ޔޫސީއެލް - އަވޭގޯލް އެޑްވާންޓޭޖާއެކު ޔުނައިޓެޑް ކުއާޓާއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޕީއެސްޖީ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުނައިޓެޑް ކުޢާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މިނަތީޖާއާއެކު އެގްރިގޭޓް 3-3 އެއްވަރުވި ނަމަވެސް ޔުނައިޓެޑް ކުއާޓާއަށް ދަތުރު ކުރީ މިރޭ ޕީއެސްޖީ ދަނޑުގައި ޖެހި އަވޭ 3 ލަނޑާއެކުގައެވެ، ޔުނައިޓެޑް ދަނޑުގައި ޕީއެސްޖީއަށް ޖެހުނީ 2 ލަނޑެވެ.

ފުރަތަމަ ލެގުން ދައްވެ ޓީމުގެ ގިނަ ކުޅުންތެރިންނަށް އިންޖަރީގެ ސަބަބުންނާއި ކާޑުގެ ސަބަބުން މިމެޗުގައި ނުކުޅެވޭއިރު ޔުނައިޓެޑުން މިމެޗަށް ނިކުތީ ޑިފެންޑްކޮށް ކައުންޓަރ އެޓޭކަށް ވިސްނައިގެންނެވެ. ލިބޭ ފުރުޞަތުތައް ބޭނުން ކުރާށެވެ.

މިގޮތުން ފުރަތަމަ ލެގުގައި 2-0 ކުން ދަށުގައި އޮތް ޔުނައިޓެޑް މިމެޗުގެ ފުރަތަމަ ލަނޑު ޖެހިއިރު ޕީއެސްޖީ އަދި ރަނގަޅަށް މެޗަށް ނުވަދެވެއެވެ. ޕީއެސްޖީގެ ޑިފެންޑަރ ކެހްރާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި މިލަނޑު މެޗުގެ 2 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

އެމްޕާބޭ ގޯލް ކުރިމަތިން ފޮނުވާލި ވަރަށް ރީތި ހުރަހެއް ގޯލަށްވައްދާލައި ލީޑުގައި އޮތް ޔުނައިޓެޑާ ޕީއެސްޖީއިން ހަމަހަމަކުރީ މެޗުގެ 12 ވަނަ މިނަޓްގައެވެ. މިލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ބެރްނާޓްއެވެ.

ޔުނައިޓެޑުން އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލިޑު ނެގީ މެޗުގެ 30 ވަނަ މިނަޓްގައެވެ. މިލަނޑު ފުރަތަމަ ލަނޑުވެސް ޖެހި ލުކާކޫ ކާމިޔާބުކޮށްދިނީ ރަޝްފޯޑްގެ ހަމަލާއެއް ދިފާއުކުރުމަށް އުޅުމުގެ ތެރޭގައި ޕީއެސްޖީ ކީޕަރު ބުފަންއަށް ހެދުނު ގޯހެއްގެ ފައިދާނަގައެވެ. ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

މިމެޗުގައި ކާޑުގެ ސަބަބުން ޔުނައިޓެޑްގެ ޕޮގްބާއަށް ނުކުޅެވޭއިރު ޕީއެސްޖީގެ ނޭމާއަށް އިންޖަރީގެ ސަބަބުން ނުކުޅެވޭކަން ފާހަގަކޮށްލެއެވެ.

މެޗުގެ ދެވަނަ ހާފު ކީޕަރު ކައިރިން ޗިޕެއްޖަހާ ޑިމާރިއާ ޖެހި ލަނޑު، އޮފްސައިޑްވުމުގެ ސަބަބުންވަނީ ކެންސަލްކޮށްފައެވެ. ޕީއެސްޖީގެ ފަރާތުން ގިނަ ހަމަލާތަކެއް ދެވަނަ ހާފުގައި ފެނިގެން ދިޔައިރު އެއިން އެއް ހަމަލާވެސް ލަނޑަކަށް ބަދަލުކޮށްލެވޭގޮތްވަނީ ނުވެފައެވެ.

އެމްބާޕޭ އަދި ޑިމާރިއާއަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފިމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހުވަގުތުގައި ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލިއެވެ. މިނަތީޖާއާއެކު އަވޭގޯލް އެޑްވާންޓޭޖާއެކު ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދިޔައިރު މިދިއަހަރުތަކެކޭ އެއްގޮތަށް ހިތްދަތި ގޮތަކަށް ޕީއެސްޖީ މުބާރާތުން ކަޓާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް