އިޓާލިއަން ސީރީއާގައި ރޭ ނަޕޯލީ އަދި ޖުވެންޓަސް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުވެންޓަސްއިން 16 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.
ނަޕޯލީގައި ކުޅުނު މިމެޗުގައި ދެރަތް ކާޑު ފެނިގެން ދިޔައިރު ފުރަތަމަ ރަތް ކާޑު މެޗުގެ 25 ވަނަ މިނަޓްގައި ނަޕޯލީގެ ކީޕަރ މެރެޓްއަށް ދެއްކީ ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ރިވިއު ބެލުމަށްފަހު ރެފްރީ ނިންމީ މިއީ ސީދާ ރަތްކާޑެއްކަމަށެވެ.
ޖުވެންޓަސްގެ ފުރަތަމަ ލަނޑުޖެހީ ނަޕޯލީގެ ކީޕަރ މެރެޓް، ރޮނާލްޑޯއަށް ކުރި ފައުލާއި ގުޅިގެން ލިބުނު ހިލޭ ޖެހުމުންނެވެ. ޖުވެންޓަސްގެ ޕިއާނީޗް މިފްރީކިކް ގޯލްތެރެއަށް ވައްދާލީ މެޗުގެ 28 ވަނަ މިނަޓްގައެވެ. ޖުވެންޓަސްގެ ދެވަނަ ލަނޑު އެމްރެ ޗޭން ބޮލުންޖަހައިދިނީ މެޗުގެ 39 ވަނަ މިނަޓްގައެވެ.
ދެވަނަ ރަތްކާޑު މެޗުގެ 47 ވަނަ މިނަޓްގައި ޖުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޕިއާނީޗަށް ދެއްކީ ގަސްތުގައި ބޯޅައިގައި އަތްލުމުގެ ސަބަބުން ދެއްކި ދެވަނަ ރީނދޫ ކާޑާއެކުގައެވެ.
ނަޕޯލީއިން ލަނޑެއްޖަހައި އުންމީދުއާކުރީ މެޗުގެ 61 ވަނަ މިނަޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަލެޚޮންއެވެ. މެޗުގެ ފަހު ދިހަ މިނަޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ނަޕޯލީއަށް ލިބުނެވެ. 84 ވަނަ މިނަޓްގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީ ލޮރެންޒޯ ފޮނުވާލިއިރު އަމާޒުވީ ގޯލު އަރިމަތީ ދަނޑިއާއެވެ.

ނަޕޯލީގެ ކީޕަރ މެރެޓް ރޮނާލްޑޯއަށް ފައުލްކުރަނީ
ތާވަލުގެ އެއްވަނައިގައި ޖުވެންޓަސް 72 ޕޮއިންޓާއެކުއޮތްއިރު އެންމެ ފަހުގެ 7 ސީރީއާ ވެސް ކާމިޔާބުކޮށްފައިވަނީ ޖުވެންޓަސްއެވެ. ދެވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އޭސީ މިލާން 48 ޕޮއިންޓާއެކު ތާވަލުގެ ތިންވަނާގައި އޮތްއިރު އިންޓަރމިލާންއަށް ތާވަލުގެ ހަތަރުވަނަ ލިބެނީ 47 ޕޮއިންޓާއެކުގައެވެ.




