ގޭތެރެއިން އިވެމުން ދިޔައީ ސޯބިރާއާއި ސަނާ ގުރުއާން ކިޔަވަމުން ދިޔަ އަޑެވެ. އެއީ ރީތި، އަޑުއަހާލަން ފަސޭހަ ކިޔެވުމެކެވެ. ކިޔެވުމަށް ސަމާލުކަން ދެމުންދިޔަ ޒީނާ ފެންވަރާ ނިމިގެން ގައި ހިއްކަމުން ދިޔައިރު ހައިރާންވީ އޭނާގެ ފައިގާ ހުރި ނިޝާނެއްގެ ސަބަބުންނެވެ. ހީވަނީ މީހަކު އޭނާގެ ފައިތަނބިކަށީގައި ނިކަން ބާރަށް ހިފާފައި ހުރި ހެންނެވެ. ދިގު ނިޔަފަތިތަކެއް ހަންގަނޑަށް ހެރިފައި ހުރިހެންނެވެ. އެއީ މޫދުން މީހަކު ޒީނާގެ ފައިގާ ހިފި ކަމުގެ އިހުސާސް ކުރެވުނު ފައިކަމަށް ވުމަކީ އިއްތިފާގެއް ބާއެވެ؟ ނަމަވެސް އެހެން ވާނީ ކިހިނެއްބާއޭ ޒީނާގެ ހިތަށްއެރިއެވެ. ފަނޑު ހޮޅިބުރީގެ ސަބަބުން ހީވާ ހީވުމެއްކަމަށް ދެކި އަނެއްކާވެސް ޒީނާ އެކަންތައް ދޫކޮށްލީއެވެ. އިތުރަކަށް ނުވިސްނިއެވެ.
އާދައިގެ ކެއުމަކަށްވީ ނަމަވެސް އެގޭގައި ކައްކާފައި ހުރި ގަރުދިޔައާއި ބަތް އެދެމަފިރިންނަށްވެސް ވަރަށް ކަމުދިޔައެވެ. ތެލުލާފައި ހުރި މުރަނގަފަތާއި ރެހި ކެއުމުގެ މީރުކަން އިތުރުކޮށްދިނެވެ. އެދެމަފިރިން ކައި ނިމެންދެން ސޯބިރާ ބަދިގޭގައި މަޑުކުރިއެވެ. ރަށުގެ ކަންތައްތައް ކިޔާދީ ހެދިއެވެ. ކަމެއް ޖެހިއްޖެ ނަމަ ކަންތައް ކުރާގޮތުގެ ވާހަކަތަކާއި އެރަށުގައި ދިމާވެފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކައެވެ. ތަސްލީމްއަށް ކާންދީނިމިގެންވެސް ސޯބިރާއާއި ވާހަކަ ދައްކަން ތިބިފައި ދެމަފިރިން އެކުގައި ކޮޓަރިއަށް ހިނގައިގަތީ ސަނާއައިސް ކުދިންކޮޅު ހޭލެވިގެން ރޯންފެށި ވާހަކަ ބުނުމުންނެވެ.
އެރޭ ވެގެންދިޔައީ ޒީނާއަށް ތަފާތު ރެއަކަށެވެ. އަމްނާއާއި އަމާން އާދަޔާ ހިލާފަށް ރޮމުން ގެންދިޔަރެއެކެވެ. ބަނޑުފުރާ ގާތުން ދިނުމުންވެސް އެދެކުދިންނަށް ނިދޭގޮތެއް ނުވިއެވެ. ޒީނާއާއި ނާއިލް މަސައްކަތް ކުރާތާ އެތަށް އިރެއް ފަހުން ނިދޭއިރަށް ސިއްސައިގެން ގޮސް ދެކުދިންނަށްވެސް ހޭލެވެނީއެވެ. ދެމަސްނުވާ ތުއްތު ތުއްތު ދެކުދިންގެ ރުއިމުގެ އަޑު ކެނޑޭނެ ގޮތެއް ނުއެއްވިއެވެ. ނާއިލްވެސް ޒީނާއާއި އެކު ހޭލާ މުޅި ރޭ އުޅުނީ ކުދިން ގޮވައިގެންނެވެ.
"އަޅެ ނާއިލް ކީއްވެގެންތަ ކުދިންނަށް ނުނިދިގެން އެ އުޅެނީ؟ ތަނަކަށް ތަދުވަނީބާ؟" ޒީނާ ހާސްވާގޮތްވިއެވެ.
"ހިއެއް ނުވޭ ތަނަކަށް ތަދުވެގެން އުޅޭހެނެއް. ހީވަނީ މާހައުލު ބަދަލުވީމަ ނިދަން އުނދަގުވަނީ ހެން. މީހުން ބުނެއެއްނު ކުޑަކުދިން ވަރަށް ސެންސިޓިވް ވާނެއޭ." ނާއިލް އަމާން އުރާލައިގެން ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު އެއްގޮތަކަށްވެސް ނިދުމެއް ނެތި މިހެން އުޅުން މިއީ މައްސަލައެއް ނޫންތަ؟" ޒީނާއަށް ގަބޫލުކުރަން ދަތިވިއެވެ.
"ދެން މިރޭ ހިތްވަރު ކޮށްލާ." ނާއިލް އޯގާތެރިކަމާއި އެކުގައި ބުންޏެވެ.
"އަނެއްކާ މިގޭގައި އެހެން ކަހަލަ ކަމެއް އުޅެނީބާ؟" ޒީނާ ހިތަށްއެރި އެއްޗެއް ބުނެލިއެވެ.
"ޒީ ތި ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ ރަށަށް އައިއިރަށް ޒީ ތިކަހަލަ ވާހަކަތަށްވެސް ދައްކަންފެށީތަ؟" ނާއިލް ހިނިގަނޑެއް ޖަހާލިއެވެ. ޒީނާވެސް އެ ހިނިގަނޑުގައި ބައިވެރިވެލިއެވެ.
"ދެން ނާއިލްވެސް. އަހަރެން ބުނީ ހީވާ ގޮތެއްގެ ވާހަކައޭ" ޒީނާ ލަދުގަތެވެ.
ދެކުދިންނަށް ނިދޭވަރުވީ ފަތިސް ނަމާދަށް ބަންގިދިން ފަހުންނެވެ. އެކުދިންނަށް އުނދަގޫ ކުރަމުން ދިޔަ "އެތި" ދިޔުމުންނެވެ. ނާއިލްއާއި ޒީނާއަށް ނުފެނުނު ނަމަވެސް އެ ކޮޓަރި ތެރޭގައި މުޅި ރޭ ކުދިންނަށް އުނދަގޫ ކުރަން "އެއްޗެއް" އުޅުނެވެ. ކުދިން ނިދޭ ކޮންމެ ފަހަރަކު އެކުދިންގެ ގައިގާ ވިކާލަނީ އޭގެ ދިގު ނިޔފަތި ތަކުންނެވެ. ނުވަތަ ކަންފަތް ބުޑުގައި ހަޅޭއްލަވައިގަންނަނީ ބިރުވެރި އަޑަކުންނެވެ. ނިދޭ ކޮންމެ ފަހަރަކު ނުވަތަ ނިދެމުން ދާ ކޮންމެ ފަހަރަކު އެކުދިންނަށް އެފަދަ ދުއްތުރާތަކެއް ކުރަމުންދިޔަ އެތި އެކުދިން ދޫކޮށްލާފައި ދިޔައީ ފަތިސް ނަމާދަށް މުދިމު ބަންގި ދިނުމުންނެވެ.
ކުދިން ނިދުމާއި އެކުގައި ޒީނާއާއި ނާއިލްއަށްވެސް ޖެހުނު ގޮތަށް ނިދުނީއެވެ. ވާނީވެސް އެހެންނެވެ. ދިގު ދަތުރެއް ކުރަން ޖެހުމާއި އަނެއްކޮޅުން ކުދިންކޮޅު ނުނިދާ ހޭލާ އުޅުމުން އިންތިހާއަށް ވަރުބަލި ވާނެތީއެވެ.
ޒީނާއަށް ހޭލެވުނީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ފުރަތަމަވެސް ޒީނާއަށް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. ދަރިންކޮޅު އޭރުވެސް ތިބީ ގަދަ ނިދީގައެވެ. ޒީނާއަށް ދެން ބަލާލެވުނީ ނާއިލް ކޮބައިތޯއެވެ. ނާއިލްއެއް ނެތެވެ.
"މަޑުކޮށްލާ އެބަ ހުޅުވަން" އެނދުން ފައިބައިގެން ހިނގައިގަންނަމުން ޒީނާ ގޮވާލިއެވެ.
"އަނހަ. ސަނާތަ؟ މާ ލަސްވީތަ އަނެއްކާ؟" ކުޑަކޮށް ދޮރު ހުޅުވާލާ ބޯދިއްކޮލަމުން ޒީނާ އަހާލިއެވެ.
"މަންމަ ބުނެގެން. މަންމަ ބުނީ ބަލާލަ ބަލާށޯ ޒީނާ ހޭލާތޯ އުޅެނީ ސައި ތައްޔާރުވެފައި ހުރީމަ." ސަނާ ހިނިތުންވެލަމުން ބުނެލިއެވެ.
"އެބަ ދަން އިނގޭ ކުޑަ އިރުކޮޅަކުން" ޒީނާ ދޮރު ލައްޕާލާ ފޯނު ނެގީ ނާއިލްއަށް ގުޅާށެވެ. ނަމަވެސް ހިނިތުންވެލީ ނާއިލް މެސެޖެއް ކޮށްފައިވާތަން ފެނުމުންނެވެ.
"ގުޑް މޯނިނގް ސަންޝައިން. މިދަނީ އަވަހަށް ގޭގެ ކަންތައް ނިންމަން. ޕްރިންސަސްއާ ކުދިން އަވަހަށް އަމިއްލަ ގެއަށް ގެންދަން. ހޭލައިގެން ސައިބޯތި. މިސްވީމަ ގުޅާލާތި އިނގޭ. ލަވް ޔޫ" ޒީނާ މެސެޖު ކިޔާ ނިންމާލިއެވެ.
"ވަރަށް ލޯބިވޭ. އަވަހަށް އަންނައްޗޭ" ޒީނާ މެސެޖު ފޮނުވާލިއެވެ.
އެއީ އެ ދެމަފިރިންގެ ނިކަން އާއްމު ކަމެކެވެ. ޒީނާ ހޭނުލަނީސް ތަނަކަށް ދާން ޖެހުނު ނަމަވެސް ނާއިލް ޒީނާއަށް ވާނުވާ އަންގާނެއެވެ. ކޮންމެ ތާކު ވީ ނަމަވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ޒީނާއަށެވެ. ކުދިންނަށެވެ. ނާއިލް ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އާއިލާއަށްޓަކައެވެ.
ފެންވަރާލައިގެން ނުކުމެ ޒީނާ ރީތިވާން ހުއްޓާ ކުދިންކޮޅު ހޭލުމުން އެކުދިންނަށް ގާތުން ދިނުމަށްފަހުގައި ފެންވަރުވާ ރީތިކުރަން އުޅުމުގެ ތެރޭގައި ކުދިންގެ ގައިގާ ރަތްވެފައިވާ ފިތްގަނޑުތަކެއް ފަދައިން ހުރި ތަންކޮޅުތަކެއް ފެނުނެވެ. ނަމަވެސް އެއީ މަދިރި ހެފުމުން ނަގާފައި ހުންނަ ފިތްގަނޑުތަކެއް ވައްތަރެއް ނުޖަހައެވެ. ދިރޭ އެއްވެސް އެއްޗެއް ތަންމަތީގައި ހުރިތޯ ބެލުމަށް ޒީނާ އެނދުތަންމަތި ނަގައިގެންވެސް ބެލިއެވެ. ނަމަވެސް ހިންޏެއްހާ ވަރުވެސް ފެންނާކަށް ނެތެވެ. ކުދިންނަށް އަނިޔާއެއް ލިބުމަށް ޒީނާއެއްވެސް ގޮތަކަށް ނޭދެއެވެ.
ސައިބޮއިގެން ނާއިލްއަށް ގުޅާ ކުދިންނަށް ވެފައި ހުރި ގޮތުގެ ވާހަކަ ޒީނާއަށް ބުނެވުނީ އިތުރަށް ކެތް ނުވެގެންނެވެ. ކުދިން އެ ރޭ ނުނިދާ ރުއީ ކޮންމެވެސް އެއްޗެއް އެކުދިންގެ ގައިގާ ދަތްއަޅާފައި ވުމުންނެވެ. އެހެން ކަމުން އެރޭ ވުމުގެ ކުރިން ތަންމަތި ބަދަލުކޮށް ހަދަން ބޭނުންވިއެވެ. ކުދިން ގޮވައިގެން އެކަނި އެކަން ކުރަން އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ.
"ނާއިލް.. ހަމަ ކުދިންގައިގާ ހުރީ ކޮންމެވެސް އެއްޗެއް ހަފާފައޭ. އެހެންވެގެންނޭ ކުދިންނަށް ނުނިދިގެން އެ އުޅެނީ. އަޅެ އައިސް ބަލަން އުޅެބަ ކޮން އެއްޗެއްތޯ؟ މިރޭ ވުމުގެ ކުރިން އަންނާނަންދޯ؟ އަނެއްކާ އަންނޫ ނެތީމަވެސް ވަރަށް އުނދަގޫވޭ އެކަނި ކުދިން ގޮވައިން އުޅެން" ޒީނާ ތުންދަމާ ބޮޑާ ހާކާލީ މާލޭގައި އުޅުނު އިރު ކުދިން ބަލަން ކޮންމެ ދުވަހަކު އަންނަ އަންނޫއަށް އެދުވަހު ނާދެވުނީމައެވެ.
"ހަވީރު ވާންވާއިރަށް ދާނަން. ދެން އަންނޫގެ ވާހަކަ. އަންނޫއަކަށް މިރަށަކަށް ނާދެވޭނެއެއްނު؟ އެކަމަކުވެސް މިއަދު ހެނދުނު އަހަރެން ހާމިދު ކައިރީ ބުނިން މިތާ ކައިރީ ރަށަކުން ވިޔަސް ކުދިން ބަލާ، ގޭތެރޭގެ ކަންތައްތަކުގައި ޒީއަށް އެހީވާނެ ކުއްޖަކު ހޯދަން. ހާމިދު ބުނި ބަލާނަމޭ. ހިއެއް ނުވެއޭ އެހާ އުނދަގޫވެދާނެހެން." ނާއިލް ޒީނާ އެދުމުގެ ކުރިންވަނީ ހާމިދުގާތު ގޭގައި ގެންގުޅޭނެ ކުއްޖަކު ހޯދުމަށް ބުނެފައެވެ. ޒީނާގެ ހިތުގައި ވާ ހުރިހާ އެއްޗެއް ޒީނާ ނުބުނަނީސް ނާއިލްއަށް އެނގޭފަދައެވެ.
"އަސްލުވެސްތަ؟ ތެންކްޔޫ. ދެން އަވަހަށް ގެއަށް އަންނައްޗޭ. އެހެން ނޫނީ އަހަރެން ވަރަށް އެކަނިވެރިވާނެ. ފޫހިވެސް ވާނެ." ޒީނާ ތުއިވެލިއެވެ.
ފޯނު ބާއްވާލުމަށްފަހުގައި ނާއިލް އަވަސްއަރުވާލީ ކުރަން ހުރި މަސައްކަތް ނިންމާށެވެ. ގާތުގައި ހާމިދުގެ އިތުރުން ހައެއްކަ ސޮރުންވެސް އުޅުނެވެ. ނާއިލް މަސައްކަތް ކުރީ ވަގުތީ ގޮތުން އެއްކޮޓަރިއާއި ސިޓިންގ ރޫމާއި ބަދިގެ އަދި ފާހާނާ ސާފުކޮށްލުމަށެވެ. އެއަށްފަހުގައި ޒީނާމެން ގެއަށް ބަދަލުކުރާށެވެ. ގޭގެ އެހެން ކޮޓަރިތަކާއި ފާހާނާތަށް ފަހުންވެސް ސާފުކޮށް ހެދޭނެތީއެވެ.
އެގެއަކީ ނާއިލްގެ ކާފަ އުސްމާން ދިރިއުޅުނު ގެއެވެ. ނާއިލްގެ ބައްޕަ ތަސްލީމުއާއި އޭނާގެ އެއްބަނޑު އެއްބަފާ ހަބޭން ދިރިއުޅުނު ގެއެވެ. އުސްމާންގެ އަންހެންނުން ބަދުރިއްޔާ ހިތްދަތިގޮތަކަށް ނިޔާވުމަށްފަހުގައި އުސްމާނުގެ ދަރިންތަށް ދުނިޔެ ދޫކުރަމުން ދިޔައެވެ. ކޮންމެ ކުއްޖަކުވެސް ފުރާ ފުރިހަމަވެ މީހުންނާއި އިންނަ އުމުރަށް އެޅުމާއި އެކުގައި ދުނިޔެ ދޫކުރަނީ ހީވެސް ނުކުރާފަދަ ހިތާމަވެރި، ހިތްދަތި ގޮތްތަކަށެވެ. އުސްމާންގެ އެތަށް މަސައްކަތަކުން ސަލާމަތްވީ ތަސްލީމް އެކަންޏެވެ. އެކަމުގެ ސިއްރެއް އަދިއަދަށްދާންދެންވެސް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ. އަނެއްކޮޅުން ތަސްލީމްއަށްވެސް ދިމާވީ ހަމަ އެފަދަ ކަމެކެވެ. ތަސްލީމްގެ އަންހެނުން ފާތުމަތުވެސް ހަތްދަރިން ވިހެއެވެ. ނަމަވެސް ކޮންމެ ކުއްޖަކުވެސް ދުނިޔެ ދޫކުރަނީއެވެ. ވާނުވާއެއް އެނގޭ އެކަކުމެ ނެތެވެ. ކުރިމަތީގައި ފަހަރަކު ދަރިއަކު ދުނިޔެ ދޫކުރަމުން ގޮސް ސަލާމަތްވީ އެންމެ ކުއްޖެކެވެ. ނާއިލްއެވެ. ނާއިލް ގޮވައިގެން ކުއްލިއަކަށް ތަސްލީމް އުފަންރަށް ދޫކޮށް މާލެބަދަލުވީ ކީއްވެގެންކަން އެނގޭ މީހަކުވެސް ނެތެވެ.
ނާއިލް މިހާރު ހުއްޓި އެހެރީ މީގެ އެތަށް އަހަރެއް ކުރިން ނާއިލް ސަލާމަތް ކުރުމަށް ތަސްލީމް ދޫކޮށްލި ފަސްގަނޑުގައެވެ. އެގޭގައެވެ. ހާވޭލީއެއްހާ ބޮޑު އެގޭގައި މީހަކު ނޫޅޭތާ އެތަށް އަހަރެއް ވެފައި ވުމުން މުޅި ގޭގެ ގޯތި ތެރޭގައި ވަނީ ބޯ ވިނަ ހެދިފައެވެ. ގޭތެރޭގައި ވަނީ މަކުނުވާ ގެދޮރު އަޅާފައެވެ.
ނުނިމޭ
2 Responses
ދެން ވާނީ ކިހިނެއްބާ
❤❤❤