ކިނބިވަލު ކަމަނަ (4)

(ތިންވަނަ އަދަދާއި ގުޅޭ)

ނާއިލް މިހާރު ހުއްޓި އެހެރީ މީގެ އެތަށް އަހަރެއް ކުރިން ނާއިލް ސަލާމަތް ކުރުމަށް ތަސްލީމް ދޫކޮށްލި ފަސްގަނޑުގައެވެ. އެގޭގައެވެ. ހާވޭލީއެއްހާ ބޮޑު އެގޭގައި މީހަކު ނޫޅޭތާ އެތަށް އަހަރެއް ވެފައި ވުމުން މުޅި ގޭގެ ގޯތި ތެރޭގައި ވަނީ ބޯ ވިނަ ހެދިފައެވެ. ގޭތެރޭގައި ވަނީ މަކުނުވާ ގެދޮރު އަޅާފައެވެ.

ނާއިލް މަސައްކަތް ކުރަމުން ދިޔައީ ގޭގެ ފެންޑާ ރީތިކޮށް ޒަމާނީ ސިޓިންގ ރޫމަކަށް ހަދާށެވެ. އޭރު އެތަން ސީލިންގ ކުރަންވެސް ބަޔަކު މަސައްކަތްކުރަމުން ދިޔައެވެ.

"ވަށައިގެން މިހާ ބޯކޮށް ޖަންގަލިވެފައިވާ ސަރަހައްދެއްގައި ހުރި ގެއަކަށް އައުމުގެ ބޭނުމަކީ ކޮބާ؟ މި ނޫނަސް މިރަށުން ދިރިއުޅެވޭނެ ގެތަށް ހުންނާނެ. އަހަރެން ނަމަ މީހުންނާއި އެހާ ދުރުގައި ދިރިއުޅޭކަށް ނާންނާނަން. މިގެއަށް ވަނީމަވެސް ހިތަށް ލިބެނީ ބިރުވެރިކަން. ކިހިނެއް މިގޭގައި ބަޔަކު ދިރިއުޅޭނީ؟ އެގެއެއްގައި އެތައްބަޔަކު ހިތްދަތިގޮތަކަށް ނެތި ދިޔަ ގެއަކަށް މިހާ ދުވަސް ފަހުން މީހުން ދިރިއުޅެން އަޔަސް އުޅެވޭނެތަ؟ އަހަރެން ދައްކާ ވާހަކައެއް ގަބޫލު ކުރަންޏާ ނާއިލް އަންހެނުން ގޮވައިގެން އުޅޭނެ އެހެން ގެއެއް ހޯދަންވީ." މަސައްކަތް ކުރަންތިބި މީހުންގެ ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކަށް މަޑުންނެއް ނުހުރެވުނެވެ.

"މިގޭގެ މައްސަލައަކީ ކޮބާ؟ މިއީ އަހަރެންގެ ކާފަގެ ގެ. ބައްޕަވެސް އުޅުނު ގެ. މިގޭގައި އަހަންނަށް ނޫޅެވެންވީ އެއްވެސް ސަބަބެއް ނެތް. މިގެއަށް ވަނީމަ ހިތަށް ބިރުވެރިކަން ވެރިވަނީ މިތަން ސާފުނުކޮށް ހުރީމަ. މިތަން ސާފުކޮށް ހަދާލީމަ ހަމަ ހަބޭސް ވާނެ. މިހާރުވެސް އަހަރެންގެ ހިތަށް މިތަނަށް ވަނީމަ ލިބެނީ ހަމަޖެހުން" ނާއިލް ގޮސް އެ މީހާގެ ކޮނޑުގައި ޖަހާލިއެވެ.

"ކާފަޔަސް، މާމަޔަސް އަހަރުމެންނަށް އެނގިފައި ވާގޮތުގައި މިގެއަކީ ވަރަށް ގިނަ ކަންތައްތަކެއް ހިނގާފައިވާ ގެއެއް. ތަސްލީމް މިގެއިން ނުކުމެގެން ދިޔަފަހުން މިގޭގައި މަދުން ނަމަވެސް މީހުން ދިރިއުޅެން ވިސްނި. އެކަމަކު އެއްވެސް ބަޔަކަށް މިތަން ސާފުކޮށްލަންވެސް ވަންނާކަށް ނުކެރުނު. މިގޭތެރެއިން މީހުންނަށް ދިމާވަމުން އައި ކަންތައްތަކަކީ އާދައިގެ ކަންކަމެއް ނޫން. މިގެއަށް ވަންނަ މީހަކު ވިއްޔާ ނުކުމެގެން ދަނީ ދުވަހަކުވެސް މިގެއަށް ނުވަންނަން ގޮވަމުން. ބަޔަކު މިތަނަށް ވަންނަ އިރަށް ފާޑުފާޑުގެ އަޑުއަޑުން އަންހެނަކު ގޮވާއަޑު އިވެނީ. ހަޅޭއްލަވާ އަޑާއި ރޯ އަޑާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތް. އަދި އަދަށް ދާންދެންވެސް މިގޭ ގޯތިތެރެއިން ބިޔަ ބޮޑު ހިޔަންޏެއް ފެންނާނެ. މިގެ ހުންނަ ފަރާތަށްވެސް އަރާލަން ނުކެރޭ މިގެއިން ދުވާ ވަހުން. އަހަރުމެން ދައްކާ އެއްވެސް ވާހަކައެއް އެކޮއިމެން އަދި ގަބޫލެއް ނުކުރާނެ. ހިތަށް އަރާނީ މިއީ ރަށްފަށުގެ ބޯދާ ހިޔާލޭ. ރޫހާނީ ކަންތައްތަކަކީ ވާ ކަންތައްތައްކަން އަދި ތިކުދިންނަށް ގަބޫލުކުރެވޭނެ" އެމީހާ ނާއިލްއަށް ބަލަން ހުރެ ބުނެލިއެވެ.

"އެހެން ވިއްޔާ މިހާރު ކީއްވެ ތިތަނުން އެއްވެސް ކަމެއް ނުވަނީ؟ ގައިމު އަހަރުމެން މިގޭތެރޭގައި ތިބޭތާ މިހާރު ހައެއްކަ ގަޑިއިރުވީ. ގައިމު ތި ބުނި އެއްވެސް ކަމެއް ނުވޭ. ތިއީ މީހުންގެ ހިތަށް އަރާ އެއްޗެހި. މިހާރުވެސް ހިތަށް އަރުވާލަބަލަ އަހަންނަކީ ފުރޭތައެކޭ. މީހާގެ ސިކުނޑި އަހަންނަކީ ފުރޭތައެއްގެ ސިފައިގާ ދައްކަން ފަށާނެ." އެ ދެއްކި އެއްވެސް ވާހަކައެއް ނާއިލް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

"އަހަރެންގެ ހިތަށްވެސް އަރައިފި ކީއްވެބާއޭ މިއަދު މާ އަމާން އޮމާންކޮށް މިގެ މިއޮތީ. މިއީ ދުވަހަކުވެސް ވީ ކަމެއްނޫން. މިގޭގެ ގޯއްޗަށް ވެއްޓިފައި އޮންނަ ކާއްޓެއްވެސް ނަގަން ނުވަދެވޭ ގެއެއްމީ. ހީވަނީ ގޭގެ ވެރިންއައުމުން މިގެއަށްވެސް އެނގެނީ ހެން." އެކަމާއި އެންމެންވެސް ތިބީ ހައިރާންވެފައެވެ.

"މިގެއަށް ވަރަށް މަދިރި ވަންނާނެ. ޖެހިގެން ކަހަލަ ގޮތަކަށް މިއޮތީ ކަނޑޫފާ. އަނެއްކޮޅުން ޖެހިގެން މިހިރަ ކިނބިވަލުގެ ސަބަބުންވެސް އެހާ މަދިރި ގިނަވާނެ. ކުޑަދޮރުތަކުގައިވެސް ޖެހޭނީ މަދިރި ދާ ޖަހަން." ހާމިދު ނާއިލްއަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ.

"ދެން ތިކަމަށް ކޮންމެވެސް ގޮތެއް ހަދާނީ. ތިހެން ބުނީމަ މި ބަލާލެވުނީ. ހާދަ ވަރުގަދަޔަށް ހެދިފައި އޮތް ވަލެކޭދޯ މިއީ. އަނެއްކާ ހުރިހާ ގަހެއްގައި ހެން މިހާރު މާވެސް ފޮޅިފައި. ވަރަށް ރީތި މަންޒަރެއް ދޯ މިއީ ބަލާލަން، ޒީ އަށް ތި ހުރިހާ މަލެއް ފެނިއްޖިއްޔާ މޮޔަވެދާނެ. ޒީއަކީ ގަސްގަހަށާއި މާތަކަށް ވަރަށް ފޯރި ހުންނަ ކުއްޖެއް." ނާއިލް ހަނދާންވީ ޒީނާ ގަސްހައްދަން ހުންނަ ފޯރިއެވެ. މާލޭގައި އުޅުނު އިރުގައިވެސް ތަފާތު ވައްތަރުގެ ގަސްތަކާއި މާތަށް ހެއްދުމުގައި ހޭބޯ ނާރާ އުޅެއެވެ.

"އެ މަންޖެ ކައިރީގައި ބުނާތި ތި ކިނބިވަލަށް ވަންނަން ނަހަދައްޗޭ. އެއީ މާ ރަނގަޅު ކަމަކަށް ނުވެދާނެ. މިރަށުގައި ކުރީގައި މީހުން ފަންޑިތަ ސިހުރު ހެދިއިރުގައި އެކަންތައް ކުރަން އެންމެ ގިނައިން ވަންނާނީ ތި ވަލަށް. ވަލުގެ އެކި ތަންތަނުގައި އަދިވެސް ހުންނާނެ ކަންނޭނގެ އޭރުގައި ވަޅުލާފައި ހުރި އެއްޗެހި. މިހާރު އުޅޭ ކުދިން ގަބޫލުނުކުރިއަސް އެކަހަލަ ކަންކަމަކީ ވަރަށް ބިރުވެރި ނާމާން ކަންކަން. ކޮންމެ މީހަކަށް ހައްދާފައި ވަޅުލާފައި ހުރި އެއްޗަކަށް އެރުނު ނަމަވެސް ރާހި ދިމާވާނަމަ އެފަދަ ކަންތައްތައް ދިމާވުން އެއީ ވަރަށް ގާތް ކަންކަން. މީހުން ބުނެއެއްނު. ރައްކާވެ ތިބިއްޔާ ދަތުރޭ." އަނެއްކާވެސް އެ މުސްކުޅި މީހާއަށް އަނގަ މަޑުކޮށްގެން ހުރެވޭ ކަމަކަށް ނުއެއްވިއެވެ.

"އެންމެ ރަނގަޅު ބޭބޭ އަހަރެން ބުނާނަން ޒީ ކައިރީ ވަލަށް ވަދެ ނުކުންނަން ނުހަދައްޗޭ." ނާއިލް އެމީހާ ހިތްހަމަ ޖައްސުވާލަން ބުންޏެވެ.

"އެކޮއި ނާއިލް ނިކަން މިކޮޅަށް އައިސްބަލަ." ފޯނު ކޯލެއް ނިންމާލުމައްފަހުގައި ހާމިދު ނާއިލްއަށް ގޮވާ އެކަހެރި ކޮށްލިއެވެ.

"ކިހިނެއްވީ؟ ކަމެއްވީތަ؟" ނާއިލް ހާމިދު ގާތުން އަހާލިއެވެ.

"ކަމެއް ވީއެއް ނޫން. މިއަދު ހެނދުނު ބުނީމެއްނު ގެންގުޅޭނެ ކުއްޖަކު ހޯދަން. އަހަރެން މިތާ ކައިރީ ބައެއް ރަށްރަށުގެ ރައްޓެހިންނަށް އަންގާލިން. ދެންމެ މީހަކު ގުޅައިފި. އެބަހުއްޓޯ ކުއްޖެއް. އެހާ ދުވަސްވީ ކުއްޖެއް ނޫން. އަހަރުމެން ގޯތި ސަނާއާއި އެއްވަރެއް. ވިއްސައްކަ އަހަރު. އާއިލާ މީހަކު ހުރި ކުއްޖެއް ނޫނޯ. އަޅާލާނެ އާއިލާ ބަޔަކު ނެތޯ. މާ މައްޗަށް ކިޔަވައިން ހުރި ކުއްޖެއްވެސް ނޫނޯ. އަހަރެން ދަންނަ ކުއްޖެއް ނޫން އެކަމަކު އެއީ. ނާއިލްއަށް މައްސަލައެއް ނެތިއްޔާ އޯކޭ ދޭން ކަމަށް." ހާމިދު ބިންމަތީގައި ދެފައި ވައްކޮށްލާ އިށީންނަމުން ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ކޮން މައްސަލައެއް އޮންނަންވީ؟ ޒީ އާއި ގުޅިގެން ހުރިހާ ކަމެއް ކުރެވެންޏާ އެއޮތީވެފައި. ކުދިންނާއި އަޅާލާ އޯގާތެރިވަނިކޮށް އަހަރެން ހިތްހަމަ ޖެހޭނެ." ނާއިލްވެސް ހާމިދު ކައިރީ ބިންމަތީގައި އިށީނެވެ.

"އެހާ ޒުވާން ކުއްޖެއް ވީމަ އަސްލު މިއަހާލީ. ޒީނާއަކީވެސް ޒުވާން ކުއްޖެއް. އަނެއްކޮޅުން އަންނަ ކުއްޖާ އެހާ ޒުވާން ވިއްޔާ ޒީނާ ހިތްހަމަ ނުޖެހިދާނެތީ. ފިރިމީހާ ގެއްލިދާނެ ކަމުގެ ބިރު އޮންނާނެތާ އެ މަންޖެއަށްވެސް" ހާމިދު ހީވާގޮތަކަށް ބުންޏެވެ.

"ހަހަ. އެކަހަލަ ކަމެއް ނުވާނެ. ޒީ ނޫން އެހެން އެއްވެސް ކުއްޖަކަށް އަހަރެންގެ ހިތެއް ނުދެވޭނެ. އަހަރެން މިއީ ޒީގެ ހައްގެއް. ޒީ ހިތްނޭދޭ ގޮތަކަށް އަހަރެން ފިޔަވަޅެއްވެސް ނާޅާނަން. ހާމިދުއަށް ނޭނގުނަސް އަހަރެން ހާދަ މަސައްކަތަކުންނޭ އެ މަންޖެގެ ހިތް ހޯދީ. ޒީ އަކީ އަހަރެންގެ ފުރާނަ." ނާއިލްގެ ހިތުގައި ޒީނާއަށްޓަކައި ވީ ލޯބި ހާމިދުއަށް ހާމަކުރިއެވެ.

*************

ހަވީރު ވަންދެން ހުއްޓާ ނުލާ ނާއިލް މަސައްކަތް ކުރަމުން ދިޔައީ އެތަން ސާފުކުރާށެވެ. ހަވީރުވުމުން އެންމެން ގާތު މަސައްކަތް ހުއްޓާލުމަށް އެދިފައި ނާއިލްވެސް ދިޔައީ ގެއަށެވެ. ޒީނާ ނުފެނި ގިނައިރު ވުމުން ނާއިލް ހުރީ އޭނަ ދެކިލާ ހިތުން ކެތްމަދުވެ ފައެވެ. އަނެއްކޮޅުން ދަރިންކޮޅު އުރާލާ ހިތްވެފައިވާލެއްވެސް ބޮޑެވެ.

ދިޔަ މަގުމަތީގައި ގެއަކަށް ވަދެ ޒީނާއަށް ދޭން ފިނިފެންމަލެއްވެސް ހޯދިއެވެ. ގެއަށް ދެވުނު އިރު ޒީނާއަށް އޮތީ ނިދިފައެވެ. ގާތުގައި ގަދަނިދީގައި ކުދިންވެސް ތިއްބެވެ. މަޑުމަޑުން ދޮރު ލައްޕާލާފައި ވަދެ ފިނިފެންމާ ޒީނާ އޮށޯވެގެން އޮތް ބާލީސްމަތީގައި ބޭއްވުމަށްފަހުގައި ވަނީ ފާހާނާއަށެވެ. ފެންވަރާލާށެވެ. ވެފައިވާ ވަރުބަލިކަން ފިލާނީ ފެންވަރާލައިގެންކަން ނާއިލްއަށް އެނގޭތީއެވެ.

މާގަނޑު ދަށަށްވަދެ ހަމަޖެހިލައިގެން ގަޔަށް ފެންއަޅަން ނާއިލް ހުރީއެވެ. އެ ގޭގައި ދެކެވުނު ވާހަކަ ހިތަށް އަރާފައެވެ. އެގޮތަށް އިރުކޮޅަކު ހުރުމައްފަހު ގައިގާ ސައިބޯނި އުނގުޅާ ދެލޯ މަރާލާ މޫނުގައިވެސް ސައިބޯނި އުނގުޅާލިއެވެ. އިސާހިތަކު ކަންފަތުގައި ޖެހުނީ ފާހާނާ ދޮރު ހުޅުވުނު އަޑެވެ. ޒީނާއަށް ހޭލެވުނީ އޭ ހިތަށް އަރާ ނާއިލް ހިނިތުންވެލިއެވެ.

ކޮޓަރީގައި ނިދިފައި އޮތް ޒީނާ ފުރޮޅިލީ ނިދީގައެވެ. ނިދިގަދަކަމުން ފާހާނާގައި ނާއިލް ފެންވަރަމުން ދިޔަ އިރު ބިންމައްޗަށް ފެން އެޅޭ އަޑަށްވެސް ޒީނާއަށް ހޭނުލެވުނީއެވެ.

ފާހާނާއިގާ ހުރި ނާއިލްގެ ގައިގާ ފަހަތުން ގޮސް އަންހެނަކު ބައްދާލިއެވެ. އޭނާގެ ގައިގާވެސް ހެދުމެއް ނެތެވެ. ނާއިލްގެ ގައިގާ ޖެހި ފިތިގެން ހުރެ އެ ދެއަތުން ނާއިލްގެ ގައިގާ އަތްކާއްތަމުން ދިޔައެވެ. މުޅި ގައިގާ ސައިބޯނި އުނގުޅާ ދެމުން ދިޔައެވެ. ނާއިލްވެސް ހިނިތުންވެފައި ހުރިހާ ކަމަކަށް ރުހި ގަބޫލު ވެގެން ހުރީ އަނބިމީހާ ކަމަށް ވުމުންނެވެ. ފެންވަރާ ނިމުމުގެ ކުރިން ނިމުނީ އެހެން ކަމެކެވެ. ފުދުނީ އެހެން އެދުމެކެވެ. ދެލޯ ހުޅުވާލަން ފުރުސަތެއް ނުދީ ނާއިލްއަށް އުފާވެރިކަން ގެނެސްދިނީއެވެ. ހިތުން އަންހެނުންނެވެ. ނާއިލް މުޅި މޫނުގައި ސައިބޯނި ހުރުމުގެ ސަބަބުން ލޯ ނުހުޅުވުނެއް ކަމަކު އެ ހަށިގަނޑުގައި ފިރުމަމުން ބޮސްދެމުން ދިޔައެވެ. ނަމަވެސް ނާއިލްގެ އަތް ފޮޅުވާލުމަށްފަހުގައި އޭނާ ނުކުތީ ކުދިންތަށް ރޯންފެށުމުންނެވެ. މައްސަލައަކަށް ނުހަދާ ނާއިލްވެސް ގަޔަށް ފެންއަޅާލައިގެން ނުކުތީއެވެ.

ނާއިލް ނުކުތް އިރުގައި ޒީނާއޮތީ އަނެއްކާވެސް ނިދިފައެވެ. ކުދިން ކައިރިއަށް އަރައެވެ. ދެ ދުވަސްތެރޭގައި ޒީނާ ހާދަހާ ނިދި ގަދަވެއްޖެއޭ ހިތަށް އަރާ ހިނިތުންވެލަމުން ގޮސް ފޮށިން ސޯޓަކާއި ޓީޝާޓެއް ނަގާ ލިއެވެ. އޭރު ނާއިލްގެ ކޮންމެ ހަރަކާތަކަށް ބަލަން އެ "އެތި" ކަޅި ޖަހާލުމެއް ނެތި ހުއްޓެވެ. ނާއިލްއަށް ނުފެނުނު ނަމަވެސް އޭއްޗަށް ނާއިލް ފެނެއެވެ. ކޮޓަރީގެ ހުޅުވާފައިވާ ކުޑަދޮރުން ދިމާ ބޭރުގައި ހުރި އެތި ވިހަ ހިނިތުންވުމެއް ވެރިކޮށްގެން ހުރީ ދެންމެ އެޔަށް ލިބުނު ކާމިޔާބީގެ ސަބަބުންނެވެ. ނާއިލްގެ ގައިގާ ބީހިލާ ނާއިލްގެ އަތުން އޭނާގެ ގައިގާ ބީހިލެވުނީމައެވެ. އެތަށް އަހަރެއްގެ އިންތިޒާރަށް ނިމުމެއް އަންނަން އުޅޭތީއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
6351
ގުޅުންހުރި ލިޔުންތައް

4 Responses

  1. ޒީ

    ކޮންއިރަކުން 5 ވަނަ ޕަރޓް ކިޔާލަން ލިބޭނީ؟

  2. ފޭން

    ވަރަށްވެސް ރީތި

  3. nail

    ފާހާނާއިގާ ހުރި ނާއިލްގެ ގައިގާ ފަހަތުން ގޮސް އަންހެނަކު ބައްދާލިއެވެ. އޭނާގެ ގައިގާވެސް ހެދުމެއް ނެތެވެ. ނާއިލްގެ ގައިގާ ޖެހި ފިތިގެން ހުރެ އެ ދެއަތުން ނާއިލްގެ ގައިގާ އަތްކާއްތަމުން ދިޔައެވެ. މުޅި ގައިގާ ސައިބޯނި އުނގުޅާ ދެމުން ދިޔައެވެ. ނާއިލްވެސް ހިނިތުންވެފައި ހުރިހާ ކަމަކަށް ރުހި ގަބޫލު ވެގެން ހުރީ އަނބިމީހާ ކަމަށް ވުމުންނެވެ. ފެންވަރާ ނިމުމުގެ ކުރިން ނިމުނީ އެހެން ކަމެކެވެ. ފުދުނީ އެހެން އެދުމެކެވެ. ދެލޯ ހުޅުވާލަން ފުރުސަތެއް ނުދީ ނާއިލްއަށް އުފާވެރިކަން ގެނެސްދިނީއެވެ.
    ithurah describe kuri nama

    • Zeena

      Ma kairyn nunimeny handi kairin nimman?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ