ޔޫސީއެލް - އަޔެކްސްއިން އެންމެފަހު ތިން އަހަރުގެ ޗެމްޕިއަން ރެއަލްމެޑްރިޑް ކަޓުވާލައިފި

ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތައް މިރޭ ފެށިގެންދިޔައިރު ރެއަލްމެޑްރިޑް އަދި އަޔޭކްސް ބައްދަލުކުރި މެޗުން 1-4 (އެގްރިގޭޓް 3-5) ބަލިވެ އެންމެފަހު ތިން އަހަރުގެ ޗެމްޕިއަން ރެއަލްމެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

މިރޭގެ މެޗަށް ނިކުތްއިރު މިމެޗުގެ ފުރަތަމަ ލެގުގައި ދެއްކި ރަތްކާޑުގެ ސަބަބުން މިމެޗުގައި ރެއަލްގެ ކެޕްޓަން ރާމޯސްއަކަށް ނުކުޅެވެއެވެ. އަދި އެލެގްގައި 1-2 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑްވަނީ އަޔެކްސްގެ މައްޗަށްކުރި ހޯދާފައެވެ. އަޔެކްސް ދަނޑުގައިޖެހި އަވޭ ދެލަނޑުގެ އެޓްވާންޓޭޖްސްވެސް މެޗުފެށުނުއިރު ރެއަލްއަށްއޮތެވެ.

ފުރަތަމަ ލެގުގައި ބަލިވެފައި އޮތުމުން އަޔެކްސްއިން މެޗު ފެށީ ވަރަށް އެކަން ދަނެގެންނެވެ. މެޗުގެ ކުރީކޮޅުގައި ހަމަލާތައްވެސް އުފައްދަން ފެއްޓިއެވެ. ފުރަތަމަ ލަނޑަށް މެޗު ފެށިތާ އެންމެ 7 މިނަޓެވެ. މިލަނޑު އަޔެކްސްއަށް ކާމިޔާބުކޮށްދީ ޒިޔެޗްއެވެ. މިލަނޑުގެ ކުރިން ރެއަލްމެޑްރިޑްގެ ޑިފެންޑަރ ވަރޭން ފޮނުވާލި ހަމަލާއެއްވަނީ އަޔެކްސްގެ ގޯލް ދަނޑިއާ އަމާޒުވެފައެވެ. އަޔެކްސްގެ ދެވަނަ ލަނޑު، ފުރަތަމަ ލަނޑު ޖެހިތާ 11 މިނަޓް ފަހުން އަޔެކްސްއިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއެވެ. މިލަނޑު މެޗުގެ 18 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ނެރެސްއެވެ.

ވިނިޝިއަސްއަށް އިންޖަރީވެފައި

ދެލަނޑު ދަށުގައި އޮތް ރެއަލްއަށް އިތުރު ހިތްދަތިކަމަކަށްވީ ލޫކަޒް ވަޒްކަޒް އަދި ވިނިޝިއަސްއަށް އިންޖަރީވެ ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުމެވެ. ވަޒްކަޒްގެ ބަދަލުގައި ބޭލް ކުޅެން ނިކުތްއިރު ވިނިޝިއަސްގެ ބަދަލުގައި ކުޅެންއެރީ އަސެންސިއޯއެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗުގެ 62 ވަނަ މިނަޓްގައި އަނެއްކާވެސް އަޔެކްސްއިން ލަނޑެއްޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޓަޑިޗްއެވެ. މުބާރާތުން ބޭރުވަމުންދިޔަ ރެއަލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މެޗުގެ 70 ވަނަ މިނަޓްގައި އަސެންސިއޯ ޖަހައިދިން ލަނޑާއެކުގައެވެ.

ނަމަވެސް އަޔެކްސްގެ ޝޯނެ ލަނޑެއްޖަހައި މެޗުގެ ނަތީޖާ 1-4 ބަދަލުކޮށްލިއިރު ރެއަލް ލަނޑުޖެހިތާވީ އެންމެ ދެމިނަޓެވެ. މެޗު ނިމިގެންދިޔައީ މިނަތީޖާގައި އޮވެގެންނެވެ. މެޗުގެ 93 ވަނަ މިނަޓްގައި ނަޗޯއަށް ފުލުފުލުން ދެއްކި ދެރީނދޫކާޑާއެކު ރެއަލްއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

81 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ބަލިވެ މުބާރާތާ ރެއަލްމެޑްރިޑް އަލްވަދާޢުކީއިރު ޒިދާންގެ ކޯޗު ކަމުގެ ދަށުން އެންމެފަހު ތިން އަހަރުގެވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ ރެއަލްމެޑްރިޑެވެ.

އަދި މިއީ 22 އަހަރު ތެރޭގައި އަޔެކްސްއިން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ