ކިންގް ސަލްމާން މިސްކިތުގެ ޢަމަލީ މަސައްކަތުގެ %91 މިހާރު ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން މި ޕްރޮޖެކްޓުގެ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ޙަސަން ސާމީ ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަނީ ވަކިވަކި ފަންގިފިލާތަކަށް ބޭނުންވާ އިންޓީރިއަރ ފިނިޝިންގ ގެ މަސައްކަތްތައްކަމަށެވެ.
2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ކުރިން ލަފާކޮށްފައިވީނަމަވެސް، މަސައްކަތް ދިގުލައިގެން ދިޔައީ ކާނިވާ ސަރަޙައްދުވެސް ހިމެނޭގޮތޮށް ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ތަރައްޤީކުރުމަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ސައިޓަށް ސާމާނު ގެނައުމަށް ދިގު މުއްދަތެއް ނެގުމާއި، ޕްރޮޖެކުޓުގެ ޑިޒައިނަށް ބައެއްކަހަލަ ބަދަލުތައް ގެނަސްފައިވުމުގެ ސަބަބުންކަމަށް ސަރުކާރުން ބުނެއެވެ.
6 ފަންގިފިލާއަށް އިމާރާތްކުރުމަށް ނިންމާފައިވާ މި މިސްކިތުގެ އެއް ފަންގިފިލާ ވަނީ އުނިކޮށްފައެވެ. އަދި މިސްކިތުގެ ވަށައިގެންވާ 5 މުންނާރުގެ އުސްމިންވެސް ވަނީ ތިރިކޮށްފައެވެ. ނަމަވެސް މިސްކިތުގައި ޤާއިމުކުރާ ވަޞީލަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.




