މައްޗަން ގޮޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވިޔަސް ތާއީދު ކުރައްވަނީ އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
މައްޗަން ގޮޅި އުތުރު ދާއިރާއަށް ކުރިމަތި ލައްވައި ކެމްޕޭން ލޯންޗް ކުރަން މއ. ކާމިނީގޭގައި ހުރި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ އޭނާގެ ވިސްނުން އެމްޑީޕީއާ ދުރަށް ނުދާނެ ކަމަށެވެ.
"އަޅުގަނޑު އެ ވިސްނުން ދޫނުކޮށްލާ ސަބަބަކީ މި ގައުމަށް މި ފަހުން އައި ކޮންމެ ކުރިއެރުމަކީ، ކޮންމެ ބަދަލަކީ އެމްޑީޕީން މަސައްކަތް ކޮށްގެން ގެނެސްފައި އޮތް ބަދަލުތަކަކަށް ވާތީ،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާތީ އެ ޕާޓީއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީއަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.
ސަޕޯޓަރުންނާއި އެކު އާދަމް މަނިކު ބޭއްވެވި މި ރަސްމިއްޔާތުގައި އޭނާގެ ކުރިން ވާހަކަ ދެއްކެވީ ލޭބާ ޕާޓީގައި އިސްކޮށް އުޅުއްވާ، މަޝްހޫރު ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ކުރީގެ މެމްބަރު އަބްދުﷲ ހަސީނެވެ.
ހަސީން ވިދާޅުވީ މަޖިލީހުން އިވެނީ ގޮނޑި ވިއްކާލާ ވާހަކަ ކަމަށާއި އާދަމް މަނިކު އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށާއި އޭނާއަކީ ފުދިވަޑައިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ.
ހަސީން ވިދާޅުވީ "އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ އާދަމް މަނިކަކީ ހަމަ ގައިމު ވެސް އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން،" ކަމަށެވެ.
މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ގައުމީ އިއްތިހާދު ޕާޓީގައި އުޅުއްވުމަށް ފަހުގައެވެ.




