ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްއެންޑީއެފް

އެހެން ބަޔަކު ޤައުމު ދިފާއުކުރާނެކަމަށް ބުނުމަކީ ސިފައިންނަށް ބުނާ ބަދުބަހެއް - ޗީފް ޝަމާލް

ދިވެހިރާއްޖޭ ދިފާއު ކުރާނީ އެހެން ބަޔަކު ކަމަށް ގޮވާލުމަކީ ދިވެހި ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ރޭ ކަޅުތައްކަލާ ކޮށީގައި ސިފައިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ،
ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ޒިންމާ އޮތީ ސިފައިންނަށް ކަމަށާއި، އެކަން ކުރަން އެހެން ބަޔަކު އަންނާނެކަމަށް ގޮވާލުމަކީ ސިފައިންނަށް ބުނާ ބަދުބަހެއް ކަމަށެވެ.

"ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ޒިންމާ އޮތީ ސިފައިންނަށް، އެހެން ބަޔަކަށް ނޫން. އެހެން ބަޔަކު އެކަން ކުރާނެކަމަށް ގޮވާލާކަމަށްވަންޏާ އެއީ އަޅުގަނޑުމެންނަށް ބުނާ ބަދު ބަހެއް." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ދިފާއުކުރުމުގައި ދިވެހި ސިފައިން ދެމިތިބޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާ ސިޔާދަތުގައި މިވަރު ކުޑަކުޑަ ކޫރެއް އެޅެންޏާވެސް އަޅުގަނޑުމެން އެ ފުރުޞަތެއް ނުދޭނެ. އަޅުގަނޑުމެން އެންމެ ފަހު ވަޒަނާ ހަމައަށް، އެންމެ ފަހު މީހާއާ ހަމައަށްވެސް ހަނގުރާމަ ކުރާނެ." ޝަމާލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭ ދިފާއު ކުރާނީ އެހެން ބަޔަކު ކަމަށް ގޮވާލުމަކީ ދިވެހި ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެފައި މިވަނީ، އިންޑިއާއިން ދިވެހިރާއްޖެ ހިފަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރެވޭނެ ކަމަށާއި، އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ