ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ފިލިޕީންސް އަތުން ރާއްޖެއަށް ހިތްދަތި ބައްޔެއް

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެއަށް ހިތްދަތި ގޮތަކަށް ބަލިވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅެވުނު މިމެޗުން ރާއްޖެ ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅު ފުރުޞަތުތަކެއް އުފައްދަމުންދިޔަ ރާއްޖެއަށް މިބައްޔާއެކު ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި އިތުރަށް ކުރިއަށް ދިއުމަށް ހުރަސްތަކަކާއިވަނީ ކުރިމަތި ލާންޖެހިފައެވެ.

ރާއްޖޭން ދަށްވެގެން ގްރޫޕުގެ ތިން ވަނަ މަގާމަށް ޓާގެޓްކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި މިއަދުގެ މެޗަކީ މޮޅުވުން ވަރަށް މުހިއްމު ވެފައި އޮތް މެޗެކެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗުން ރާއްޖެ ބަލިވެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ލިބުނު 3 ޕޮއިންޓާއެކު ރާއްޖެއޮތީ ތާވަލްގެ ހަތަރުވަނާގައެވެ. މިއަދުގެ މެޗުން މޮޅުވެ ފިލިޕީންސްއަށް ތާވަލްގެ ތިންވަނަ ލިބޭއިރު، ފިލިޕީންސްއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގައި ރާއްޖެ ޤއުމީ ޓީމުގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު، ރާއްޖޭގެ ކީޕަރު ފައިސަލްވަނީ ޕެނަލްޓީއެއްވެސް ދިފާޢުކޮށްފައެވެ.

މެޗުގެ ހުރިހާ ލަނޑުތަކެއްވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ރަމްސޭ އަދި ޕެޓްރިކްގެ ލަނޑާއެކު ދެލަނޑުގެ ލީޑެއްގައި ފިލިޕީންސްއިން މެޗު ނިންމަންދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ނާއިޒް ހަސަން ކާމިޔާބުކޮށްދިން ލަނޑަކާއެކު ރާއްޖެއިންވަނީ ފަރަގު ކުޑަކޮށްފައެވެ.

ރާއްޖެ ޓީމު ދަނޑަށްދަނީ - ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދަނޑަށް ވަޑައިގަތެވެ. މީގެ ތެރެއިން މަޖިލިސް މެމްބަރުން ދަނޑަށް ވަޑައިގަތީ މަޖިލީހުގެ އިދާރާ އިން ފެށިގެން، ރައީސް ނަޝީދު އިސްކޮށް ހުންނަވައި ބެރު ޖަހައި ދުންމާރި ފުމެމުން ފައި މަގުގައެވެ.

ރާއްޖެއަށް އަދިވެސް ބާކީ 4 މެޗު އޮތްއިރު، އެމެޗުތަކަކީ އަންގާރަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަހަރުގެ މާޗު މަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އަދި ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ