ދީނީ ނަސޭހަތް ދިނުމާއި ވަޢުޘު ބުނުމާއި އަދި އެނޫންވެސް ދީނީ ޝިއާރު ފާޅުކުރުމުގައި، ޓެރަރިޒަމަށް ވާގިވެރިވެ، ޓެރަރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުގެ އެއްކިބާވެ ތިބުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން، ދީނީ އިލްމުވެރިންނަށާއި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އެމިނިސްޓްރީން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް، މުޖުތަމަޢުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަށާއި ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަން ހިންގުމާއި، ޓެރަރިޒަނަށް ވާގިވެރިވެ، ޓެރަރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުން އެއްކިބާވެ ތިބުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
މީގެއިތުރުންވެސް، އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މުޖުތަމަޢުގެ އާންމު މަސަލަހަތަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތައް ބަލައިނުގަތުމާއި، ޖަމާއަތުން ވަކިވެ އެކަހެރިވެގަތުމާއި، އާންމު އަސާސީ ތަޢުލީމާއި ޞިއްޙީ ވަސީލަތްތަކުން ޅަދަރީން މަޙުރޫމުކުރުމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ޤާއިމް ކުރުމާއި އަދި މުސްލިމުން ކާފަރުކުރުމާއި އަނެކުންގެ މުދަލާއި ލޭ ޙަލާލުކޮށް ކޮށްގަތުން ފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި އެއްވެސް ޙާލަތެއްގައި ފަތުރައިގެންވާނެ ފިކުރުތަކެއް ނޫންކަމަށެވެ.
ހަމައެހެންމެ، ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި ލާއިންސާނީ އަމަލުތަކަށް މަގުފަހިވެ، ބޭރު ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބި، މާތްވެގެންވާ އިސްލާމް ދީނުގެ ޞުލްޙަވެރި ތަޞައްވަރު ކިލަނބުވެ، އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދި އިސްލާމް ދީނުގެ ޙަޤީޤީ މަފްހޫމް އޮޅިގެން ދިއުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުޞަތު ދީގެން ނުވާނެކަމަށާއި އަދި އެފަދަ ޢަމަލުތަކާއި ޙަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށާއި، ފަރުދީ ފެންވަރުގައި ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކުވެރިން އެފަދަ ނުރަގަޅު ފިކުރުތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުމަށްވެސް ގޮވާލައްވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެނޫންވެސް އެފަދަ
ޙަޤީޤަތް ނޭގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ ޢިލްމުވެރިންގެ ކިބައިން
އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވުމަށްވެސް މިނިސްޓްރީގެ ބަޔާނުގައި އިލްތިނާސް ކުރެއްވިއެވެ.
ހަމައެހެންމެ ހަރުކަށި ފިކުރާދެކޮޅަށް ތެދުވެވަޑައިގެން އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމަށް ދިވެހިރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިންނަށްވެސް މިނިސްޓްރީން ގޮވާލެއްވިއެވެ.
އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް މި މިނިސްޓްރީން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމަށާއި، ދީނީ ޢިލްމުވެރިން ކުރައްވާ އެފަދަ މަސައްކަތްޕުޅުތަކަށްވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.