ތިން ދީނީ އިލްމުވެރިޔަކަށް ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި މަޢުދު ބުނުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.
ތިން ދީނީ އިލްމުވެރިޔަކަށް ދީފައިވާ ހުއްދަ އިއްޔެ ހިފަހައްޓާފައިވަނީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ
ޤަވާޢިދުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ހުއްދަ ހިފެހެއްޓި ތިން މީހުންނަކީ:
1. ޢަބްދުއްރަޙީމް މުޙައްމަދު، މަނަދޫގެ، ނ. ޅޮހި؛
2. ޖަޢުފަރު ފާއިޒު، ދެކުނުގެ، ސ. މީދޫ، އަދި
3. މުޙައްމަދު ޙަސަން، ރެޑްސީ، ގދ.ތިނަދޫ
"ޢަބްދުއްރަޙީމް މުޙައްމަދާއި ޖަޢުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި
ވާހަކަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެހެން ވާހަކަދައްކަމުން އަންނާތީ." އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މުޙައްމަދު ޙަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމަޢުގައި ބައިބައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަދެއްކުމާއި ދީނީ ޢިލްމުވެރިންނާމެދު ޙަޤީޤަތާ ޚިލާފުވާހަކަތައް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާޢުން އެނގެންނެތްކަންކަމުގައި ތިމާ އަމިއްލަޔަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތް ކަމުގައިހަދައި އެގޮތަށް ބާރުއަޅައި ވާހަކަދެއްކުމާއި އަދި މިމޭރުމުން ސޯޝަލްމީޑިޔާގައި މަޢުލޫމާތު ފަތުރަމުންދާކަން މި މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ." އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.