އިންޑިޔާގައި އުޅެމުންދާ ބައެއް ޤައުމުތަކުގެ މުސްލިމުންނަށް، އިންޑިޔާގެ ރަށްވެހިކަން ނުލިބޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައެއް މީހުން މަރުވެއްޖެއެވެ. އެގޮތުން، އެޤައުމުގެ އައްސާމް ސްޓޭޓުގެ ގުވާހަޓީގައި ވަނީ މުޒާހަރާގެ ސަބަބުން ހަ މީހަކު މަރުވެފައެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ހަ މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވަނީ ފުލުހުން ބަޑި ޖެހުމުންނެވެ. ހަ މީހުންގެ ތެރެއިން އެކަކު މަރުވީ މުޒާޖަރާތަކުގެ ތެރެއިން ލިބުން އަނިޔާތަކުގެ ސަބަބުންކަމަށްވާއިރު، އަނެއް މީހާ މަރުވީ ނިދަން އޮތް ފިހާރައިގައި އަލިފާން ރޯކޮށްލުމުގެ ސަބަބުންނެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ފާސްކުރި އިސްލާހާ ގުޅިގެން އެދުވަހުން ފެށިގެން އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ދަނީ ވަރުގަދަ މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. އެގޮތުން ވެރިރަށް ނިއު ދިއްލީގެ ދެކުނުގެ ސަރަހައްދުގައި އިއްޔެވެސް ވަރުގަދަ މުޒާހަރާތަކެއް ބާއްވާފައިވެއެވެ.
'އަލްޖަޒީރާ" އިން ބުނާގޮތުގައި އިއްޔެ ދެކުނު ދިއްލީގައި ކުރި މުޒާހަރާގައިވެސް ގާތްގަނޑަކަށް 4000 މީހުން ބައިވެރިވިއެވެ. މި މީހުންގެ އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ވަނީ މުގުރު ބުރިން ތަޅާ އަނިޔާކޮށް، އަދި ކަރުނަ ގޭސްވެސް ބޭނުންކޮށްފައެވެ.
ޔުނިވަރސިޓީތަކަށްވެސް ވަންނަނީ
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑު އުފުލަމުންދަނީ އެޤައުމުގެ ބައެއް އިސްލާމީ ޔުނިވަރސިޓީތަކުގެ ދަރިވަރުންކަމުގައިވާއިރު، އިއްޔެ ފުލުހުން ވަނީ ބައެއް ޔުނިވަރސިޓީތަކަށް ވަދެ، އެތަންތަނުގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަނިޔާކޮށް، އެތަންތަނުން ނެރުމަށް މަސައްކަތް ކުރަމުންނެވެ.
ނިއު ދިއްލީގެ ޖާމިޔާ މިލިއާ އިސްލާމިއާ (ޖޭ.އެމް.އައި) އަދި އުއްތަރަ ޕްރަދޭޝްގެ އަލިގަރު މުސްލިމް ޔުނިވަރސިޓީ އަށް ފުލުހުން ވަދެ، ކުދިންނަށް އަނިޔާ ކުރަމުންދާއިރު، މި އަނިޔާތަކުގެ ޝިކާރައަކަށް މުޒާހަރާގައި ބައިވެރި ނުވާ ކުދިންވެސް ދަނީ ވަމުންނެވެ.

100 އެއްހާ ދަރިވަރުން ހައްޔަރުވެސް ކޮށްފައިވާއިރު، މިކަމާ ގުޅިގެން ޔުނިވަރސިޓީތަކުން ބުނެފައިވަނީ، ފުލުހުން އެތަންތަނަށް ވަދެފައިވަނީ އެއްވެސް ހުއްދައަކާ ނުލައި ކަމުގައެވެ.
އިންޑިޔާ ފުލުހުންގެ އަނިޔާވެރިކަން ފެންނަ އެތައް ވީޑިޔޯއެއް އާއްމުވެފައިވާއިރު، މިކަމާ ގުޅިގެން އެޤައުމަށްވަނީ އެތައް ފާޑުކިޔުމެއް އަމާޒުވެފައެވެ.