2018 ވޯލްޑްކަޕްގެ ފަހުން ފުރަތަމަ ފަހަރަށް އާޖެންޓީނާ ޓީމުގައި މެސީ ހިމެނިއްޖެއެވެ.
ރަޝިއާގައި ބޭއްވު ވޯލްޑްކަޕްގެ ގަދަ 16 އިން ފްރާންސް އަތުން ކެޓިފަހުން އާޖެންޓީނާ ކުޅުނު ރަޙްމަތްތެރިކަމުގެ ހަ މެޗެއް މެސީއަށްވަނީ މިސްވެފައެވެ.
މިމަހު ވެނެޒުއޭލާ އަދި މޮރޮކޯއާއި ރަޙުމަތްތެރިކަމުގެ މެޗުތަކެއް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާއިރު އާޖެންޓީނާގެ 31 މީހުންގެ ސްކޮޑްގައި މެސީ ހިމެނެއެވެ.
ޕްރިމިއާ ލީގު ހަތަރު ކުޅުންތެރިން، ސިޓީގެ އޮޓެމެންޑި، ޓޮޓޭންހާމްގެ ފޮއިތު، ވެޓްފޯޑުގެ ޕެރޭރާ އަދި ވެސްޓްހާމްގެ ލަންޒިނީ މިސްކޮޑުގައި ހިމެނޭއިރު ޓޮޓޭންހާމްގެ ލަމޭލާ އަދި ކީޕަރު ގަޒަނިގާ މިސްކޮޑުގައި ހިމަނާފައެއްނުވެއެވެ.
މިސްކޮޑުގައިވެސް އިންޓަމިލާންގެ އިކާޑީ ހިމަނާފައިނުވާއިރު ސިޓީގެ އަގުއެރޯ އަދި ޗެލްސީގެ ހިގުއައިންވެސް ސްކޮޑުގައި ހިމަނާފައެއްނުވެއެވެ. އަގުއެރޯ އަދި ހިގުއައިންވެސް އެންމެ ފަހުން އާޖެންޓީނާއަށް ކުޅެދިނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައެވެ.
މެސީ އާޖެންޓީނާއަށް ކުޅެދިން 128 މެޗުން 65 ލަނޑު ޖަހާދީފައިވެއެވެ. ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ މެސީއަށް އާޖެންޓީނާއާއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ބެއިޖިންގައި 2008 ވަނަ ހޯދުނު އޮލިމްޕިކް ގޯލްޑް މެޑެލްއެވެ.
މެސީ އާޖެންޓީނާއާއެކު ތިން ކޮޕާ އެމެރިކާ ފައިނަލުން ދަށްވެފައިވާއިރު 2014 ވޯލްޑްކަޕް ފައިނަލްގައި ޖަރުމަނާ ބައްދަލުކޮށް އާޖެންޓީނާވަނީ ދަށްވެފައެވެ.
ވެނެޒުއޭލާއާ ބައްދަލުކުރާ މެޗު މިމަހުގެ 23 ގައި މެޑްރިޑްގައި ކުޅުމަށް ހަމަޖެހިފައިވާއިރު މޮރޮކޯއާ ބައްދަލުކުރާމެޗު މިމަހުގެ 26 ގައި އޮންނާނީ ޓަންޖިއޭގައެވެ.
2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ޖޫން 14 އިން ޖުލައި 7 އަށް ބްރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާއިރު އާޖެންޓީނާއާއެކު ގްރޫޕް ބީ ގައި ހިމެނެނީ ކޮލަމްބިއާ، ޕެރެގުއޭ އަދި ގަތަރުއެވެ.



