އިންފޯފިޝް ގަވަރިނިން ކައުންސިލްގެ 34 ވަނަ ބައްދަލުވުން ކާމިޔާބުކަމާއިއެކު ނިންމާލައިފި

މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ޑިސެމްބަރު މަހުގެ 16 އިން މިއަދުގެ ނިޔަލަށް ބޭއްވި، އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ 34 ވަނަ ބައްދަލުވުން މިއަދު ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މިބައްދަލުވުމުގައި އަންނަ އަހަރު އިންފޯފިޝް މެމްބަރު ޤައުމުތަކުގައި، އިންފޮފިޝް މެދުވެރިވެގެން ހިންގާނޭ ބައެއް ޙަރަކާތްތައް ހިމެނޭ ގޮތަށް 2020 ގެ ޕްރޮގްރާމެއް އެކުލަވާލާފައިވާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ދައިރާއަށް ބޭނުންވަ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ކަނޑައެޅާފައިވެއެވެ.

"އޭގެތެރޭގައި، މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި، މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި، ސައުތު އީސްޓް އޭޝިޔަން ފިޝަރީޒް ޑެވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެމްބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ދާއިރާއިން އެހީތެރިވުމަށް ޓަކައި، އެމް.އޯ.ޔޫ އެއް އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، އެސެންޓަރުން މަސްވެރިކަމުގެ ތަރައްޤީކުރަން ކުރާ ބައެއް މަސައްކަތްތައް އިންފޯފިޝް އާއި ޚިއްސާކުރުމާއި، 2020 ވަނަ އަހަރު ސީފްޑެކުން ހިންގާ ބައެއް ތަމްރީނުތަކުގައި އިންފޯފިޝްގެ މެމްބަރު ޤައުމުތައް ބައިވެރިވުމާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

"މީގެކުރިން ސީފްޑެކްއިން ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ އެސެންޓަރުގެ މެމްބަރު ޤައުމުތައް ކަމުގައިވާ އާސިޔާންގެ ޤައުމުތަކަށް. މި އެމް.އޯ.ޔޫގައި ސޮއިކުރުމުން، އެސެންޓަރުން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ. މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ،" ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވެފައިވާއިރު، އެފް.އޭ.އޯގެ މަންދޫބުންނާއި، އިންޓަރނެޝަނަލް 2 އޮބްސަރވަރުންގެ އިތުރުން މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު އަދި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

"34 ވަނަ އިންފޯފިޝް ގަވަރިންގ ކައުންސިލްއިން ނިންމާލީ 2020 ވަނަ އަހަރު، 35 ވަނަ ގަވަރިނިންގ ކައުނސިލް ގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުގައިވާ ޕާކިސްތާނާއި ރިޔާސަތު ހަވާލުކުރުމަށްފަހު. 35 ވަނަ ގަވަރނިންގ ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާންގެ ކަރާޗީގައި. މިބައްދަލުވުން ބާއްވާނެ ތާރީޙެއް ކަނޑައަޅާނީ އިތުރު މަޝްވަރާއަށް ފަހު މެމްބަރު ގިނަ ޤައުމުތަކަށް ފަސޭހަ ދުވަސްވަރެއްގައި." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުމަށް އެހީތެރިވީ ހުރިހާ ފަރާތްތަކަށް އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ޗެއަރމަން އާދަމް މަނިކު ޝުކުރު އަދާކުރިއެވެ. އަދި ދިވެހިރާއްޖެއިން އަދާކުރި ފުރިހަމަ މެހުމާންދާރީއަށް، ބައިވެރިވި ހުރިހާ މެމްބަރު ޤައުމުތަކުން ޝުކުރު އަދާކުރިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ