އައިޓީބީ ފެއަރ މާދަމާ ފަށަނީ!

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ޖަރުމަންވިލާތުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއަރ މާދަމާ ރަސްމީކޮށް ފަށާނެއެވެ.

ރާއްޖޭގެ 105 ކުންފުންޏަކުން ބައިވެރިވާ މި ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގިނަ ކަންތައްތައް ރާއްޖޭގެ ސްޓޭންޑުން ފެންނަ ހުންނާނެކަމާއި، ބޮޑުމަހުގެ ކުޅިވަރުތަކާއި ދިވެހި ކެއުންތަކުގެ ރަހަތައް ތަޖުރިބާ ކުރުމުގެ އިތުރުން ދިވެހި ކެއްކުންތައް ވަގުތުން ތައްޔާރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީ އެސިސްޓަންޓް ޑިރެކްޓަރު ރީނާ އަބްދުލް ވާހިދު ވިދާޅުވިއެވެ.

އަދި ލިޔެލާ ޖެހުމާއި ކަސަބު ވިޔުމުގެ އިތުރުން ރޯނު ވެށުން ވެސް ރާއްޖޭގެ ސްޓޭންޑުން ފެނިގެންދާނެ ކަމަށް ރީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފެއަރގެ ފަހު ދެ ދުވަސް ވިޒިޓަރުންނަށް ހާއްސަކޮށްފައި ވާނީ ރާއްޖެއާ ބެހޭ ގިނަ ގުނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

މިފަހަރުގެ ފެއާގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށް ހުންނަވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް