ސައުތު އޭސިއަން ގޭމްސް 2019 ގެ 100 މީޓަރ ދުވުމުން ދިވެހިރައްޖެއަށް ރަން މެޑަލް ހޯދައިދިން، އެމްއެންޑިއެފްގެ ސާޖެންޓް ހަސަން ސާއިދު އަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ މަރުހަބާ ދަންނަވައިފިއެވެ.
ޑިފެންސް މިނިސްޓަރާއިއެކެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުން ސާއިދުއަށް މަރުހަބާ ދަންނަވާފައެވެ.
ސާއިދުއާއެކު މިއަދު ވަނީ، ނޭޕާލުގައި ކުރިއަށް ދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި އިތުރު މެޑަލިސްޓުންވެސް މާލެއައިސްފައެވެ.

ޔޫތް މިނިސްޓްރީންވެސް ވަނީ ސާއިދުއާއި ޓީމްގެ އިތުރު ބައިވެރިންނަށް މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ ބަޔަކު ރަސްމީ ފާލަން ސަރަހައްދަށް ދިއުމަށް އިލްތިމާސްކުރައްވާފައެވެ.
ސައުތު އޭސިއަން ގޭމްސް 2019 އިން ސާއިދު ރަންމެޑަލް ހޯދާފައިވާއިރު، 200 މީޓަރު ދުވުމުން ސާއިދު ވަނީ ރިހިމެޑަލްވެސް ހާސިލްކޮށްފައެވެ.
100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސާއިދުވަނީ މީގެ ކުރިންވެސް ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްވައިދެއްވާފައެވެ.



