީލްއަށް ނޭނގިދާނެ. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އަހަރެންގެ ހިތުގައި ޖިއާންއަށް އޮތީ ހަމައެކަނި ރަހުމަތްތެރިކަމުގެ ލޯބިހެނެއް. އަދި އަމުދުން މިހާރު ޖިއާން ސިންގަލްކަން އެނގުނީމަ އަހަންނަށް ޝައްކު އަހަންނަށް ޖިއާންއަކީ ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުން ދެކެވިދާނެ ކަމަށް." އަފްޒަލް އޮޅުވާލުމަކަށް ބޭނުމެއް ނުވިއެވެ.
"ނޫން އަފްޒަލް. އަފްޒަލްގެ ހިތަށް ބާރު ފޯރުވާ. ލަސްކުރުމެއްނެތި ބާރުފޯރުވަން މަސައްކަތްކުރޭ. މިހެން މި ބުނީ ޖިއާންއަކީ ގޯސްކުއްޖަކަށް ވާތީއެއް ނޫން. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ޖިއާން އެހާ އަވަހަށް ދިރިއުޅުމެއް ފަށަން ގަސްތުކުރާ ހެނެއް. އަފްޒަލްގެ ހިތް ހަލާކު ވުމަށްވެސް އަހަރުމެން ދެމީހުނެއް ނޭދެން." ލީނާ ފަޒީލްގެ އަތުގައި ހިފާލަމުން ބުންޏެވެ.
"އެހެންވީމައޭ ލީނާމެން އަހަންނަށް އެހީވާންވީ އޭނަގެ ހިތްހޯދަދޭން. ލީނާމެންނަށް ވުރެ ބޮޑަށް އޭނަ އެނގޭނެ އެއްވެސް މީހަކު މިރަށުގައި ނުހުންނާނެކަން އަހަންނަށް އެނގެއޭ." އަފްޒަލް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ.
"ޖިއާންގެ ހިތްހޯދަން ވަރަށް އުނދަގޫވާނެ. ވަރަށް ވަގުތު ނަގާނެ. ނުވެސް ލިބިދާނެ. އަފްޒަލް ބޭނުންތަ ޔަގީންކަން ނެތްކަމެއްގައި ވަގުތުތަކެއް ބޭކާރު ކުރަން؟" ފަޒީލްބެލީ އަފްޒަލްއަށް ވިސްނާދެވޭތޯއެވެ.
"އުނދަގުލަކަސް ހަމަ އެކަން ވެދާނެއެއްނު؟ އަހަންނަށް ޖިއާންގެ ހިތް ހޯދިދާނެއެއްނު؟ ކީއްވެގެން އެގޮތަށް ފަޒީލްމެން ނުވިސްނަނީ؟" އަފްޒަލް ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ޖިއާންގެ ހިތްހޯދާށެވެ.
"އަހަންނަކަށް ހިއެއްނުވޭ ޖިއާންގެ ހިތް ލިބިދާނެހެނެއް." ލީނާ އަފްޒަލްއަށް ބަލާލިއެވެ.
"އެއީ ކީއްވެ؟" ސުވާލަކަށް ފަހު ސުވާލެއް އަފްޒަލްއަށް ކުރެވެމުން ދިޔައެވެ.
"ޖިއާން ފިރިހެނުންނަށް މިހާރު އިތުބާރު ނުކުރާތީ" ލީނާ އިސްޖަހާލިއެވެ.
"އެންމެ ރަނގަޅު. ލީނާމެން އަހަންނަށް ހުރިހާ ހަގީގަތެއް ކިޔާ ނުދެންޏާ އަހަރެން ހަމަ މިވަގުތު މިތަނުން މިދަނީ. އަހަރެން ވައުދުވަން. ލީނާމެން އަހަންނަށް ކިޔާދޭ އެއްވެސް ވާހަކައެއް އަހަރެން ޖިއާން ގާތުގައެއް ނުބުނާނަން. އަހަރެން މިއީ އަބަދުވެސް ބުނާ ބަހުގައި ހިފަހައްޓާ މީހެއް" އަފްޒަލް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ނަތީޖާއަކަށް ވީ ލީނާއަދި ފަޒީލް ގޮތްދޫކުރުމެވެ. ޖިއާންއަށް ދިމާވި ހުރިހާ ކަމެއް އެމީހުންނަށް އެނގޭ މިންވަރަކުން އަފްޒަލްއަށް ކިޔާދިނުމެވެ.
ހުރިހާ ވާހަކައެއް ކިޔާދީ ނިމުނު އިރުގައި ލީނާއަށް ވަނީ ރޮވިފައެވެ. ފަޒީލް ލީނާގެ ގައިގާ ބައްދާލިއެވެ. އަފްޒަލްއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ.
"ފުޅިއަކަށް ލާފައި އެއްވެސް ލިޔުމެއް ކަނޑަށް ވައްޓާލިކަން އެނގޭތަ ޖިއާން؟" ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުންދިޔަ އަފްޒަލް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހާލިއެވެ.
"އާނ. އެކަމަކު އެ ލިޔުން ފުޅިއަކަށް ލާފައި ހުޅުލޭ ފަޅުން ބޭރަށް ވައްޓާލީ އަހަރެން. އެއީ ޖިއާންގެ އެއްވެސް ހުއްދައެއް ނެތި. ކިހިނެއް އަފްޒަލްއަށް އެނގުނީ؟" ލީނާއަށް އަހާލެވުނެވެ.
ލީނާގެ ސުވާލުގެ ޖަވާބު ދިނުމެއްނެތި އަފްޒަލް ފަސްއެނބުރި ހިނގައިގަތީއެވެ. އެދެމީހުންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ. ވީ ނުވީއެއް ނޭނގި ލީނާއާއި ފަޒީލްއަށް ހުރެވުނީއެވެ.
***
ޖިއާންގެ ހަގީގަތް އެނގުނުތާ ދެތިންގަޑިއިރު ވެއްޖެއެވެ. އަފްޒަލްއިނީ އަތިރިމަތީގައައެވެ. ކުޑަތަންކޮޅެއް ދުރުގައި ބޯޅަ ކުޅެން ސާދަ ފަނަރަ އަހަރުގެ ދެތިން ކުއްޖަކު އުޅުނެވެ. ދެމުންދާ އަވީގެ ސަބަބުން ކިތަންމެ ހޫނެއްވީ ނަމަވެސް އެވަގުތު އެތަނުން ދިޔުމަށް ބޭނުމެއް ނުވެފައި އަފްޒަލްއަށް އިނދެވުނީއެވެ. ވަށައިގެން އެކިތަންތަނަށް ބެލެނީއެވެ. މާދުރުން މާސިންގާ ކަނޑުން ފެންނަމުން ދިޔަ ބޯޓުތަކަށެވެ. ބާރުބާރަށް ދުއްވަމުންދިޔަ ލޯންޗުތަކަށެވެ. ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅުތަކާއި އަތިރިމަތީގައި ވި ހުދު ދޮންވެއްޔަށެވެ. ކޮންމެ ދިމާއަކަށް ނަޒަރު ހިންގި ކަމުގައި ވީނަމަވެސް އަފްޒަލްގެ ވިސްނުމުގައި ވަނީ އެންމެ މީހެކެވެ. އެންމެ ނަމެކެވެ.
ކަންތައްކުރަންވީ ގޮތެއް ނޭނގި މާޔޫސްވެފައި އަފްޒަލްއަށް އިނދެވުނީއެވެ. ހިތުގައި އުފެދުނު ހައިޖާނުގަނޑުން ސަލާމަތްވުމަށް މާޒިންއަށް ގުޅާލަން ހިތަށްއެރި ދެނެވެ.
"ކީއްކުރަނީ؟" މާޒިން ފޯނު ނެގުމާއި އެކުގައި އަފްޒަލް އަހާލިއެވެ.
"ބްރޯ މިއުޅެނީ ވަރަށް ދެރަކަމެއް ދިމާވެގެން. އަހަރެން ކުޑައިރު ބްރޯ ހަދިޔާއަކަށް ދިން ދޯނި. އެ ވެއްޓިގެން މިއުޅެނީ" ފުން ނޭވާއެއް ލަމުން މާޒިން ވާހަކަ ދެއްކިއެވެ.
"އެއީ މީހަކު ދެރަވާ ވަރުގެ ކަމެއް؟ އެހެން ނޫނަސް އެއަށް ހާދަ ދުވަހެއްވެއްޖެޔޭ. އޭތި އެއްލާލަންވެސް ނުވަނީތަ؟" އަފްޒަލް ހިނިގަނޑެއް ޖަހާލިއެވެ.
"ނޫނޭ. އަހަރެން ލޯބިވާ އެއްޗެއް އަހަންނެއް އެއްލައެއް ނުލާނަން އަދި ހަލާކުވިއެކޭ ކިޔާފައި. އަހަރެން ބަލާނީ އެއެއްޗެއް ހެދޭތޯ. ތެރަސް އަޅާ ތަތްކޮށްގެންވެސް، ޓޭޕްއޮޅައިގެންވެސް އަހަރެން ލޯބިވާ އެއްޗެއް އެއްލައެއް ނުލާނަން." މާޒިން ވާހަކަ ދެއްކީ އެ ދޯންޏާއި ބެހޭގޮތުންނެވެ. ނަމަވެސް އަފްޒަލްއަށް ހީވީ އަފްޒަލްގެ މައްސަލައަށް ހައްލެއް ލިބުނު ހެންނެވެ.
"އާނ. އަހަރުމެން ލޯބިވާ މީހަކު އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ. ކޮންމެ ގޮތަކުންވެސް އެމީހަކާއި އެކުގައި ވާންވާނެ. އަހަރެންވެސް ހަދާނީ އެހެން" އަފްޒަލްއަށް ހިނިތުންވެލެވުނެވެ.
"ބްރޯ ކީކޭ ތިކިޔަނީ؟ މަ މި ދައްކަނީ މި ދޯނީގެ ވާހަކައޭ" މާޒިން ހައިރާންވިއެވެ.
"ތެންކްސް އިނގޭ" އަފްޒަލްއަށް ހުރިހާ ކަމެއްގެ ހައްލު ލިބުނުހެން ހީވިއެވެ.
***
ޖިއާން ހުއްޓިލައިގެން ހުރީ ޖިއާންގެ ކޮޓަރީގެ ބެލްކަނީގައެވެ. ދެބުރިއަށް ހަދާފައި ހުންނަ އެގޭގައި ލީނާމެން އުޅެނީ ދެވަނަ ބުރީގައެވެ. ޖިއާން ބަލަމުން ދިޔައީ މާދުރުނޫން ގެއެއްގެ ފުރާޅުމަތީގައި ތިބި ބުޅާތަކަކަށެވެ. މަންމަ ބުޅަލުގެ ވަށައިގެން ކުދި ބުޅާތަށް ސަކަރާތް ޖެހުމުގައި އަވަދިނެތި އުޅެމުންދެއެވެ. ބައެއް ފަހަރު މަންމަ ބުޅާ ގާތަށް ގާތްވެލައެވެ.
ޖިއާންގެ ހިތަށް އަރަމުން ދިޔައީ ޖިއާންއަށް ކުއްޖަކު ލިބުމުންދެން ކަންތައް ވާނެ ގޮތަކާއި ދޭތެރޭގައެވެ. އެއީ ޖިއާން އުއްމީދު ކުރިގޮތެއް ނޫނެވެ. ނަމަވެސް އުއްމީދު ނުކުރާ ކިތަންމެ ކަމެއް ޖިއާންގެ ދިރިއުޅުމުގައި އަންނަނީ ވަމުންނެވެ. ކިތަންމެ ވަރަކަށް ހިތްވަރު ކުރަން މަސައްކަތް ކުރަން އުޅުނު ނަމަވެސް އެކަން އަންނަނީ ނާކާމިޔާބު ވަމުންނެވެ. ލޮލުން އޮހެމުން ދަނީ ހުއްޓުމެއް ނެތް ކަރުނައެވެ.
"ސަރޕްރައިޒް" ޖިއާން ސިއްސައިގެން ދިޔައީ ދޮރު ކޮޓަރިތެރެއިން އަފްޒަލް ގޮވާލި އަޑަށެވެ.
ނުނިމޭ
ހިޔާލު
❤❤❤