1986 ގައި އާޖެންޓީނާއާއެކު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ 58 އަހަރުގެ ޑިއޭގޯ މެރެޑޯނާ މިހާރުގެ އަންހެނުން ފިޔަވާ އިތު ބަނޑަކަށް ކުއްޖަކު ނުހުންނާނެކަމަށް މީގެ ކުރިންވަނީ ބުނެފައެވެ.
ނަމަވެސް އެކުދިންގެ ބައްޕަކަމަށް މެރެޑޯނާ އެއްބަސްވި ކިއުބާގެ މިތިން ކުދިންގެ ބައްޕަތޯ ޔަޤީންކުރަމަށް ޓެސްޓްތައް ހެދުމަށް ހަވާނާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު މިތިން ކުދިން އާންމުންނަށް މިއަހަރުގެ ފަހުގެ އެނގިގެންދާނެކަމަށް މެރެޑޯނާގެ ލޯޔަރު މަޓިއަސް މޯލާވަނީ ބުނެފައެވެ.
ޓެސްޓްތަކަށްފަހު ކިއުބާގެ މިތިން ކުދިންނަށް ބައްޕަ މެރެޑޯނާގެ ނަން ލިބިގެންދާއިރު މިތިން ކުދިންނަކީ ދެބަނޑަކަށް އުފަން ތިން ކުދިންކަމުގައި ރިޕޯޓުތައްބުނެއެވެ.
ޑްރަގް އެޑިކްޓްވެފައިވާ މެރެޑޯނާ 2000-2005ށް ޑްރަގަށް ފަރުވާ ހޯދާފައިވާއިރު މިއަހަރުތަކުގެ ގިނަ ދުވަސްތަށް ކިއުބާގައި ހޭދަކޮށްފައިވެއެވެ. އަދި މެރެޑޯނާގެ ފައިގައި ފިޑެލް ކާސްޓްރޯގެ ޓެޓޫއެއް ހުންނައިރު މިދެމީހުން ރަޙްމަތްތެރިވެފައިވަނީ މިދުވަސްވަރުގައެވެ.
20 އަހަރުގެ ކައިވެންޏަށްފަހު 2003 ވަނަ އަހަރު ވަރިކޮށްފައިވާ ކްލޯޑިއާ ވިލަފަނޭ އާއެކު ލިބިފައިވާ ދެ އަންހެން ކުދިންކަމުގައިވާ 31 އަހަރުގެ ޑަލްމާ އަދި 29 އަހަރުގެ ޖިއަނިނާގެ އިތުރުން މެރެޑޯނާގެ އިތުރު ދަރިއެއް ނުހުންނާނެ ކަމަށް ބުނިނަމަވެސް 22 އަހަރުގެ ޖާނާ އަދި 32 އަހަރުގެ ޑިއެގޯ ސިނަގްރާ އަކީވެސް މެރެޑޯނާގެ ދަރިންކަމަށް އެކުދިންގެ މަންމަ ކޯޓުގައި ޖެއްސި މައްސަލައެއް ބެލުމަށްފަހުވަނީ ނިންމާފައެވެ.
މީގެ އިތުރުން މެރެޑޯނާގެ 6 އަހަރުގެ ޑިއޭގޯ ފަރްނަންޑޯއަކީ ވެރޯނިކާ އޮޖޭޑާއާ ދެމީހުންނަށް ލިބިފައިވާ ދަރިއެކެވެ.
މެރެޑޯނާ އޭނާގެ ދަރިންކަމަށް އެއްބަސްވި ކިއުބާގެ މިތިން ކުދިންނާއެކު މެރެޑޯނާގެ ޖުމްލަ 8 ކުދިން ތިބޭނެއެވެ.
ކޯޗެއްގެ ގޮތުގައި މެރެޑޯނާ މިހާރު މަސައްކަތްކުރަމުންދަނީ މެކްސިކޯގެ ކްލަބެއްކަމަށްވާ ޑޮރަޑޯސް ދި ސިނާލޯގައެވެ.



