ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާމެދު އިޙްމާލުވެވޭތަން - މެޑަމް ފަޒްނާ

މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ކަމަށާއި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާމެދު އިޙްމާލުވެވޭތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާލުވެއްޖެއެވެ.

އެކަމަނާ މިހެން ވިދަޅުވީ ރާއްޖެޓީވީ ގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން ފަޒްނާ ވަނީ ކުޑަކުދިންގެ ޙައްޤުތަކާ ކަރާމަތަށް އުނިކަން ނާންނަގޮތަށް ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގެވުމަށްވެސް މީޑިއާއަށް ގޮވާލައްވާފައެވެ.

އެކަމަނާ ވިދާޅުވީ އެފަދަ ކެންޕޭނެއްގެ ސަބަބުން އާންމުންގެ ހެލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށެވެ. "މިހާރު ކަން އޮންނަގޮތަކީ ކަމެއްދިމާވެއްޖެނަމަ 2 ހަފްތާއެއްހާދުވަސް ވަންދެން އެވާހަކައެއް މީޑިއާގައިވެސް ދެކެވި އެވާހަކައެއް އެހިސާބުން އޮބިގެންދިއުން" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާލުވިއެވެ.

އެކަމަނާ ވިދާޅުވީ އޭގެ ބަދަލުގައި މިފަދަ ގޮތަކަށް ރޭވިގެން ދިގުމުއްދަތަކަށް އަމާޒުހިފައިގެން އާރުލާ ގޮތަކަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ގެނެވިދާނެކަމަށެވެ. އަދި މީޑިޔާއިން އެގޮތުން ސަމާލުކަން ދެވިދާނެ ކުޑަކުދިންނާ ގުޅޭ ބައެއް ސުރުޚީތައްވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންނާ ގުޅޭ ގިނަ ކަންކަމަކީ ކުއްޖާވަރަށް ތުއްތުއިރު، ގޭތެރެއިން ފެށިގެން އަންނަކަންކަން ކަމަށް ބެލެވޭތީ، ބެލެނިވެރިންނަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި އެކަމަނާ ވިދާލުވިއެވެ. ހަމަ އެހެންމެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާ ފުށުއަރާފަދަ ކަންކަން އިސްތިހާރުތަކުން ފެންނަކަން ފާހަގަކުރައްވައި އެއީ އެކަން ހިނގައިގެންވާނެ ގޮތެއްނޫންކަންވެސް އެކަމަނާގެ ވާހަކަ ފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެޓީވީގެ ފާއިތުވި މާޒީއަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖެޓީވީ އަކީ "ބަދަލުގެނެސްދޭ" އަދި މީހުންނާ ހިސާބައް މައުލޫމާތު ފޯރުކޮށްދެއްވުމުގައި އަމިއްލަ ފުރާނަ އަތްމައްޗައްލައިގެން މަސައްކަތް ކުރި މުވައްޒަފުން ތަކެއް ތިބި ތަނެއްކަމުގައެވެ. އަދި އޭރު މަސައްކަތްކުރަން ޖެހިފައި އޮތް ބިރުވެރިކަމާއެކުވެސް ޕްރޮގްރާމްތަކުގައި މަޖާ ނުވަތަ ހިއުމާ ބޭނުން ކޮށްފައިވާކަން އެއީ އެ ހާސްކަމާ ނުރައްކާތެރިކަމުގެ ތެރޭން ރާއްޖެޓީވީ ސަލާމަތްވި މައިގަނޑު ސަބަބުކަމަށް ޤަބޫލުކުރެވޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އޭރު ހުރި ގޮންޖެހުންތަކާ އެ މާހައުލު މިހާރު ނެތްނަމަވެސް، މިހާރުގެ ކަންކަން ރިޕޯޓް ކުރުމުގައި ވެސް ރާއްޖެޓީވީ އޭ ބުނުމުން އެސިފަވާ ރޫޙުގައި ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރެއްވުމަކީ އެކަމަނާ ޤަބޫލުކުރައްވާ އަދި އެދިވަޑައިގަންނަވާ ގޮތްކަމަށެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ރާއްޖެޓީވީން 2012 އިން ފެށިގެން 2018 އާހަމައަށް ފަސްޖެހުމެއްނެތި ކުރި މިންނެތް މަސައްކަތްތައް ފާހަގަކުރެއްވައި ރާއްޖެ ޓީވީ މުވައްޒަފުންނާއި މެނޭޖްމަންޓަށްޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާޞަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ރާއްޖެޓީވީގެ މުވައްޒަފުންނަށް އެކަމަނާ ވިދާޅުވެފައިވެއެވެ. މި ޙަފުލާގައި، ރާއްޖެޓީވީގެ މުވައްޒަފުންގެ އެކިއެކި 18 އެވޯޑެއް ދީފައިވާއިރު މީގެ ތެރެއިން ރާއްޖެ ޓީވީގެ "ސްޓާފް އޮފް ދަ އިޔަރ 2019" ހާސިލުކުރި ރާއްޖެޓީވީގެ އެޑިޓަރ، އަޙްމަދު ސިރާޖަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ