ބުންޑެސްލީގާ – ޑޯޓުމުންޑް އަދި ބަޔާން އެއްވަރު، ބަޔާންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން

ޖަރުމަން ބުންޑެސްލީގާގައި ރޭ ބަޔާން އަދި ވޮލްވްސްބާގް ބައްދަލުކުރި މެޗުން ފަސޭހަކަމާއެކު ބަޔާން މޮޅުވެއްޖެއެވެ.

ބަޔާން ދަނޑުގައި ކުޅުނު މިމެޗުގައި ބަޔާންއިން 6 ލަނޑު ޖަހާފައިވާއިރު ވޮލްވްސްބާގަށް ލަނޑެއްޖެހިފައެއް ނުވެއެވެ. މިމެޗުގައި ލެވެންޑޯސްކީ ދެ ލަނޑުޖަހާދީފައިވެއެވެ. އަދި ޖަރުމަން ބުންޑެސްލީގާގައި ލެވެންޑޯސްކީ ޖެހި 197 ލަނޑާއެކު އެންމެ ގިނަ ލަނޑުޖެހި ޖަރުމަނުން ބޭރު ކުޅުންތެރިއަކަށް ލެވެންޑޯސްކީވީއެވެ. މީގެ ކުރިން 195 ލަނޑާއެކު މިމަޤާމުގައި އޮތީ ކުރިން ބަޔާންއަށް ކުޅުނު އަދި މިހާރު ވާޑާބްރެމެންއަށް ކުޅޭ އުމުރުން 40 އަހަރުގެ ކްލޯޑިއޯ ޕިޒާރޯއެވެ.

މިމެޗުގައި އިތުރު ލަނޑުތައް ޖަހާދީފައިވަނީ ގްނަބްރީ، ރޮޑްރިގޭޒް، މުލާ އަދި ކިމިޗްއެވެ. މިމޮޅަށްފަހު ތާވަލުގެ އެއްވަނައަށް ބަޔާންއެރިއިރު މިސީޒަންގައި މީގެ ކުރިން މިމަޤާމު ބަޔާންއަށް ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

ރޮއީސް އަދި ވިޓްސެލް އުފާފާޅުކުރަނީ - ފޮޓޯ: އާރުޕީ އޮންލައިން

އަލްކެސާ އަދި ޕުލިސިޗް މެޗުގެ ފަހު ކޮޅު ޖަހައިދިން ދެ ލަނޑާއެކު ރޭގެ މެޗުން ޑޯޓުމުން މޮޅުވިއިރު މިއީ ޑޯޓުމުންޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.

މެޗުގެ ފުރަތަމަ ލަނޑު ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން 62 ވަނަ މިނަޓްގައި ޖަހައިދިނީ ކެޕްޓަން މާކޯ ރޮއީސްއެވެ. މެޗުގެ 71 ވަނަ މިނަޓްގައި ސްޓަޓްގާޓްއިން ނަތީޖާ ހަމަހަމަކުރިއިރު މިލަނޑު ލިބުނު ހިލޭޖެހުމެއްގައި ބޮލުން ޖަހައިދިނީ މާކް އޮލިވާއެވެ.

ޑޯޓުމުންޑް މޮޅުވީ އަލްކެސާ އަދި ޕުލިސިޗް މެޗުގެ ފަހު ކޮޅު ޖަހައިދިން ދެ ލަނޑާއެކުގައެވެ. އަލްކެސާގެ ލަނޑު 84 ވަނަ މިނަޓްގައި ފެނިގެންދިޔައިރު ޕުލިސިޗު ލަނޑު ފެނިގެންދިޔައީ 93 ވަނަ މިނަޓްގައެވެ.

މިރޭގެ މެޗަށްފަހު ތާވަލުގެ އެއްވަނަ ބަޔާންއަށް ލިބޭއިރު ބަޔާން އަދި ޑޯޓުމުންޑަށްވެސް ލިބިފައިވަނީ 57 ޕޮއިންޓެވެ. އެހެންނަމަވެސް ޑޯޓުމުންޑުގެ ފައިދާ 33 ލަނޑު އޮތްއިރު ބަޔާންގެ ފައިދާ 35 ލަނޑު އޮތުމުން 2 ލަނޑުގެ ތަފާތަކުން ބަޔާންއަށް ތާވަލުގެ ކުރި ލިބެނީއެވެ.

މުބާރާތުގައި ބާކީއޮތީ 9 މެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ