ކިނބިވަލު ކަމަނަ (ފުރަތަމަ ބައި)

ނާއިލްއާއި ޒީނާގެ ކައިވެންޏަށް މިހާރު ފަސްއަހަރު ފުރުނީއެވެ. ދެމީހުން އުޅެމުން ގެންދަނީ ނިކަން ލޯބިންނެވެ. ޒީނާގެ އާއިލާއާއި ހިލާފަށް ކުރެވުނު ކައިވެންޏަކަށް ވުމުން އާއިލާގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުންވެސް ނާއިލްއައީ ޒީނާއަށް ދެމުންނެވެ. ޒީނާގެ އާއިލާ ކައިވެންޏަށް ދެބަސްވާން ޖެހުނު ސަބަބަކީ ނާއިލް ޒީނާއަށްވުރެ އުމުރުން ފަނަރަ އަހަރު ދޮށީ ވުމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އުމުރުގައި އެހާ ބޮޑު ތަފާތެއް ހުންނަ ނަމަ ހިޔާލު ތަފާތުވެ ދިރިއުޅެން އުނދަގޫ ވާނެއެވެ. ނަމަވެސް މިވީ ފަސްއަހަރު ދުވަހުގެ ތެރޭގައި ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.

މާލޭގެ " ޒެޑް އެންޑް އެން" ކުންފުނީގެ ވެރިޔަކީ ނާއިލްއެވެ.  މާލޭގެ އިތުރުން އަތޮޅުތެރޭގައި އެ ކުންފުނީގެ އެތަށް ފިހާރަތަކެއް އަންނަނީ ހިންގަމުންނެވެ. ކިތަންމެ ބުރަކޮށް އުޅުނެއްކަމަކު ނާއިލްއައީ ޒީނާއަށް ވަގުތުދެމުންނެވެ. ނާއިލްއަކީ މެދުއުމުރުގެ "ހޮޓް" މީހެކެވެ. އަންހެން ކުދިންގެ މެދުގައި އޭނާގެ ސިފަތަކަށް ތައުރީފް އޮހި ބަންޑުންވާ މީހެކެވެ. އަނެއްކޮޅުން ފަންސަވީސް އަހަރު ނުފުރޭ ޒީނާއަކީ ވެސް ރީތި ހުސްކުރާ ކުއްޖެކެވެ. ކިތަންމެ ބައިވަރު ކުދިންތަކެއްގެ ކަޅި ހުއްޓުނެއް ކަމަކު އެ ދެމަފިރިން ވަފާތެރި ކަންމަތީގައި ތިއްބެވެ.

ނާއިލްއަކީ ބޮޑު އާއިލާއެއްގައި މިހާރު ދިރިހުރި ހަމައެކަނި ކުއްޖާއެވެ. ދެން ދިރިހުރީ ނާއިލްގެ ބައްޕައެވެ. ނާއިލް ހަނދާނަށް އެރީއްސުރެވެސް ނާއިލްގެ ބައްޕަ ތަސްލީމްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ތަސްލީމް އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. މީހުންނާއި ވާހަކައެއް ނުދައްކައެވެ. ޑޮކްޓަރުން ބުނަނީ އެއްވެސް މައްސަލައެއް ނޫޅޭ ކަމުގައެވެ. މިކަމުގައި ނާއިލް އޭނާގެ ބައްޕަ ގޮވައިގެން ބޭސްކުރަން ނުދާ ގައުމެއް މަދުވާނެއެވެ. ނަމަވެސް އަދި އަދަށް ދާންދެން އެކަން ވަމުން އައީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.

ދިރިއުޅުމުގެ ކަންތައްތައް ބަދަލުވާން ފެށީ މީގެ ދިހަވަރަކަށް މަސްކުރިންނެވެ. ޒީނާ ނާއިލްގެ ދަރިންނަށް ބަލިވެ އިން ހިސާބުން ފެށިގެންނެވެ. ވިޔަފާރިތަށް ދަށަށް ދަމުން ގޮސް އިސާހިތަކު ހުރިހާ ވިޔަފާރިތަކެއް ބަނގުރޫޓުވަމުން ދިޔައެވެ. ލޯނަކަށް ފަހު ލޯނެއް ނަގަމުން މީހާގޮސް ދަރަނީގެ ތެރެއަށް ގެނބެމުންދިޔައެވެ. ބެންކުތަކުންނާއި އަމިއްލަ މީހުންއަތުންނެވެ. ރަހުމަތްތެރިންއަތުންނެވެ. އެންމެ ފަހުން ގެއާއި ހަރުމުދާތަށްވެސް ރަހުނުގެ ގޮތުގައި ބަހައްޓާ ވިޔަފާރިތަށް ކުރިއަރުވަން މަސައްކަތްކުރިއެވެ. ނަމަވެސް ހުރިހާ މަސައްކަތެއްވެސް އައީ ނާކާމިޔާބު ވަމުންނެވެ.
ހުރިހާ ކަމެއްގައި ޒީނާ ނާއިލްއާއި އެކުގައިވިއެވެ. ފިރިމީހާއަށް އެހީވުމަށް އަމިއްލަ އާއިލާގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސް ކުރިއެވެ. ނަމަވެސް ހަރުހިތްތަކެއްގެ ވެރިންހެން އެފަކީރަށް ނޫނެކޭ ބުނެ މޫނުމައްޗަށް ދޮރު ޖެހީއެވެ. ކުޅިބަލަމުން ދިޔަ އަވައްޓެރިންނާއި އެދެމަފިރިންގެ ދިރިއުޅުމަށް ހަސަދަވެރިވީ އެންމެން ތަފާތު ވާހަކަތައް ދައްކާ ފަތުރަމުންދިޔައެވެ. ލިބެން އުޅޭ ކުޑަ ދަރިފުޅަކީ ބަދުނަސީބުގެ ފާލެއްކަމަށް ބުނަމުންދިޔައެވެ. އަނެއްބަޔަކު އެއީ ފަންޑިތަވެރިކަމެއް ކަމަށް ނިންމާ ޒީނާގެ އާއިލާއަށް އަމާޒު ކުރަމުން ދިޔައެވެ. މިފަދަ އެތަށް ވާހަކައެއް އެތަށް ގޮތަކަށް ދެކެވެމުން ދިޔައެވެ. ނަމަވެސް އެދެމަފިރިންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މަދުވަމުން ދިޔައީ ހަމައެކަނި ފައިސާއާއިއެކުގައި ކުރެވޭ ހަރަދުތަކެވެ.

ދެމަފިރިންނަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. އެއީވެސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަމްނާއާއި އަމާން ނަންދެވުނެވެ. ބޭނުންވިހާ ކުލަގަދަކޮށް އެދުވަސް ފާހަގަ ނުކުރެވުނަސް އެދެމަފިރިންތިބީ އުފަލުންނެވެ. އުފަލުން ފުރިގެންވާ ހާލުގައި ދެ ދެކުދިންނަށް ލޯބިދެމުން ދިޔައެވެ. ނަމަވެސް ކޮށްދޭން ބޭނުން ހުރިހާ ކަމެއް ކޮށްނުދެވޭތަންވެސް އަންނަމުން ދިޔައެވެ.

އާއިލާއަށް އުފަލުން ފުރިގެންވާ މާހައުލެއް ގާއިމްކޮށްދެވޭތޯ ނާއިލްއައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހުރިހާ ވިޔަފާރިތަށް ބަނގުރޫޓުވެ ނާއިލްގެ ނަންމަތީގައިވާ ހުރިހާ ބިމަކާއި ގެތަކެއް ސަރުކާރަށް ނެގުނެވެ. ޒީނާއަކީ އަމިއްލަ ނަމުގައި ވަންނާނެ ގެއެއް ނެތް ކުއްޖެއް ކަމުން ޒީނާއަށް އެކަމުގައި މާބޮޑު އެހީއެއް ވެވޭނެ ގޮތެއް ނުވިއެވެ. ނަމަވެސް ފިރިމީހާއަށް ދިމާވާ ކޮންމެ ކަމެއްގައި ނުގުޑާފަދަ ވަރުގަދަ އަޒުމަކާއި އެކުގައި ޒީނާވިއެވެ.

"ޒީ. ދެން އަހަރުމެން ހަދާނީ ވަކި ކިހިނެއް؟ މިގެއިންވެސް ނުކުންނަން މިޖެހުނީ. ދާނެ އިތުރު އެއްވެސް ތަނެއް ހުރީއެއް ނޫން. އަހަންނަށް ވަޒީފާއެއްވެސް ލިބޭނެ ގޮތެއް ނުއެއްވި. އަހަރެން ކިހިނެއް ޒީއަދި ކުދިންގެ ކަންތައްތައްވެސް މިވަރުން ކޮށްދޭނީ؟ ހަތަރު އުދަރެސް މިވަނީ ފެނުޖެހިފައި. އަހަރެންގެ ބޯ ހީވަނީ އިސާހިތަކު ފަޅައިގެންގޮސްދާނެހެން. ވިސްނާ ވިސްނާ އަލިމަގެއް ފެންނަވަރެއް ނުއެއްވި. ހިތަށް އަރަނީ މިގޮތަށް ހުރިހާ ކަމެއް ވެގެންދިޔަ އިރުގައި އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނީ ކީއްވެގެންބާއޭ" ތަޅުން މަތީގައި އިށީނދެގެން އިން ޒީނާގެ ފަޔަށް ބޯ އަޅާލައިގެން އޮތް ނާއިލް ބުންޏެވެ.

"އެހެން ނުވިސްނާ ނާއިލް. މީހުން ބުނެއެއްނު ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށޭ. އަދި ގޮތެއް ފެންނާނެއޭ. އެހާ އަވަހަށް ހިތްވަރު ދޫކޮށްލާއެއްޗެއް ނޫނޭ. ތަންކޮޅެއް ހަމަޖެހިލާފައި ވިސްނާލަނިކޮށް ހުރިހާ ކަމެއް ހަމަޖެހިދާނެ. އެހެންނޫނަސް ނާއިލްއަކީ މީހަކަށް ލިބޭނެ އެންމެ ލޯބި ފިރި. އަދި ދަރިންނަށް ލިބޭނެ އެންމެ ފުރިހަމަ ބައްޕަ. އަހަރުމެންނަށް ލިބުނު އެންމެ ބޮޑު އެއް ނިއުމަތަކީ ތިއީ." ގުދުވެލާފައި ނާއިލްގެ ނިއްކުރިއަށް ބޮސްދެމުން ޒީނާ ހިނިތުންވެލިއެވެ.

"އަހަރެން ވަރަށް އުފާވޭ ޒީކަހަލަ ހިތްހެޔޮ އަތްންބެއް އަހަންނަށް ލިބުނީތީ. ޒީ އަސްލުވެސް ބުނެބަ. ދުވަހަކުވެސް އަހަރެން ދޫކޮށްފައި ނުދާނަންތަ؟ އަހަރެންނަކީ ފައިސާ ނުލިބޭ ފަގީރަކަށް ވިޔަސް ތިހެން ހުންނާނަންތަ؟" ނާއިލް ބިރުގަނެ ޖެހިލުންވަނީއެވެ. އުޅެމުންއައި މުއްސަނދި ދިރިއުޅުން ގެއްލުމުން ޒީނާވެސް އޭނާދޫކޮށްފައި ހިނގައިދާނެތީއެވެ.

"އަހަރެން ކައިވެނި ކުރީ ނާއިލްގެ މުއްސަނދިކަމާއި މުދާގަނޑައްތަ؟ އަހަރެން ނާއިލްއާއި ކައިވެނި ކުރީ މުޅި އުމުރު ދުވަހު ލޯބިން ނާއިލްއާއި އެކުގައި އުޅެން. ލޯބިން ލޯބިލޯބި ދަރންތަކެއް ތަރުބިއްޔަތު ކުރަން. އެކުގައި އެތަކެއް ހުވަފެންތަކެއް ދެކެ އެ ހުވަފެންތަށް ސީދާކުރަން މަސައްކަތް ކުރަން. ނާއިލްއާއި އެކުގައި އަހަރެން އަބަދުވެސް ވާނަން" ޒީނާ ނާއިލްއަށް ހުއްޓާނުލާ ޔަގީންކަން ދެމުން ގެންދިޔައެވެ.

އިރުކޮޅެއް ވަންދެން އެދެމަފިރިންގެ ދެމެދަށް ވެރިވެގެންދިޔަ ހަމަހިމޭންކަން ކެނޑިގެން ދިޔައީ ކުއްލިއަކަށް އެއްޗެއް ހަނދާންވާންފަދަ ގޮތަކަށް ނާއިލް ތެޅިގަންނަމުން ތެދުވުމުންނެވެ.

"ކިހިނެއްވީ މާ ހާސްވީ؟" ޒީނާއަށް އަހާލެވުނެވެ.

"ހާސްވީއެއް ނޫނޭ. ފަހަރެއްގައި ގޮތެއް ފެނުނީ ކަންނޭނގެ." ނާއިލް ޒީނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
"އަސްލުވެސް؟ އަޅެ ބުނެލަބަލަ." ލާނެތް ފާޑަކަށް ނާއިލްއާއި ދިމާއަށް އެއްލޯ މަރާލަމުން ޒީނާ ބުންޏެވެ.
"އެއްކަލަ ލާނެތް މަންޖެ ގަނޑު. އިހަށް ތިލޯ ނުމަރާ މިދައްކާ ވާހަކައެއް އަޑުއަހާބަލަ" ނާއިލް ގާތަށް ހިނިއައެވެ.
"އަވަހަށް ދައްކަބަލަ" ޒީނާ މާނަ އޮޅުވާލިއެވެ. ނާއިލްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

"އިހަށް ދެއްކުން ފަހަށް ބާއްވަމާ. ޒީ ހަނދާންވޭތަ އަހަރެން ބުނަމެއްނު ބައްޕަގެ ނަންމަތީގައި އޮންނަ ގެއެއްގެ ވާހަކަ. ކާފަގެ ގެއެއީ. އެގެ ހުންނާނީ މިހާރު ދުވަސްވެފައި. އެކަމަކު އަހަންނަށް ހީވަނީ އަދިވެސް އެގޭގައި އުޅެވޭވަރުވެދާނެހެން. ކޮންމެވެސް ވަރެއްގެ މަރާމާތުތަކެއް ކޮށްލީމައި ދިރިއުޅެން އެގެ ވަރަށް ފައްކާވާނެހެން އަހަންނަށް ހީވަނީ. ކީކޭ ޒީ ބުނަނީ؟" ނާއިލް އިނީ ޒީނާދޭނެ ޖަވާބެއް ނޭނގި ހިތް އަވަސްވެފައެވެ.

"އެކަމަކު އެއީ ރަށެއްގައެއްނު؟ އަހަރުމެން އަދި ދުވަހަކުވެސް އެރަށަށް ނުދަމެއްނު؟ ކުއްލިއަކަށް އެތަން ހުރި ގޮތެއްވެސް ނުބަލާ ގޮތެއް ނިންމާކަށް ނުވާނެއެއްނު؟" ޒީނާ ވިސްނާލިއެވެ.

"ދުވަހަކު އެރަށަށް އަދި ނުދިޔަޔަސް މިހާރު ދެވިދާނެއެއްނު؟ އެތަން ހުރިގޮތެއް ބަލާ ސާފުކޮށް ހެދޭނެއެއްނު؟ އެހެންނޫނަސް ގޭގައި ގެންގުޅޭ މީހުން ގެންދަނަމޭ. ޒީއަކަށް ނުޖައްސާނަމޭ ބުރަ މަސައްކަތެއް. އެހެން ނޫނަސް މުޅި އުމުރަށް ބަދަލުވަނީއެއް ނޫނޭ. ދުވަސްކޮޅަކަށޭ. އެންމެ ގިނަވެގެންވެސް ވާނީ ދެތިން އަހަރު. ކުދިންނަށް ތިންއަހަރު ފުރެންވާއިރަށް އަހަރެން އަނބުރާ މާލެ ބަދަލުވާނަން. އެކަމަކު އޭރަށް ވަންދެން ވިޔަފާރިއެއް އަހަންނަށް ފަށާ ކުރިއެރުވޭނީ މިކަމުގައި ޒީގެ އެއްބާރުލުން އަހަންނަށް ލިބިގެން" ނާއިލް ޒީނާގެ ލޮލަށް ބަލަމުން ވާހަކަ ދެއްކިއެވެ.
"އެއްކަލަ ނާއިލް. އެނގެއެއްނު ތިގޮތަށް އަހަންނަށް ބަލަމުން ވާހަކަ ދެއްކާ ކަމަކަށް އެދުނީމައި އަހަންނަށް ނޫނެކޭ ނުބުނެވޭނެކަން. ވަރެއްގެ ފިރިހެނެކޭ." ޒީނާ ތެދުވެ ނާއިލްގެ އުނގުގައި އިށީންނަމުން ބުނެލިއެވެ.

"އޭގެ މާނައަކީ އެއްބަހޭތަ ބަދަލުވާން؟ ތެންކްޔޫ. އެހެންވެގެންނޭ އެހާބޮޑަށް މި މަންޖެގަނޑުދެކެ ލޯބި ވެވެނީ" ނާއިލް ޒީނާގެ ނޭފަތުގައި ހިފާ ކުޑަކޮށް ދަމާލަމުން ބުންޏެވެ.

"ދެން ހަމައެކަނި ތެންކްޔޫއަކުން ނުފުދޭނެ." ޒީނާ ހިނިގަނޑެއް ޖަހާލިއެވެ.

ކަންތައްތަކެއްގެ ހައްލުކަމަށް ދެކި ނިންމި ނިންމުމުގެ ސަބަބުން ހަޔާތަށް އަންނަން އުޅެނީ ކިހާ ބޮޑު ބަދަލެއްކަމެއް އެދެމަފިރިންނަށް އެނގޭނަމަ އެގޮތަށް އެ ނިންމުން ނުނިންމީހެވެ. އެ ތޫފާނުގެ ސަބަބުން މުޅި ދިރިއުޅުން ވިއްސިވިހާލިވެދާނެކަން އެނގުނު ނަމަ އެރަށަށް، އެގެއަށް ދާން ނުނިންމީހެވެ. ދުލުކުރިއަށް އެވާހަކަވެސް ނުގެންނާނެއެވެ. ނަމަވެސް މިހާރު އެދެމަފިރިން އެ ހުރިހާކަމެއް ނިންމަނީ އެ ނާމާންކަމުން ފުރިގެންވާ ދިގުދަތުރަށެވެ. އެރަށަށް ދިޔުމަށެވެ. ކަންތައްތަށް ރަނގަޅުކުރާށެވެ. ވިސްނޭނެ ނަމައެވެ. ހުވަފެނުން ނަމަވެސް އެ ނާމާންކަން ފެނި އެކަން ހުއްޓާނެ ނަމައެވެ. ހުސް ނަމައެވެ. ނަމައަކުން ކެއްކޭނެ ރިހައެއް ނެތެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
6204
ގުޅުންހުރި ލިޔުންތައް

6 Responses

  1. Rani kamana

    U r the best natha keep it up?

  2. Latha

    Vara salhi vaahakah eh?

  3. Naail

    Vara habays vaahakah eh I cant wait for next episode ❤❤❤❤❤

  4. Haami

    Love this

  5. ❤❤❤

  6. Saaji

    Vr dhuvas fahun nathage vahaka anehka mikiyan feshy vr ves rythi ingey

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ