ބުރާސްފަތި ދުވަހު ސްޕެއިންގެ މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން ޓީމުން ވަކިކުރާނެކަމަށްބުނެ ރެއަލްމެޑްރިޑްގެ ރައީސް ރާމޯސްއަށްވަނީ ބިރު ދައްކައިފައެވެ.
ރެއަލްމެޑްރިޑް ޗެމްޕިއަންސް ލީގުން ކެޓި މެޗަށްފަހު ޑްރެސިން ރޫމުގައި ޓީމު ކުޅުންތެރިންނާ ރެއަލްގެ ރައީސް ޕެރޭޒްއާ ދެމެދުވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.
މެޗަށްފަހު ޓީމު ކުޅުންތެރިން އަންނަންދެން ޑްރެސިން ރޫމުގައި މަޑުކޮށްގެން ހުރި ޕެރޭޒްވަނީ ކުޅުންތެރިން ދެއްކި ދަށް ކުޅުމާ މެޗާ ގަޔާނުވެ ދެއްކި ދުރު ކުޅުމުގެ ސަބަބުން އެތައް އިރެއް ވަންދެން ޓީމު ކުޅުންތެރިންނަށް ބަހުގެ ހަމަލާދީފައެވެ.
ރަތްކާޑުގެ ސަބަބުން އެމެޗުގައި ނުކުޅެވުނު ކެޕްޓަން ރާމޯސްވަނީ ވަރަށް ހިތްހަމަނުޖެހި ޕެރޭޒްގެ ބަހުގެ މިހަމަލާތަކަށް ޖަވާބުދީފައެވެ. އެގޮތުން މުސާރަ ދެނިކޮށް ޓީމު ދޫކޮށް ގޮސްފާނެކަމަށްވެސް ރާމޯސް ޕެރޭޒްއާ ދިމާލަށް ބުނެފައިވެއެވެ.
މީގެ އިތުރުން ޕެރޭޒްއަށާއި ކްލަބަށްޓަކައި ކޮށްދެވެންއޮތް ހުރިހާކަމެއް ކޮށްދިނިންކަމުގައި ރާމޯސް ބުނެފައިވެއެވެ. ހިތްހަމަ ނުޖެހިފައިހުރި ޕެރޭޒް ރާމޯސް ޓީމުން ވަކުކުރާނެކަމުގެ ބިރު ދެއްކިއިރު މިހުރިހާ ކަމެއްވެސް ހިނގާފައިވަނީ ޓީމު އެހެން ކުޅުންތެރިންގެވެސް ކުރިމަތީގައިކަމަށް މީޑިއާތަށް ބުނެއެވެ.
އެއަށްފަހު ޕެރޭޒްވަނީ ޓީމު ބޯޑު މެންބަރުންނާއެކު ދިގު މީޓިންއެއް ކުރިއަށް ގެންގޮސްފައެވެ. ޓީމުގެ ހާލަތު ރަނގަޅުކުރުމަށް ބޭއްވުނު މިމީޓިންގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ޢަމަލީ ފިޔަވަޅު ވަރަށް އަވަހަށް އަޅާނެކަމަށް ލަފާކުރެވެއެވެ.
އެންމެ ފަހު ތިން އަހަރުގެ ވެސް ޗެމްޕިއަން ރެއަލްމެޑްރިޑް އަޔެކްސް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓިއިރު މިއީ 2010 ގެ ފަހުން ރެއަލްމެޑްރިޑް މުބާރާތުން މިހާ ކުރީކޮޅު ކެޓި ފުރަތަމަ ފަހަރެވެ.
ސީޒަންގައި ބާކީ ތިން މަސް އޮތްއިރު ރެއަލްއަށް މިފަހަރު ކާމިޔާބު ކުރެވޭނެ މުބާރާތެއްނެތެވެ. ކޮޕަ ޑެލް ރޭ އަދި ޗެމްޕިއަންސް ލީގުން ކަޓައިފައިވާއިރު ލަލީގާގައި ތިން ވަނައިގައި އޮތީ 48 ޕޮއިންޓާއެކުގައެވެ.