ދ. ރިނބިދޫގައި ދިވެއްސަރު ކުރަހާފައިވާ ކުރެހުމެއްގައި ހުރި މަސްތަކެއް ކާންވެގެން އައިސް ނުކެވުމުން މާކަނާ ރުޅިގަދަވެއްޖެއެވެ.
ރިނބިދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާޙީމް މި މަންޒަރު ޓްވީޓް ކުރަމުން ވިދަޅުވެފައިވަނީ މަސްތައްކާން އުޅެ ނުކެވިގެން މާކަނާ ރުޅިގަދަވެފައި ވާކަމަށެވެ. ހާތިމް އިރުތަށް ވިދަޅުވެފައިވަނީ މާކަނާ ހީކުރީ އެއީ އަސްލު މަސްތަކެއްކަމަށާއި އެހެން ކަމުން އޭގެން މަސްކެއުމަށް މާކަނާ މަސައްކަތް ކުރީ ކަމަށެވެ.
މަސްތައް ކާންއުޅެ ނުކެވިގެން މާކަނާ ރުޅިގަދަވެފަ ?
— Hathim Ibrahim (@HaathimIbrahim) January 2, 2020
He thought it was real and tried to catch some ? ??? #streetart #HappyNew2020 pic.twitter.com/5h9BHgsGIQ
މޫދު އަޑީގެ ގުދުރަތީ ރީތި މަންޒަރެއް ދައްކުވައިދޭ މިކުރެހުމުގައި ގިނަ އަދަދެއްގެ މަސްމަހާ މެއްސާއި، އެކި ކުލަކުލައިގެ ރީތި ފަރެއް ދައްކުވައިދެއެވެ.
ރިނބިދޫގައި މިފަދަ ތަފާތު އެތައް ކުރެހުންތަކެއް ދަނީ ކުރެހެމުންނެވެ. އެގޮތުން މި ކުރެހުންތަކަކީ ރިނބުދޫ ކައުންސިލް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އާ ގުޅިގެން އެރަށުގައި ކަލްޗަރަލް އޭރިއާއެއް ތަރައްގީ ކުރުމުގެ ގޮތުން ކުރަހަމުންއަންނަ ކުރެހުންތަކެކެވެ.
ރިނބިދޫގައި ކުރަހާފައިވާ ހިތްގައިމު ރީތި ކުރެހުންތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ގިނަ ބައެއްގެ ތަޢުރީފު މި ކުރެހުންތަކަށް ލިބެމުންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.
Day 5 #streetart pic.twitter.com/V76d7fUfFI
— Hathim Ibrahim (@HaathimIbrahim) December 31, 2019
ރިނބިދޫގައި ކުރަހާފައިވާ މި ކުރެހުންތަކަށް ގިނަ ބައެއްގެ ލޯތަށް ހުއްޓެމުންދާއިރު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންވެސް ވަނީ މިކުރެހުންތަކަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ޘަގާފީ ފަތުރުވެރިކަމުގެ ތެރެއިން ދިވެހީންގެ ފަންނުވެރިކަމާއި ސަގާފަތް ކުރިއެރުވުމަށް ދ.ރިނބުދޫ ރައްޔިތުން ދައްކަވަމުން ގެންދަވަނީ ރީތި ނަމޫނާއެއްކަމަށެވެ.

ރިނބިދޫ ކައުންސިލްގެ ރައީސް ވަނީ މިނިސްޓަރ ޔުމްނާ އަށާއި އެ އެމުއައްސަސާއިން މިފަދަ ކަންކަމުގައި ދެއްވާ ހިތްވަރާއި އެއްބާރުލުމަށް ޝުކުރުދަންނަވާފައެވެ.
މި ހަރަކާތުގެ ދަށުން ރިނބިދޫގެ އިބްރާހިމީ މަގުގެ ބޮޑުބައެއްގެ ފާރުތަކުގައި އަންނަނީ ޘަގާފަތާއި ތާރީޚާއި ތިމާވެށި ދައްކުވައިދޭ ކުރެހުންތައް ކުރަހަމުންނެވެ.



