އީޕީއެލް – ސްޓާލިންގެ ހެޓްރިކާއެކު ސިޓީއިން 4 ޕޮއިންޓްގެ ލީޑަކަށް، ޓޮޓޭންހާމް ގަދަ 4 ގައި ހިފަހައްޓަން ކުރަންޖެހޭ މަސައްކަތް ގިނަ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީ އަދި ވެޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް 4 ޕޮއިންޓްގެ ލީޑަކަށް ސިޓީއަރައިފިއެވެ.

މެޗުގައި ސިޓީން ޖެހި ތިން ލަނޑުވެސް ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑު އަގުއެރޯ މެއިން ދިން ބޯޅައަކުން 46 ވަނަ މިނަޓްގައި ސްޓާލިން ޖެހިއިރު ސްޓާލިން އޮފްސައިޑްގައި ހުރުމުން ލައިންސްމަން ދިދަ ނެގިއެވެ.  ނަމަވެސް ރެފްރީ ވަނީ ލައިންސްމަނާ ވާހަކަދެއްކުމަށްފަހު އެއީ ލަނޑެއްކަމަށް ނިންމާފައެވެ. ނަމަވެސް ލައިންސްމަންގެ ނިންމުން ރަނގަޅުއިރު މެޗަށްފަހު ގާޑިއޯލާވަނީ ހާވީ އަދި ވެޓްފޯޑްގެ ފަރާތުން މަޢާފަށްއެދިފައެވެ.

ސްޓާލިންގެ ދެވަނަ ލަނޑު 50 ވަނަ މިނަޓްގައި ޖަހައިދިންއިރު ތިންވަނަ ލަނޑުޖެހީ 59 ވަނަ މިނަޓްގައެވެ. މިމެޗުގައި ޖަހައިދިން ތިން ލަނޑާއެކު 24 އަހަރުގެ ސްޓާލިން މިސީޒަންގައި ސިޓީއަށް 18 ލަނޑު ޖަހައިދީފައިވެއެވެ. ވެޓްފޯޑްގެ ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނަޓްގައި ޖަހައިދިނީ ޑެއުލަފެއޯއެވެ.

މިމޮޅާއެކު ސިޓީއަށް 4 ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް މިއަދު ހަވީރު 05:00 ގައި ލިވަޕޫލް އަދި ބާންލީ ބައްދަލުކުރާ މެޗުން މޮޅުވެ މިލީޑު އެއްޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިއީ ސީޒަންގެ ފަހުކޮޅަށްވެފައި ކޮންމެ މެޗަކީވެސް މުހިންމު މެޗެއްކަމަށާއި ތާވަލުގެ އެއްވަނައަށް އަންނަން ތިން މަސް ނެގިކަމަށާއި މިހާރު އެއްވަނަ ލިބުމުން މިމަޤާމުގައި ދެމެހެއްޓުމަށް ހުރިހާ މެޗަކުންވެސް މޮޅުވާން މަސައްކަތްކުރަން ޖެހޭނެކަމަށް ގާޑިއޯލާވަނީ ބުނެފައެވެ.

އަދި މިއީ ސިޓީ މޮޅުވާން ހައްޤު މެޗެއްކަމަށާއި ސިޓީގެ ފުރަތަމަ ލަނޑު އޮފްސައިޑް ކަމުގައިވާނަމަ ހާވީ އަދި ވެޓްފޮޑްގެ ފަރާތުން މަޢާފަށްއެދޭ ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ތާވަލުގެ ތިންވަނައިގައި އޮތް ޓޮޓޭންހާމް ރޭ ކުޅުނު މެޗުވެސް ދަށްވިއިރު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ޓޮޓޭންހާމްއަށް މޮޅެއް ލިބިފައެއްނުވެއެވެ. ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށްވުރެ އިތުރަށް 1 މެޗު ޓޮޓޭންހާމް ކުޅެފައިވާއިރު މިދެޓީމުގެ ތަފާތަކީ 3 ޕޮއިންޓެވެ. އަދި ފަސްވަނައިގައި އޮތް އާސެނަލްއާ އޮތް ތަފާތަކީ 4 ޕޮއިންޓެވެ.

އަދި ޔުނައިޓެޑް މިރޭ 09:30 ގައި އާސެނަލްއާ ބައްދަލުކުރާ މެޗުން މޮޅުވެ ޕޮއިންޓްގެ ގޮތުން ޓޮޓޭންހާމްއާ އަރާ ހަމަކުރުމުގެ ފުރުޞަތު ޔުނައިޓެޑަށް އެބައޮތެވެ. އަދި މިމެޗުން އާސެނަލް މޮޅުވެއްޖެނަމަ އާސެނަލްއިން ޓޮޓޭންހާމްއާ އެއްޕޮއިންޓާ ގާތްކުރާނެއެވެ.

މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮޓޭންހާމްއިންނެވެ. މެޗުގެ 26 ވަނަ މިނަޓްގައި މިލަނޑު ޖަހައިދިނީ ކޭންއެވެ. ސައުތުހެމްޓަންގެ ވަލެރީ 76 ވަނަ މިނަޓްގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު ސައުތުހެމްޓަންއަށް 81 ވަނަ މިނަޓްގައި ލީޑުނަގައިދިނީ ވާޑްއެވެ.

ޕްރިމިއާ ލީގުގައި މީގެ މަހެއްހާ ކުރިން ލެއިސެސްޓާ ބަލިކުރިފަހުން ޓޮޓޭންހާމް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް