އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ދައުވާކުރާތާ އަހަރުތަކެއްވަނީ ވެފައެވެ. އެޤައުމުގެ މިކަމަށް ދައުވާކުރާއިރު، ދުނިޔޭގައި ދެން ހުރި ޤައުމުތަކުން އަމަލު ކުރަން ޖެހޭނީ އެމެރިކާ ބޭނުންވާގޮތަށްކަމަށް ފެންނަ "މެންޓަލިޓީ" އެއް ގެންގުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ބައެއް ފަރާތްތަކުން ޤަބޫލު ކުރަން ބޭނުން ނުވިކަމުގައިވިޔަސް، ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ކޮންޓްރޯލްވެސް ނަގާފައިވަނީ އެމެރިކާ އިންނެވެ. ބާރުގެ ގޮތުން އެޤައުމަށްވުރެ، އިތުރު އެހެން ޤައުމެއް ކުރިއަރާދާތަން ބެލުމަކީ އެމެރިކާއަށް މާ ފަސޭހަކަމެއް ނޫނެވެ،
އެހެންނަމަވެސް، ހަގީގަތަކީ، އެމެރިކާއަށްވުރެ ބާރުގެ ގޮތުން މާ ވަރުގަދަ އެހެން ގައުމުތަކެއް، ދުނިޔޭގައި މި ވަގުތު ހުރިކަމެވެ.
މިވީ ކިހިނެއް؟
މިއަދު އިރު އަރައިގެން އައީ، ބައިނަލްއަޤުވާމީ މަޝްރަހުންވެސް ވަރުގަދަ ޚަބަރަކާއެކުއެވެ. އެއީ، އީރާނުގެ އެންމެ ޝަރަފުވެރި ފައުޖުކަމުގައިވާ ރޮވިލިއުޝަނަރީ ގާޑްސްގެ ގުދުސް ފޯސްގެ ކޮމާންޑަރު، ޤައްސިމް އަލް ސުލައިމާނީ އަވަހާރަކޮށްލި ޚަބަރާއެކުއެވެ.
ޖެނެރަލް އަވަހާރަ ކޮށްލާފައިވަނީ ކައިރީގައި އޮންނަ އިރާޤުގެ ބައިނަލްއަޤުވާމީ އެއަރޕޯޓަށް، އެމެރިކާގެ އަސްކަރިއްޔާ އިން ދިން ރޮކެޓު ހަމަލާއެއްގައެވެ. ހަމަލާގެ ކަންކަން ދިޔައީ އެންމެ މަތީ ފަޑީގެ ހުއްދައާއެކުއެވެ. ވަގުތުކޮޅެއްފަހުން ޕެންޓަގަން އިން އެކަން ހާމަކޮށްފައިވެސްވެއެވެ.
ހަމަލާއާ ކޮންގްރެސް ދެކޮޅު
ޓްރަމްޕްގެ އަޒުލު ކުރުމުގެ އަޑުއެހުންތައް ކައިރިވެފައިވަނިކޮށް، ބޭރު ޤައުމެއްގެ ފަސްގަނޑަކަށް ދިން ހަމަލާތަކާ ހުދު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން، ހާއްސަކޮށް އިދިކޮޅު މެންބަރުން ތިބީ ރުހިގެންނެއް ނޫނެވެ. އެމެންބަރުން ބުނާގޮތުން، އެފަދަ ހަމަލާއެއްގައި ދެވޭނީ ކޮންގްރެސްގެ ރުހުމާއެކުއެވެ. މަތިގޭގެ ރައީސްގެ ފަރާތުންވެސް ބުނެފައިވަނީ މިހެންނެވެ.
މިކަމާ ގުޅިގެން ސެނެޓުގެ މެންބަރު އަދި މި އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް، ބާނީ ސެންޑާސް ވަނީ ވަރަށް ބޮޑަށް ޓްރަމްޕް އަށް ފާޑު ކިޔާފައެވެ. އޭނާ ބުނެފައިވަނީ މިކަމުގެ ސަބަބުން ސަރަޙައްދުގެ މަޝްރަހު އިތުރަށް ގޯސްވެ، އެމެރިކާ، އިތުރު ހަނގުރާމައެއްގެ ގޯޅިއަށް ލަންބުވާލާފައިވާކަމުގައެވެ.
އެހެން ޤައުމުތަކުން ބުނަނީ ކީކޭ؟
މިއަދުގެ އެންމެ ވަރުގަދަ ޚަބަރަށް، މި ޚަބަރު ވެގެންގޮސްފައިވާއިރު މިކަމާ ބައިނަލްއަޤުވާމީ މުޖުތަމައިން ދަނީ ވާހަކަ ދައްކަމުންނެވެ. އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ، ރަޝިޔާ އިން ބުނެފައިވަނީ މިއީ ކަތި ފިޔަވަޅެއްކަމަށާއި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ދާނެކަމުގައެވެ.
ފްރާންސްގެ މިނިސްޓަރު، އަމެލީ ޑި މޮންޓްޝަލިން ވިދާޅުވެފައިވަނީ ދުނިޔެ އިތުރަށް ނުރައްކާތެރިވެގެން ހިނގައްޖެކަމުގައެވެ. އަދި މިކަންކަމާ ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ ޤައުމުތަކާ، ރައީސް އިމަނުއެލް މެކްރޯން މަޝްވަރާ ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާ އިންވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށްފައެވެ. އަދި އިންޓަނޭޝަނަލް ރިލޭޝަންސްގައި ހަތިޔާރު ބޭނުން ކުރުމަކީ އެޤައުމުން ޤަބޫލު ކުރާކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ މި އަމަލާ ގުޅިގެން ސަރަޙައްދުގެ މަޝްހަރު އިހުނަށްވުރެ ގޯސްވާނެކަމަށް އަންދާޒާ ކުރެވޭއިރު، މިކަމުގެ ބަދަލު ހިފާނެކަމަށް އީރާނުންވަނީ ސަރީހަ އިބާރާތުން އިއުލާން ކޮށްފައެވެ.



