ޕަބްޖީ ފަދަ ބައެއް ގޭމްތަކަކީ އިސްލާމީ އަޤީދާ ފުނޑުފުނޑު ކޮށްލާފަދަ ގޭމްތަކެއް

މިއަދު ދިވެހި ރާއްޖެއާއި މުޅި ދުނިޔޭގައިވެސް ގިނަ ބަޔަކު އެއަށް ދެވި ހިފާފައިވާ ޕަބްޖީ ފަދަ އިލެކްޓްރޯނިކް ބައެއް ގޭމް ތަކަކީ އިސްލާމީ އަޤީދާ ފުނޑުފުނޑު ކޮށްލާފަދަ ގޭމްތަކެއް ކަމުގައި ބުނެ މުޅި ދިވެހިރާއްޖެއަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭހަތްތެރިވެއްޖެއެވެ.

ކުރާ ކޮންމެ ޢަމަލަކާއި އަޅާ ކޮންމެ ފިޔަވަޅެއްގެ މަޤްޞަދަކަށް ވާންޖެހޭނީ ﷲ ތަޢާލާ ރުއްސެވުން ހޯދުން ކަމަށާއި، ހިތްހަމަ ޖެއްސުމާއި ފޫހިފިލުވުމަށްޓަކައި ކުރާ ކަންތައްތައްވެސް މި ދެންނެވި އަސާސުން ބޭރުވިޔަ ދީގެން ނުވާނެ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުޞޫލުތަކާއި، އަދަބުތަކާ ޚިލާފު ނުވާގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއްނޫންކަމަށާއި، ވަގުތު ބޭކާރު ކުރުމަކާ ނުލައި، ދަރިންގެ އަޚްލާޤާއި
ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ، އަދި ދަރިންގެ ޢިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްޤީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުޞަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މިއާއި ޚިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަޤީދާ ފުނޑުފުނޑުކޮށްލާ އެއަށް މީހާ އަޅުވެތި ކޮށްލާ ފަދަ ނުރައްކާތެރި ގޭއްތަކެއް ކަމަށާއި މިފަދަ ގޭމްތަކުގެ ސަބަބުން މީހާ ފަރުޟު ކަންތައްތަކާއި ދުރުވެ އެތައް ވިޔާނުދާ ކަންތައްތަކެއްގެ ޝިކާރައަކަށްވެއެވެ. އަދި މިފަދަ ކަންކަމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ ޝައިޠާނާގެ މަގުން ދަތުރު ކުރަން މަގުފަހިވާ ކަމެއްކަމުގައިވެސް ބުނެފައިވެއެވެ.

ދިރާސާ ތަކުން ދައްކާގޮތުގައި އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ، "ޕަބްޖީ" އާއި "ޖަސްޓް ކޯސް" އާއި "ޕޯކެމޯން ގޯ" އާއި "ޕޯޓްނައިޓް" ފަދަ ގޭމްތަކަކީ، ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން، ވަރަށް ގިނަ ތަފާތު ގެއްލުންތައް، ކުރިމަތިކުރުވާ ގޭމްތަކެއްކަމަށާއި މި ސަބަބުތަކާ ހުރެ، ބައެއް ޤައުމުތަކުގައި، މިފަދަ ބައެއް އިލެކްޓްރޯނިކް ގޭމްތައް މަނާކޮށްފައިވާ ކަމުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން މޯބައިލް ފޯނާއި ކޮމްޕިޔުޓަރާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަޚްލާޤާއި ޞިއްޙަތާއި ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ގޭމްތަކެއްކަމަށާއި މި ކަމަކީ މުޖްތަމަޢުގެ ހުރިހާ ގިންތިއެއް ގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމެއްކަމުގައި ވަނީ ބުނެފައެވެ. އަދި މިއީ، ޤައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމްޢިއްޔާތަކާއި ސްކޫލް މަދްރަސާތަކާއި، ކަމުގެ މާހިރުން ގުޅިގެން މަސައްކަތްކޮށް އަވަސް ޙައްލެއް ހޯދަން ޖެހިފައިވާ ކަމެއްކަމުގައިވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މިފަދަ ގޭމްތަކުން ދުރުވެ ބޭކާރު ގޮތުގައި އުރުމުގެ އަގު ބޮޑެތި ދުވަސްތައް ހޭދަކު ކުރުމުން އެއްކިބާވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. ޚުތުބާގައި ބުނެފައިވަނީ އިންސާނާއަށް ލިބިފައިވާ އެންމެ އަގު ބޮޑު ރައުސުލްމާލަކީ، އޭނާގެ ޢުމުރުގެ ދުވަސްތައްކަމަށާއި، އެ ދުވަސްތައް ބޭކާރު ގޮތުގައި ލޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވެ ހިތާމަކުރަން ޖެހޭނެ ކަމެއްކަމުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ