ދީނަށް ފުރައްސާރަ ކުރި މޯލްޑީވްސް ޑިމޮކްރަޓިކް ނެޓްވޯކް(އެމް.ޑީ.އެން) އުވާލައިފިއެވެ.
ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އާއި ގުޅޭ މައްސަލަތައް ނިންމުމަށް 45 ދުވަސް ދީފައިވާކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން އެމްޑީއެން އުވާލާފައިވާ ކަމަށެވެ.
އެމްޑީއެން ރަޖިސްޓަރީ ކޮށްފައިވަނީ މީގެ ހަ އަހަރު ކުރިންނެވެ. އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މިއަދު ރަސްމީކޮށް އެމްޑީއެން އުވާލާފައި މިވަނީ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ޖަމިއްޔާ ސަސްޕެންޑުކޮށްފައި އޮތުމަށް ފަހުގައެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދިޔަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާޢިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި ހިލާފު ވާހަކަތައް ދައްކައި ދީނަށް ހަޖޫޖަހައިފައިވެއެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ޗިޓު ވެސް ފޮނުވިއެވެ. ނަމަވެސް އެ މީހުން ފުލުހަށް ހާޒިރުވެ ބަޔާން ދިނުމަށް ވަނީ ދެކޮޅު ހަދައިފައެވެ. މި ދެމީހުން އަދިވެސް ދިރިއުޅެމުން ގެންދަނީ ރާއްޖެއިން ބޭރުގައެވެ.




