ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ނަދުރު ބުނެގެން ޒިޔާރަތްކޮށް އަދި ވަރަށްބޮޑަށް މީހުންގެ މެދުގައި އިހުތިރާމްކުރެވޭ ރަށެއްކަމުގައިވާ މަތީރަށްފުޅަކީ ހަތިފުއްޓާއި ހޯރަފުށި ހިމެނޭ ފަޅުގައިވާ ކުޑަކުޑަ ރީތި ފަޅުރަށެކެވެ.
މަތީރަށް މަސްހޫރުވީ އެ ރަށަށް ލެއްގި ސަންދޯކެއްގައި އޮތް ވަލީވެރި ބޭކަލަކު އެރަށުގައި ފަސްދާނުލެވުމަށް ފަހުގައެވެ. ބުނެވޭގޮތުގައި އެބޭކަލަކީ ޝަރީފް އަލީ އަލް މައްކީ އޭ ކިޔުނު ބޭކަލެކެވެ.

މިހާރު މާގިނަ ބަޔަކަށް މިޒިޔާރަތާބެހޭ މައުލޫމާތެއް ނޭގެއެވެ. އެކަމަކު މިރަށާ ބެހޭގޮތުން ދެކެވޭ ބައެއްފޯކްލޯރުތައް ހަތިފުށީގެ އުމުރުން ދުވަސްވީ ބައެއް މީހުން ކިޔައި އުޅެއެވެ.
ވާހަކަތަކުގައި ކިޔައި އުޅޭގޮތުން މީގެ އެތައްޒަމާނެއް ކުރީން ހަތިފުށީގެ ފަޅުގައި އޮތްފިނޮޅަކަށް ބޮޑު ލަކުޑިފޮއްޓެއް ލެއްގިއެވެ. މިފޮށި އެންމެ ފުރަތަމަ ފެނުނީ ހަތިފުށީގެމަސްވެރިއަކަށެވެ. ލެއްގިއިރު ފޮށީގެ ބައެއް ތަންތަން ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންކަމުން ފޮށިތެރެއަށް ބަރަވެލިތަކާއި ކަކުނިތައް ވަދެނިކުމެ އުޅެއެވެ. ފޮށިތެރޭގައި ކޮންމެވެސް ކަހަލަ ޚަޒާނާއެއް ވެދާނެކަމަށް ހީކޮށް މުސްކުޅި މަސްވެރިއާ ރިތެއްބޭނުންކޮށްގެން ފޮށި ހުޅުވުމަށް މަސައްކަތް ކުރިއެވެ. އެކަމަކު ފޮއްޓެއް ނުހުޅުވުނެއެވެ. މާގިނައިރުތަކެއްނުވެ އޭނާގެ އަތް ވާވެ ހަރަކާތްތައް ހުއްޓުނެވެ. މިހެންވުމުން ވަރަށްބޮޑަށްހިތްވަރުލާފައި ރަށަށް ދިޔުމަށް މަސައްކަތްކޮށްގެން ހަތިފުށީގައިވާ އޭނާގެ ގެއާހަމައަށްދެވޭވަރުވީ ހަމަ ކިރިޔާއެވެ. ޖެހިގެން އައިދުވަހު ހަތިފުށީގެ ރައްޔިތުން މިކަން ތަހުގީގުކުރުމަށްޓަކައި އެ ފޮށި ކައިރިއަށް ދިޔައެވެ. އޭރު ދެބައިކުޅައެއްބައި ވަޅުލެވިފައިވާ ފޮއްޓަކީ ސަދޯކެއްކަން އެމީހުންނަށް އެގިއްޖެއެވެ. ފޮށީގެ މަތީގައި އަރަބި އަކުރުން ބިންވަޅުނަގައި ލިޔެފައިވާ ލިއުމެއް ފެންނާން ހުއްޓެވެ. އެލިއުމުގައި ވަނީ ޝަރީފް އަލީ އަލް މައްކީ މިހެންނެވެ. އެމީހުން ނިންމީ އެސަންދޯކާ ނުބެހި ދޫކޮށްލުމަށެވެ.

އަދިވެސް އެރަށާބެހޭގޮތުން ދެކެވޭ އެހެން ވާހަކަތަކެއްގައި ބުނެވެއެވެ. ކުރީޒަމާނުގައި އެއީ ވަރަށް ދިގު ދޮންވެލި ފިނޮޅެކެވެ. މިފިނޮޅަށް މަސްވެރިންގެ ދޯނިތައް ބީއްސައި ނުވަތަ އެހެލައި ހަދައެވެ. އެއީ އެފަދައިން އަމަލު ކުރުމުން އެދޯނިތަކުން ކުރާ މަސްވެރިކަން ރަނގަޅުވާކަމަށް އޮންނަ އިއުތިގާދެއްގެ ސަބަބުންނެވެ. މި ދޮންވެލި ފިނޮޅު ވޮޑިގިރުމުގެ ތެރެއިން ބޮޑުވެ ރަށަކަށް ބަދަލުވީ އެވެ. ދެން އެރަށުގެ ނަމަކަށް މަތީރަށް ކިއުނީއެވެ. އޭގެފަހުން ނަމުގެ ފަހަތަށް ފުޅު އިތުރުކުރެވި މިހާރު ގިނަމީހުން ކިޔައިއުޅެނީ މަތީރަށްފުޅެވެ.
ސަންދޯއް ލެއްގި ސަރަހައްދަކީ ކަރާމާތްތެރި ތަނެއްކަމުގައި ވަރަށް އަވަހަށް ގަބޫލުކުރެވި ހަތިފުށީ ރައްޔިތުން އެ ތަނުގައި ޒިޔާރަތެއް ބިނާކުރިއެވެ. ދެން މިޒިޔާރަތަށް ނަދުރު ބުނެގެން އެކިއެކި ހަދިޔާތަކާއި ތަފާތު ބާވަތްބާވަތުގެ ތަކެތި ހިފައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން އަންނާން ފެށީއެވެ. މިޒިޔާރަތަށް ނަދުރު ބުނުމުން އެނަދުރު ފުދޭކަމުގެ ޚަބަރު މާގިނަ ދުވަސްތަކެއް ނުވެ މީހުންގެ މެދުގައި ފެތުރިގެން ހިނގައްޖެއެވެ. މައިންބަފައިން އެބައިމީހުންގެ ތުއްތުކުދީންގެ ފައި މިރަށުގެ ބަރަކާތްތެރި ފަސްގަނޑުގައި ބީއްސުމަށާއި އެކިއެކި ތަކެއްޗާ އަޅައި ކިރުމަށް އަންނާން ފަށައިފިއެވެ. މަސްވެރިން އެބައިމީހުންގެ ދޯނިތަކުގެ މަސްވެރިކަން ރަނގަޅުކުރުމުގެ ނިޔަތުގައި މިރަށަށް ގެނެސް ކަންޓޫރި ރަސްމިއްޔާތު ބާއްވައި ހަދައެވެ. ޢީދު ދުވަސްފަދަ ޚާއްސަ ދުވަސްދުވަހު މިރަށަށް
ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

މިޒިޔާރަތުގެ ގަދަރު އުފުލިފައިވުމުގެ ސަބަބުން އެކިއެކި ރަސްރަސްކަލުންގެ ފަރާތުން މިރަށަށް ޚާއްސަ ރައްކާތެރިކަމަކާއި އިނާޔަތްތެރި ކަމެއްވެސް ވަނީ ލިބިފައެވެ. ރާއްޖޭގެ ރަސްކަމާއި ރައީސްކަން ކުރެއްވި ވަރަށް ގިނަ ބޭފުޅުން ވަނީ މިރަށަށް ވަޑައިގެންފައެވެ. އެންމެފަހުން މިރަށަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. ރާއްޖޭގެ އެކިއެކި ރަސްރަސްކަލުން ގަވާއިދުން މިރަށުގެ ޒިޔާރަތުގައި ޖަހާފައިވާ 100 ފޫޓުގެ ދިދަދަނޑިއަށް ނެގުމަށްޓަކައި ދިދަތައް ފޮނުއްވިއެވެ. ޒިޔާރަތް ބެލެހެއްޓުމަށްޓަކައި ވަގުތުތަކެއްވެސް ސަރުކާރުން ހަމަޖައްސަވައި ކަނޑައަޅުއްވާފައި ހުއްޓެވެ. މިހެން ހުއްޓައި 1960 ގެ އަހަރުތަކުގެ ތެރޭގައި އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަގުފުތައް އުވާލިއިރު މިރަށުގެ ވަގުފުގެ ޖުމްލަ އަގު 300 ރުފިޔާއާ ހަމަށް އުފުލިފައިވެއެވެ.
މިޒިޔާރަތުގައިވާ ޝައުގުވެރި ކުރުވަނިވި އަނެއްކަމަކީ ޒިޔާރަތުގެ ދޮރުގައި އިންޑިޔާގެ ގަދީމީ ފައިސާފޮތިތަކެއް މޮހޮރުޖަހައި ހަރުކޮށްފައި ވުމެވެ. މި ފައިސާފޮއްޗަކީ 1887 އާއި 1901 އާއި 1917 ގެ ފޮތިތަކެކެވެ. ދޮރޯއްޓާއި ދިމާވާގޮތަށް މަގުގައި އެއްސަފަކަށް ވަނީ ރުނބާތަކެއް އަތުރާލެވިފައެވެ. ކުރީޒަމާނުގައި މިރުނބާތައް ބޭނުން ކުރެވުނީ އެތަނަށް ޒިޔާރަތްކުރާ މީހުން ބުއިމަށް ފެން ރައްކާކުރުމަށެވެ. މިއީ އެކިއެކި ހެޔޮއެދޭ ފަރާތްތަކުން މިތަނަށް ކުރާ ޒިޔާރަތުގައި ހަދިޔާކޮށްފައިވާ ތަކެއްޗެވެ. ޒިޔާރަތުގެ ކުރިބޯށީގައި ތާރީހެއް ލިޔެވިފައިވެއެވެ. އެއީ ހިޖުރީ ގޮތުން 13 ވަނަ ގަރުނުގެ ތާރީހެކެވެ. އެއީ މިޒިޔާރަތް ބިނާކުރި ނުވަތަ މަރާމާތު ކުރެވުނު ތާރީހެވެ. އެހެންކަމުން މިތާރީޚަށް ފަހުވެސް މިހާރު 200 އަހަރަށްވުރެ ގިނަވެއްޖެއެވެ.
މިއަދު މަތީރަށްފުޅަކީ ވެސް ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައިވާ އެހެނިހެން ޒިޔާރަތްތައް ފަދައިން މާބޮޑު ކަރާމާތްތެރިކަމެއް ހުރި ތަނެއްގެ ގޮތުގައި މީހުން ފާހަގަކުރާ ތަނެއް ނޫނެވެ. ހަމައެފަދައިން މިހާރު ނަދުރު ފުއްދަން ތަކެތި ހިފައިގެން މީހުން ގޮސް ހަދާ ތަނެއްވެސް ނޫނެވެ. ބައެއްމީހުންގެ ނަޒަރުގައި އެތަނުގައި ވަނީ ނޭގޭ ކޮންމެވެސް ބޭރު މީހެއްކަމުން އެއީ މާބޮޑު ގަދަރެއް ދެވެންވީ ތަނެއް ނޫނެވެ. އެފަދަ މީހުންނަށް އެރަށުގައިވާ ވަކި ޚާއްސަކަމެއް ނުފެނެއެވެ. އެހެންނަމަވެސް ތަފާތު ޚިޔާލުގެ މީހުންވެސް އުޅެއެވެ. މިފަދަ މީހުންގެ ނަޒަރުގައި
އެތަނާ ގުޅިފައިވާ ދިގު ތާރީހެއް ވާތީ އެތަނަކީ ހިމާޔަތް ކުރެވެންޖެހޭ ތަނެކެވެ.
ނޯޓް: ލިޔުން ނަގާފައިވަނީ މީދޫ.ކޮމް އިން




2 Responses
Shirukuge amaluthah kuri rasheh
ޙަމައެކަނި ޑިވެހި ޜާއްޖޭގެ ތަރިކައަކައް ޢިންނާނީ ހުކުރުމިސްކިއް އެކަނި