ނިއު ޒިލެންޑުގެ އަލިފާން ފަރުބަދަ ގޮވައިގެން މަރުވި މީހުންގެ އަދަދު 18 އަށް

މީގެ ހަފްތާއެއް ކުރިން ނިއު ޒިލެންޑުގައި އަލިފާން ފަރުބަދައެއް ގޮވާ ހިނގި ނުރައްކާތެރި ޙާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ. މަރުވި މީހުންގެ އަދަދު 18 އަށް އަރާފައިވަނީ، އެންމެ ފަހުން މަރުވިކަން ޔަގީންވި ހަތަރު މީހުންގެ މައުލޫމާތު އާއްމު ކުރުމުންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މަރުވި 18 މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އަދި ނުފެނެއެވެ. ހަމައެހެންމެ، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ސީރިޔަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން މިހާރުވެސް 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މަރުވިކަން އެންމެ ފަހުން ޔަގީންވި ހަތަރު މީހުންނަކީވެސް އޮސްޓްރޭލިޔާގެ ރައްޔިތުންނެވެ. މިއާއެކު، މުޅި މި ޙާދިސާގައި މަރުވި އޮސްޓްރޭލިޔާގެ ރައްޔިތުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މަރުވި ދެ މީހުންގެ ތެރޭގައި އެމެރިކާއަށް ނިސްބަތްވާ ދެ މީހަކުވެސް ހިމެނޭއިރު، މަރުވިކަން އަދި ޔަޤީން ކުރެވިފައިވަނީ ނިއު ޒިލެންޑުގެ އެކަކެވެ. އެއީ ޓުއަރ ގައިޑެކެވެ.

ގޮވާފައިވަނީ ނިއު ޒިލެންޑުގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަކަމަށްވާއިރު، އެއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އެހިސާބަކީ ހަނދާ ވައްތަރު ގޮތެއް ހުންނަ ތަނެއްކަމުން، ކޮންމެ އަހަރަކުވެސް އެތައް ބަޔަކު އެތަނަށް ޒިޔާރަތް ކުރެއެވެ.

ފަރުބަދަ ގޮވިއިރުވެސް، 47 މީހުން އެސަރަޙައްދުގައި ތިއްބެވެ. އެއީ ފަތުރުވެރިންނާއި، ފަތުރުވެރިން ގޮވައިގެން ދިޔަ މީހުންނެވެ. އޭގެތެރޭގައި އޮސްޓްރޭލިޔާ އާއި ނިއު ޒިލެންޑުގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، ޖަރުމަން އަދި މެލޭޝިޔާގެ ރައްޔިތުން ހިމެނެއެވެ.

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ ބައިވެރިވެވަޑައިގެންނެވި އެޤައުމުގެ މިއަދުގެ މަޖިލިސް ޖަލްސާ ފެށުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ