ޤައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުން ގުޅިގެން ރ. މަޑުއްވަރީގައި ހިންގަމުންދާ ޚާއްޞަ އޮޕަޜޭޝަނުގައި ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.
މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ފެށި އޮޕަރޭޝަނުގައި ތިންވަނަ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދެއެވެ. ފުލުހުންބުނީ ތިންވަނަ މީހަކު ހައްޔަރުކޮށްފައިވަނީ މިރޭ 21:56 ކަންހާއިރު ކަމަށެވެ. މިމީހަކީ 29 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މަޑުއްވަރީގައި މިއަދު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި މިއަދު ހަވީރު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އިރޮއޮއްސި 06:04 ހާއިރު ހައްޔަރުކުރި ދެވަނަ މީހަކީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވެފައިވަނީ މަޑުއްވަރީގައި ހިންގާ އޮޕަރޭޝަކީ، ދިވެހިރާއްޖޭގައި ބައެއްފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މަޑުއްވަރީގައި މިހާރު ކުރިއަށްދާ ޚާއްޞަ އޮޕަރޭޝަނުގައި ބައެއް ގެތައް ބަލާ ފާސްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.