އެންމެ ފަހުގެ 7 އިޓާލިއަން ސީރީއާވެސް ކާމިޔާބުކޮށްފައިވާ ޖުވެންޓަސް ރޭ އުދިނެސްއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޖައްސަ ޖައްސައިގެން ނަގާ 8 ވަނަ ތައްޓާ ގާތަށް ޖެހިލައިފިއެވެ.
ރޭ ޖުވެންޓަސް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ހުރިނަމަވެސް އަންނަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޖުވެންޓަސް އަދި އެތުލެޓިކޯ ބައްދަލުކުރާ މެޗަށް ރެސްޓް ދިނުމުގެ ގޮތުން ރޮނާލްޑޯ ބޭނުކޮށްފައެއްނުވެއެވެ. އަދި މިއީ މިސީޒަންގައި ރޮނާލްޑޯ ނުކުޅެ މަޑުކުރި ފުރަތަމަ މެޗެވެ.
4-1 ގެ ނަތީޖާއަކުން ޖުވެންޓަސް ކާމިޔާބުކުރި މިމެޗުގައި ޖުވެންޓަސްގެ 19 އަހަރުގެ މޮއީސެ ކީންވަނީ ދެލަނޑުޖަހައިދީފައެވެ. މިދެލަނޑާއެކު ކީން ސީރީއާގައި ޖަހައިދީފައިވާ ލަނޑު ހަތަކަށް އެރީއެވެ.
ކީން ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނަޓްގައި ސާންޑްރޯގެ ހުރަހަކުން ޖަހައިދިންއިރު ދެވަނަ ލަނޑު އޭރިއާތެރެއަށް ހުސްކޮށްވަދެ ޖަހައިދިނީ މެޗުގެ 39 ވަނަ މިނަޓްގައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މިނަތީޖާއާއެކުގައެވެ.
ޖުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނަޓްގައި ލިބުނު ޕެނަލްޓިއަކުން ޖަހައިދިނީ އެމްރެ ޗޭންއެވެ. އަދި ހަތަރު ވަނަ ލަނޑު ބޮލުން މަޓުއިޑީ ޖަހައިދިނީ 71 ވަނަ މިނަޓްގައެވެ. އުދިނެސްގެ ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނަޓްގައި ޖަހައިދިނީ ލަސަގްނާއެވެ.
ރޭގެ މޮޅާއެކު ޖުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ 75 ޕޮއިންޓާއެކު ދެވަނަގައި ނަޕޯލީ އޮތީ ޖުވެންޓަސްއަށްވުރެ 19 ޕޮއިންޓް ދަށްކޮށެވެ. އަދި ތިންވަނަގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.




