ފަހަރަކު ތަނެއް ބަލަމުން ހިނިތުންވަމުން ޒީނާ ގޮސް އިށީނީ ފާރުކައިރީގައި ބަހައްޓާފައި ހުރި ސަރަންފީގޮނޑީގައެވެ. އެއީ އެތަކެއް އަހަރެއް ވަންދެން އެގޭތެރޭގައި ހުރި ގޮނޑިއެކެވެ. ނާއިލް އެގެ ރީތިކޮށް މަރާމާތު ކުރީ ބޭނުން ހިފޭތަކެތި އެއްލާނުލައެވެ. ރީތިކުރުމަށްފަހުގައި ބޭނުން ކުރެވޭ ގޮތަށް އެފަދަ ކިތަންމެ އެއްޗެއް ބަހައްޓާފައި ހުއްޓެވެ.
ޒީނާ ހިނިތުންވަމުން ދިޔައިރު ގޭގެ އަސްކަނި ދޮށުގައި ހުއްޓިލައިގެން ގޭތެރެއަށް ބަލަން އެއްކަލަ "އެތި" ރުޅި އައިސްފާ ހުއްޓެވެ.
އިރު އޮއްސެންވީއިރު ހާމިދުމެން އެންމެން ގެއަށް ގޮއްސިއެވެ. ޒީނާގާތުގައި މާގިނައިން ގޯތިތެރޭގައި ވަގުތު ހޭދަނުކުރުމަށް އެދުމަށްފަހުގައެވެ. ރަށުގެ އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން އިރުއޮއްސެން ގާތްވުމުން ޒީނާވެސް ގޭގެ ހުރިހާ ކުޑަދޮރެއް ލައްޕާ ގޭގައި އަޑުބާރުކޮށް ގުރުއާން އަޅުވާލިއެވެ.
އިޝާނަމާދުން ފައިބާގެން ޒީނާވެސް ކުދިންކޮޅު ނިންދަވާލުމައްފަހުގައި ނާއިލްގާތަށް އަރާ އޮށޯތެވެ. ލޯބިވާ ފިރިމީހާއާއި އެކުގައި އެކަނިވެލަން ލިބުމުން ޒީނާ ހުރީ ވަރަށް އުފަލުންނެވެ.
"ތެންކް ޔޫ. ވަރަށް ރީތިގެ" ޒީނާ ނާއިލްގެ މޭމަތީގައި އަތްކާތާލަމުން ބުނެލިއެވެ.
"ނަސީބެއްނު ޒީއަށް ކަމުދިޔަކަން. ދެން ހުރި ކޮޓަރިތަށް ރީތިކޮށް ހަދާނީ ޒީވެސް ހުރެގެން." ނާއިލް ޒީނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
"ހޫމް." ޒީނާ މަޑުމަޑުން ނާއިލްގެ ތުންފަތަށް ލޯބިކޮށްލިއެވެ. ދިއްލާފައި ހުރި ހޮޅިބުރި ނިއްވާލަން މާގިނަ ވަގުތެއް ނުނެގިއެވެ.
ޖެހެމުންދާ މަޑުވައިރޯޅިތަށް ގަދަވަމުން ދިޔައެވެ. ހަނދުވެނިފާންކަން ފަނޑުކޮށްލީ އުޑުމަތި ބަނަކޮށް ބައްދަމުން ދިޔަ ވިލާތަކުންނެވެ. ރޭގަނޑަށް ގޮވާ ސޫފާސޫފިތަށް އެކި އަޑުއަޑުން އެކި ރާގުރާގަށް ގޮވަމުންދިޔައެވެ. ރަށުގެތެރެއަށް އަލިކޮށްދެމުން ދިޔަ ހުރިހާ ހޮޅިބުރިއެއް ނިވި ގެތަކުން ކަރަންޓު ދިޔައީ ވިދާލި ވިދުވަރަކާއި އެކުގައެވެ. ފަހަރަކަށް ވުރެ ފަހަރަކު ގުގުރުމުގެ އަޑުބާރުވެ ހިރަފުސްވެފައިވާ ބިންގަނޑު ތެންމާލީ ހިމަފޮދުވާރޭއިންނެވެ.
ކަނު އަނދިރިކަމުގެ ތެރެއިން ފޮށިތަންމަތި ހިފައިގެން މަޑުހިނގުމެއްގައި ރަށުގެ ބޮޑުމަގުގެ ކޮޅުން ފެށިގެން ހިނގާފައި ބަރްޝާ އައިއިރު އޭނާގެ މޫނުމައްޗަށް ވެރިވެފައިވީ ވިހަ ހިނިތުންވުމެކެވެ. ލާފައިހުރީ ޕާކިސްތާނު ހެދުމެކޭ ބުނުމަކުން ގޯހެއް ނުވާނެއެވެ. ނެތީ ހަމައެކި ދޮޕައްޓާއެކެވެ. ބަރްޝާ ހިނގާފައި އައި މަގުން ބުޅަލެއްވަރުވެސް ހުރަސްކޮށް ނުލައެވެ. ހިނގަމުން ހިނގަމުން ގޮސް ބަރްޝާ ބައެއް ފަހަރު ހުއްޓިލައެވެ. އުޑުމައްޗަށް ބަލާލުމައްފަހުގައި ކޮންމެވެސް އެއްޗެހިތަކެއް ކިޔާލައެވެ. އަނެއްބައި ފަހަރު ގަހެއްގެ ދަށަށްވަދެ ގަހުގައި އަތްކާއްތާ ބިރުވެރި ފާޑަކަށް ހޭން ފަށައެވެ.
ފަހު މަންޒިލަކަށް ބަރްޝާގޮސް ހުއްޓުނީ ނާއިލްމެން ގޭގެ ދޮރު މައްޗަށެވެ. އޭރު ބަރްޝާގެ ދިދު އިސްތަށިގަނޑު ވެހެމުންދިޔަ ވާރޭގެ ސަބަބުން ވަނީ ހެދުމުގައި ތަތްލާފައެވެ. އެއްކޮށް ތެމިފައިވާ ހެދުންގަނޑުވެސް ވަނީ ގައިގާވަނީ ތަތްވެފައެވެ. ގައިގެ ވަނާތަށް އެނގޭހާވެއެވެ. އެ ފުރިހަމަ ހަށިގަނޑު ހާމައަށް އެންމެންނަށް ފެންނަން ހުއްޓޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.
ފޮށިތަންމަތި ބިންމަތީގައި ބަހައްޓާ އަތް ނަގައި ދޮރުގައި ބަރްޝާ ތަޅައިގަތީ ތަނެއްދޮރެއް ބެލުމެއް ނެތިއެވެ. މޫނުމަތީގައި ވި ވިހަ ހިނިތުންވުން ފިލުވާލާ ވަރުބަލިވެފައިވާ ކަން އިހްސާސްވާގޮތަށް ދޮރުގެ އެއްކަނީގައި ލެނގިލިއެވެ. އެތެރެއިން މީހެއްގެ ހިލަމެއް ނުވުމުން އަނެއްކާވެސް ގައިގަ ހުރި ބާރެއް ލާފައި ދޮރުގައި ތަޅައިގަތެވެ.
ނިދިފައި އޮތް ނާއިލްއަށް ހޭލެވުނީ ދެނެވެ. މީހަކު މާބާރަށް ގޭގެ ދޮރުގައި ތަޅާއަޑަށެވެ. ނާއިލްއަށް ބަލާލެވުނީ ޒީނާއަށެވެ. އޭރު ހެއްދެވިގޮތަށް ޒީނާއޮތީ ނާއިލްގާތުގައި ނިދާފައެވެ. ރަޖާގަނޑު ނަގާ ޒީނާގެ ގައިގާ އަޅާ ފޮރުވާލާ ޒީނާގެ ނިއްކުރިއަށް ބޮސްދިނުމަށްފަހުގައި ނާއިލް ބިންމަތީގައި އޮތް ސޯޓުނަގާލަމުން އަވަސްކޮށްލާ ކޮޓަރިން ނުކުތެވެ. މަޑުކޮށްލާށޭ ކިޔާ ގޮވަމުން ނާއިލް ނުކުތީ އެފަދަ ދަން ގަޑިއެއްގައި އައީ ކާކުކަމެއް ނޭނގޭތީ ހައިރާންވެ ހުރެގެންނެވެ. ކަރަންޓު ނެތުމުގެ ސަބަބުން އަނދިރިގަނޑުގައި އެއްޗެހީގައި އަޅައިގަންނަމުންނެވެ.
ދޮރު ހުޅުވާލާ އަނދިރިގަނޑަށް ލޯ ހޭނުމާއި އެކުގައި ފެނުނީ ދޮރުމަތީގައި ހުރި ޒުވާން އަންހެން ކުއްޖާއެވެ. އެކަނިމާއެކަންޏެވެ. ވެހެމުންދިޔަ ވާރޭއިން ސަލާމަތްވާން ވެގެން ޓަކިޖަހާ ކުއްޖެއް ކަމަށް ނާއިލް ހީކުރިއެވެ.
"ހާމިދުބެ ބުނެގެން ރަށުގެ އާދަންބޭ ބުނެގެން މިއަދު ހެނދުނު ފުރީ. އެކަމަކު އިންޖީނު މައްސަލައެއް ޖެހިގެން ބޯޓު ހުއްޓިގެން ލަސްވީ" ބަރްޝާ ވާހަކަދެއްކިއެވެ. ވާނުވާ ނޭނގި އިރުކޮޅަކު ނާއިލްއަށް ހުރެވުނީއެވެ.
"އާނ. ހަނދާންވެއްޖެ. ގޭގައި ޒީއާއި އެހީވާންދޯ؟" ނާއިލްގެ ހަނދާނަށް އައެވެ.
އާނއެކޭ ބުނަމުން ބަރްޝާ ހިނިތުންވެލިއެވެ. ނާއިލް އެއްފަރާތަކަށް ޖެހިލާ ބަރްޝާ އެތެރެއަށް ވަންނަން ޖާގަދިނެވެ. އަދި ދޮރުމަތީގައި ހުރި ފޮށިތަންމަތި އެތެރެއަށް ވައްދާލަދިނެވެ.
"މިރޭ އަދި ނިދަންޖެހޭނީ އަހަރުމެންގެ ކޮޓަރީގައި. އަނެއްކޮޓަރި ނިމޭނީ އަދި މާދަން. މަޑުކޮށްލާ އަހަރެން އަންނާނަން ޒީއަށް ގޮވާލާފައި" ނާއިލް އެހެން ބުނުމަށްފަހު އުޅުނީ ޒީނާއަށް ގޮވަން ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް ހުއްޓުންއެރީ ބާރު ގުގުރުމަކާއި އެކުގައި ބަރްޝާ ނާއިލްގެ ގައިގާ ބައްދައިގަތުމުންނެވެ. ނާއިލްއަށް ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. އެއީ ޒީނާ ނޫން އެހެން އަންހެން ކުއްޖަކު ނާއިލްގެ ގައިގާ ބައްދައިގަތް ފުރަތަމަ ފަހަރެވެ.
ކަނު އަނދިރިކަން ފިލީ އެވަގުތު ކަރަންޓު އައުމުންނެވެ. ނާއިލްއަށް ބޭއިހްތިޔާރުގައި ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލާލެވުނެވެ. އެއީ ރީތި ހުސްކުރާހާ ރީތި ކުއްޖެކެވެ. ފަތްމިންޏެކޭ ނާއިލްގެ ހިތަށް އެރިއެވެ. ގައިގަ ބައްޓަމާއި ވަނާތަށް ހާމައަށް ފެންނަން ހުރިއިރު ނާއިލްއަށްވެސް ބުނެދޭން ނޭނގޭފަދަ އިހްސާސެއް ކުރެވުނެވެ. ބޮލަށް ސަވާރުވާން އުޅުނު އިބިލީހަށް ނޫނެކޭ ބުނެލަމުން ނާއިލް އަވަސްވެގަތީ ބަރްޝާއާއި ދުރަށް ޖެހިލުމަށެވެ. އެބަ އަންނަމޭ ބުނެ ގޮސް ނާއިލްވަނީ ކޮޓަރިއަށެވެ.
ނިދިފައި އޮތް ޒީނާގާތަށް ހުއްޓި ހުރެ މަޑުމަޑުން ގޮވާލިއެވެ. އަދި ޒީނާއަށް ރީއްޗަށް ބަލާލިއެވެ. އެއީ އޭނާގެ ލޯބިވާ އަނބިމީހާއެވެ. ޒީނާއަށް ވުރެ ފުރިހަމަ އިންސާނެއް އޭނާއަކަށް ނުފެންނާނެއެވެ. ޒީނާގެ ރީތިކަން ފެނި ނާއިލްއަށް އަބަދުވެސް ޒީނާއަށް ތައުރީފް ކުރެވެއެވެ.
"އެއްކަލަ ކުއްޖާ އެބަހުރި. ހެދުން ލައިގެން ހިނގާބަލަ." ޒީނާ ދެލޯ ހުޅުވާލާ ހަމަޖެހިލުމުން ނާއިލް ހެދުން ދިއްކޮށްލަމުން ބުންޏެވެ.
މާގިނައިރުތަކެއް ނުވެ ޒީނާވެސް ހެދުން ލައިގެން ނާއިލްގެ އަތުގައި ހިފައިގެން ނުކުތެވެ. އޭރު ސިޓިންގ ރޫމްގައި ހުރި ސަރަންފީގޮނޑީގައި ހަމަޖެހިލައިގެން ބަރްޝާ އޮތެވެ. ދެއަތްގަނޑު މައްޗަށް ދެއަތް ލައިގެން އެއްއަތްގަނޑު ހުޅުވާލާ ފައިދަމާލައިގެންނެވެ. ހީވަނީ އަމިއްލަ ގެދޮރު ހެންނެވެ. ޒީނާއާއި ނާއިލް ފެނުމުންވެސް ތެދުވާކަށް ބަރްޝާ ނުހެދިއެވެ. އެކަމާއި ޒީނާ ކުޑަކޮށް ހިތްހަމަ ނުޖެހުނު ނަމަވެސް އަޅާ ނުލާ ދޫކޮށްލާގޮސް އެދެމަފިރިން އިށީނީ އުނދޯލީގައެވެ. ދެންވެފައި ހުރުމާއި އެކުގައި މާ ގިނަ ވާހަކަތަކެއް ދެއްކުމެއް ނެތި ޒީނާ ބަރްޝާ ގޮވައިގެންވަނީ ކޮޓަރިއަށެވެ. ނާއިލް ރަޖާގަނޑަކާއި ބާލީހެއް ހިފައިގެން ގޮސް އޮށޯތީ އުނދޯއްޔަށް އަރައެވެ.
ފަތިހުގެ އިރުގެ ދޯދިތަކުން މުޅި ރަށުތެރެ އަލިކުރަން ފަށައިފިއެވެ. ނިމިގެންދިޔަރޭގައި އައި ތޫފާނުގެ އެއްވެސް ނިޝާނެއް ނެތްފަދައެވެ. ކޮވެއްޔާއި ހާތަކުގެ ގޮވެލިން ރަށުތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަން ކަނޑުވަމުން ދިޔައެވެ. ގޯތިތެރޭގައި އޮތް އިލޮށި ފައްޗެއް ހިފައިގެން ނުކުމެ ބަރްޝާ ގޯތިތެރެއާއި މަގުމަތި އެއްކޮށް ކުނިކަހާ ނިންމާލިއެވެ. އެ ބޮޑު ގޯއްޗާއި މަގުމަތި ކުނިކަހާ ނިންމާލިއިރު ވަރުބަލި ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ މޫނުމަތިން ފެންނާކަށް ނެތެވެ. ހުރިހާ ކުންޏެއް ނަގާ ބޮޑު ކޮތަޅަކަށް އެޅުމަށްފަހުގައި ބަދިގޭގެގައި އޮތް ބޮޑު ވަޅިއެއް ހިފައިގެން ބަރްޝާގޮސް ވަނީ ޖެހިގެން އޮތް ކިނބި ވަލަށެވެ. ބިންމައްޗަށް ވެއްޓިފައި ހުރި ކިބިމާތަކަށް ބަލަމުން އެއަށް ފައިންނާރާ ހިނިތުންވެފައި ހުރެގެން ބަރްޝާ ވަދެވަދެގެން އެ ދަނީއެވެ.
ވަލުގެ މެދަށްވުރެ ދުރަށް ދިޔުމަށް ފަހު ބަރްޝާ ހަމަޖެހިލައިގެން ހުއްޓިލިއެވެ. މުޅި ވަލުގައި ހުރި އެންމެ ބޮޑު ކިނބިގަހުގެ ދޮށުގައެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ ފޮޅިފައިވާ ކިނބި މާތަކުން ދުވާ ގަދަވަހެވެ. ބިންމަތިން ވެލިފުކެއްވެސް ނުފެންނަ ވަރަށް ކިނބިމާތަށް ވެރިފައި ހުއްޓެވެ. އުޑުފައިން އިށީނދެ އިނދެގެން މާތަށް ކުޑަކޮށް ދުރަށް ޖައްސާލިއެވެ. އަދި އިނގިލިން ބިންމަތީގައި ކުކުޅެއް ކުރަހާ ކޮންމެވެސް އެއްޗެއް ކިޔަން ފެށިއެވެ. ވައިމަޑުވެފައި އޮތް ނަމަވެސް އިރުކޮޅަކަށް ހީވީ މުޅި ވަލަށް ބޮޑު ތޫފާނެއްގެ ވައިޖެހުނު ހެންނެވެ. ނަމަވެސް އެވައިގަނޑު ހުއްޓޭކަށް މާގިނަ ވަގުތެއްވެސް ނުނަގައެވެ. ވައިމަޑުވުމާއި އެކުގައި ތެދުވެ ކިނބިގަހުގައި އަތްކާއްތާލިއެވެ. އަދި ހިނިތުންވެލިއެވެ. ދެތިން މިނެޓެއް ފަހުން ވަލުތެރެއިން އެއްޗެއް އުޅޭކަމުގެ ހިލަމެއް ވިއެވެ. ކުރުކޮށް ހެދިފައި ހުރި ވިނަތަކާއި ގަސްތަކުގެ ތެރެއިން ނުކުމެގެން އައީ ބައިވަރު ކުކުޅުތަކެވެ. ހުރިހާ ކުކުޅެއް އައިސް އެނބުރެން ފެށީ ބަރްޝާ ވަށައިގެން ކަހަލަ ގޮތަކަށެވެ. އަތުގައި އޮތް ވަޅި ނަގައި ބަރްޝާ އެތަނުން އެއްކުކުޅަށް އަމާޒު ކޮއްލިއެވެ. ވަޅިން ޖެހުމާއި އެކުގައި އެ ކުކުޅު މަރުވެ އެތަނަށް ވެއްޓިއްޖެއެވެ. މަރުވި ކުކުޅު ނަގާ އެއް އަތަށް ލައިގެން އަނެއް އަތަށް ވަޅިލައިގެން އެއް މިޔަކަނުން ހެމުން ހެމުން ބަރްޝާ ހިނގައިގަތީ ވަލުން ނުކުންނާށެވެ. ކުރެވުނު ސިކާރައާއި މެދު ހިތްހަމަޖެހި ހުރެގެންނެވެ.
ތެދުވެގެން ފެންވަރާ ނަލަހެދިގެން ކުދިން ރީތިކޮށް ބަނޑުފުރާ ގާތުން ދިނުމަށްފަހު އެކުދިން އެނދަށް ލުމަށްފަހުގައި ޒީނާ ހިނގައިގަތީ ބަދިގެއަށް ދާށެވެ. ހޭލިވަގުތު ބަރްޝާ ފެންނަން ނެތުމުން ބަދިގެއަށް ވަނީކަން ޔަގީންވީ މާ މީރު އެއްޗެއް ކައްކާވަސް ގޭތެރެއިން ދުވާތީއެވެ.
ކޮޓަރިން ނުކުންނަން އުޅުނު ނަމަވެސް ޒީނާ ހުއްޓުން އެރީ މީހަކު ޒީނާއަށް ވައިއަޑުން ގޮވާލުމުންނެވެ.
"ޒީނާ" އަނެއްކާވެސް ޒީނާގެ ކަންފަތްދޮށުގައި ވައިއަޑަކުން މީހަކު ގޮވާލިއެވެ. ބައެއް ފަހަރު އެއީ ފިރިހެން އަޑެއްހެން ހީވި ނަމަވެސް ޒީނާއަށް ބޮޑަށް ބުރަވެވުނީ އެއީ އަންހެން އަޑެއް ކަމަށެވެ. ޒީނާ ވަށައިގެން އެނބުރި ބަލާލިއެވެ.
"ކާކު؟" ޒީނާ ބިރުގަންނަން ފެށިއެވެ.
"ކާކު" އެ އަޑުން އެމީހަކު ހުއްޓާނުލާ ޒީނާއަށް ގޮވަމުން ދިޔައެވެ. ޒީނާ ބިރުން ފިތް ކަނޑައިގެންދިޔައެވެ. ދެއަތުން ކަންފަތްމަތީގައި އަތް އަޅާ ރޯން ފެށިއެވެ. ޒީނާ ރޯން ފެށުމާއި އެކުގައި އެމީހަކު ބިރުވެރި އަޑަކުން ހޭންފެށިއެވެ. ހޭހުސްވެގެން ޒީނާ ވެއްޓުނީ އެވަގުތުއެވެ.
ނުނިމޭ