ފެނަކައިގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" އިފްތިތާޙްކޮށްފި

ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ނިޒާމް އިފްތިތާޙު ކޮށްދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި މިއަދު ބޭއްވި "އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާރުގައި އިފްތިތާޙް ކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް ދައުލަތުން ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ޚަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައެވެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފައިވަނީ ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަމަށެވެ. އެގޮތުން މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް، ޚަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުންވެސް އިސްރާފުކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމަށް ބޭނުންވާ މިފަދަ ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ