ސަރުކާރުން ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި 72 އަހަރު

މިއަދަކީ ދިވެހި ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރު ކޮށްދިނުމުގައި 72 އަހަރު ފުރިހަމަކުރާ
ތާރީޚީ ދުވަހެވެ.

ސަރުކާރުން ފުރަތަމަ ސިއްޙީ ޚިދުމަތް ފޯރުކޯށްދެއްވަން ފެއްޓެވީ "ޑަކްޓަރުގޭ" ގެ ނަމުގައި 1948 ވަނަ އަހަރުގެ ޖަނަވަރީ 11 ގައެވެ. މިއަށްފަހު ސެންޓްރަލް ހޮސްޕިޓަލުގެ ނަމުގައި ހިންގާ، ޖެނުވަރީ 1995 ގައި އައު އިމާރާތެއްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ނަމުގައި ސިއްޙީ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެމުން ގެންދެވިއެވެ.

ސަރުކާރުގެމައި ހޮސްޕިޓަލްގެ ގޮތުގައި އައިޖީއެމްއެޗް ކުރިއަރަމުން އައިސް ސިއްޙީ ނިޒާމުގެ ތެރެއިން ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާޞިލްކޮށްފައެވެ. ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އައިޖީއެމްއެޗް އިން ފަރުވާ ހޯދަމުންދާއިރު، ގިނަ ބަލިތަކަކަށް އެ ހޮސްޕިޓަލުން ފަރުވާ ކުރެވެމުންދެއެވެ.

ކުރިއަރަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމްވެސް ޒަމާނާއެއްގޮތަށް ތަރައްޤީކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ 25 ބުރީގެ އާއިމާރާތެއް އިމާރާތްކޮށް ދަރުމަވަންތަ ކޮމްޕްލެކްސްގެ ނަމުގައި ޚިދުމަތް ފޯރުކޮށްދެއްވަން ފައްޓަވާފައެވެ.

މި އިމާރާތުގައި ގިނަ ބަލިތަކަކަށް ފަރުވާ ދެމުންދާއިރު، ޒަމާނީ ގިނަ ޚިދުމަތްތަކެއްވެސް ދަނީ ފޯރުކޮށްދެއްވަމުންނެވެ. އައިޖީއެމް ހޮސްޕިޓަލުގެ ބައެއްގެ ގޮތުގައި އިމާރަތް ކުރެއްވި މި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ރޭޑިއޮލޮޖީ، ނާރުގެ ބަލިތަކަށް ޚާއްސަ، ކަށީގެ ބަލިތަކަށް ހާއްސަ، ކުޑަކުދިންގެ ބަލިތަކަށް
ހާއްސަ، އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، ޖެނަރަލް ސާރޖަރީ، ފިޒިއޮތެރަޕީ، ހަމުގެ ބަލި ތަކަށް ހާއްސަ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، ކަރުންމަތީ ބަލިތަކަށް ހާއްސަ، އަދި ލޮލުގެ ބަލިތަކަށް ހާއްސަ އޯ.ޕީ.ޑީ ހިމެނެއެވެ.

މީގެ އިތުރުން ދަރުމަވަންތަ ކޮމްޕްލެކްސް އިން އޯ.ޕީ.ޑީ ގެ ޚިދުމަތްތައް ފޯރު ކޮށްދެމުންދާއިރު، އައި.ޖީ.އެމް.އެޗްގައި ބައިތިއްބައިގެން ބަލިމީހުންނަށް ފަރުވާދެމުންގެދިއުމާއި ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ ފަރުވާވެސް ދަނީ ކުރައްވަމުންނެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގައި ދެމުންދާ ބައެއް ފަރުވާތަކަށް ބަލާލާއިރު ނާރުގެ ބަލިތަކުގެ އޮޕަރޭޝަން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ހާއްސަ ފަރުވާ، ކަކުލުހުޅުގެ އޮޕަރޭޝަންތައް، އަދި ކެންސަރުގެ ބަލިތަކަށް ހާއްސަ ފަރުވާކުރުން ހިމެނެއެވެ.

މީގެ އިތުރުން ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ސީޓީ ސްކޭންކުރުމާއި، އެމް.އާރު.އައި ހެދުމާއި، އެކްސްރޭ، މެމޯގްރާމް އަދި ތަފާތު އެތައް އޮޕަރޭޝަންތަކެއް ދަނީ ކުރެވެމުންނެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުންނެއް އައިޖީއެމް ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނައިރު، މިހާރު ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރެއްވެސް ވަނީ ގާއިމްކުރެވިފައެވެ.

އެ ހޮސްޕިޓަލުން ވިދާޅުވާ ގޮތުގައި އަވަސް މުސްތަގްބަލެއްގައި ސްޓްރޯކް ސެންޓަރަކާއި ހަކުރު ބަލީތަކަށް ހާއްސަ ސެންޓަރެއް ހުޅުވުމުގެ މަސައްކަތްތައްވަނީ ރޭވިފައެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އޯޕަން ހާޓް ސަރޖަރީގެ ޙިދުމަތް ފޯރުކޮށްދިނުމަށްވެސް އެ ހޮސްޕިޓަލުން ދަނީ މަސައްކަތްކުރައްވަމުން ކަމުގައި ވަނީ ވިދާޅުވެފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި 24 ގަޑި އިރުގެ އިމަރޖެންސީ ޚިދުމަތާއި، އެކި އެކި ކުއްލި ކާރިސާ ތައް ދިމާވުމުން އަވަސް ފަރުވާ ދިނުމުގައި އައި.ޖީ.އެމް.އެޗް ގެ މުވައްޒަފުންނާއި ވަސީލަތްތައްބޭނުންކޮށްގެން ޓްރައިސިސް މެނޭޖް ކުރުމުގެ ގާބިލުކަން ފުރިހަމަގޮތުގައި މި ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތްކެއާ ޕްރޮވައިޑާރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް) އިން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އައި.ޖީ.އެމް.އެޗް އެކްރެޑިޓް ކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ