ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މަގާމުން ވަކިކޮށްފި

ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ޕީޓާ ސެގަޓް ވަކިކޮށްފިއެވެ.

ސެގަޓް މަގާމުން ވަކިކޮށްފައި މިވަނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހުއެވެ.

އެފްއޭއެމް އާއި ހަވާލަދީ "ވަން އޮންލައިން" ނޫހުން ބުނީ ސެގަޓް އާއި އެސޯސިއޭޝަނާ ދެމެދު މަޝްވަރާކުރުމަށްފަހު ކޯޗާއެކު ހެދިފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށާއި އަދި އެފްއޭއެމް އިން ވަނީ ސެގަޓު ޓީމަށް ހޯދައިދިން ކާމިޔާބީތަކަށާއި ކުރިއެރުންތަކަށް ޝުކުރު އަދާކޮށްފާ ކަމަށެވެ.

މާޗް 2018ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވިފަހުން ސެގަޓަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެއީ ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރީ 2008 ގައެވެ.

ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ވާދަކޮށް އެއްވަރުވި އިރު ޖެހިގެން އައި މެޗުގައި ލަންކާ އަތުން ވެސްވީ އެއްވަރެވެ. އޭގެ ފަހުން ބޫޓާން އާއި ވާދަކޮށް ރާއްޖެ ވަނީ ބަލިވެފައެވެ. މި މެޗުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ބޫޓާނަށް ދިވެހި ސީނިއާ ޓީމުގެ އިތުރުން ޒުވާން ޓީމް ވެސް ބަލިކުރެވިފައެއް ނުވެއެވެ. ބޫޓާނަށް މީގެ ކުރިން ބަލިކުރެވިފައިވަނީ ހަމައެކަނި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ރާއްޖެ ކުޅުނު ހަތަރު މެޗުން ލިބުނީ ދެ ޕޮއިންޓެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އަތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ