ލަލީގާ – ވަލެކާނޯއާ ބަލިކޮށް ބާސާއިން 7 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފި

ލާލީގާގައި ރޭ ބާސެލޯނާއާއި ރަޔޯވަލެކާނޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސާއިން 7 ޕޮއިންޓް ލީޑު ދަމަހައްޓައިފިއެވެ.

ފަހަތުން އަރައި ބާސާ މޮޅުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވަލެކާނޯއިންނެވެ. ލޯނެއްގެ ދަށުން ރެއަލްމެޑްރިޑުން ވަލެކާނޯއަށް ބަދަލުވެފައިވާ ރައުލް ދި ތޯމާސް މިލަނޑު މެޗުގެ 24 ވަނަ މިނަޓްގައި ޖަހައިދިންއިރު މިއީ މެދު ރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް 20 ޔާޑު ދުރުން ޖެހި ވަރަށް ރީތި ލަނޑެކެވެ.

ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 38 ވަނަ މިނަޓްގައެވެ. މިއީ މެސީގެ ހިލޭޖެހުމަކުން ޕިކޭ ބޮލުންޖެހި ލަނޑެކެވެ.

ދެވަނަ ހާފުގައި ބާސާއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއިރު މިއީ 51 ވަނަ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލިއޮނަލް މެސީ ޖަހައިދިން ލަނޑެކެވެ. މިއީ މިސިޒަންގައި މެސީ ކުޅުނު 25 މެޗުން ޖަހައިދިން 26 ވަނަ ލަނޑެވެ. މިސީޒަންގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ގޮތުގައިވެސް އޮތީ މެސީއެވެ. ދެވަނަގައި އޮތް ސުއަރޭޒްއަށް ޖެހިފައިވަނީ 17 ލަނޑެވެ.

ބާސާގެ ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނަޓްގައި ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ.

ނޮވެމްބަރުން ފެށިގެން ލަލީގާގައި މެޗަކުން ބަލިނުވެ އަންނަ ބާސެލޯނާ ބަލިނުވެ  14 މެޗު ހަމަކުރިއިރު މިރޭގެ މެޗުން ދަށްވުމާއި ގުޅިގެން ޖެހިޖެހިގެން ތިން މެޗުންބަލިވެ ވަލެކާނޯ ރެލިގޭޝަން ޒޯންއަށް ވެއްޓުނީއެވެ.

މިއަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ލިއޯންއާ ދެކޮޅަށް ބާސާ ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭ މެޗުގައި ޑެމްބެލޭގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިމެޗު ކުޅެވޭނެ ކަމާމެދުވަނީ ޝައްކު އުފެދިފައެވެ. ފްރާންސްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލެގު ނިމުނީ 0-0 ން ދެޓީމު އެއްވަރު ވެގެންނެވެ.

ސައުލް ލަނޑުޖަހަނީ - ފޮޓޯ: ގޯލް ޑޮޓް ކޮމް

ދެވަނަގައި އޮތް އެތުލެޓިކޯވެސްވަނީ ރޭ ކުޅުނު މެޗުން މޮޅުވެފައެވެ. ލެގަނޭސްއާ ބައްދަލުކުރި މިމެޗު 1-0 ގެ ނަތީޖާއަކުން ނިމުނުއިރު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނަޓްގައި ޖަހައިދިނީ ސައުލްއެވެ.

63 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ބާސާ އޮތްއިރު ދެވަނަގައި އޮތް އެތުލެޓިކޯއަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ތާވަލުގެ ތިންވަނަ ރެއަލްމެޑްރިޑަށް ލިބޭއިރު ބާސާ އަދި އެތުލެޓިކޯއަށްވުރެ އެއްމެޗު މަދުންކުޅެ ލިބިފައިވަނީ 48 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ