ސަނަދު ހޯދީ ކޮންތާކުންތޯ މުސްތަޤްބަލްގައި ވަޒީފާ ދޭ ފަރާތްތަކުން ބަލާނެ ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
މނިސްޓަރ މިހެން ވިދާޅުވެފައިވަނީ ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ރޭ އޮތް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މުދައްރިސުންނަކީ ކުލާހުގައްޔާއި، ސްކޫލްގެ ހަތަރުފާރުގެ ތެރޭގައާއި، މުޖުތަމަޢުގަ، އަދި ޤައުމު އާރާސްތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމުގައެވެ. ކޮންމެ މުދައްރިސަކީ އެ މުދައްރިސަކު ކިޔަވަދެއްވާ ދާއިރާއިން ނަމޫނާ މުދައްރިސަކަށް ވުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ މުދައްރިސަކުވެސް މަސައްކަތް ކުރަންވާނީ ދަރިވަރުންގެ އިޚްތިރާމާއި ލޯބި ހޯދުމަށްކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮންމެ މުދައްރިސަކުވެސް އެބޭފުޅަކު ކިވައިދެއްވާ މާއްދާގެ ކޮންޓެންޓް ފުރިހަމައަށް އެނގިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޢިލްމު ހޯދަންވާނީ ހަމައެކަނި ސަނަދެއްގެ ބޭނުމަކު ނޫންކަމުގައެވެ. އުނގެނުމަކީ ހޮބީއެއް ކަމުގައި ހެދުމަށް މުދައްރިސުންނަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. އަދި ތިމާ ކިވައިދެއްވާ ދާއިރާގެ އެންމެ ފަހުގެ ޚަބަރުތައް ނުވަތަ ކުރިއެރުންތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަނަދު ހޯދީ ކޮންތާކުންތޯ މުސްތަޤްބަލްގައި ވަޒީފާ ދޭ ފަރާތްތަކުން ބަލާނެ ކަމަށާއި، ކިޔެވީ ކިހިނަކުންތޯ އާއި، ކިޔެވި ކޯހުގެ މޮޑިއުލް ތަކަކީ ކޮބައިކަންވެސް ވަޒީފާ ދޭ ފަރާތްތަކުން ކަށަވަރުކުރަން ބޭނުންވާނެކަމުގައެވެ. އެއީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ އާއި އެ މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ދަށުން ހިނގަމުން އަންނަ މަރުކަޒެކެވެ.



