ކޯނާ މެކްގްރެގާ - ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ސަޕޯޓަރެއްގެ ފޯނު އަތުލައިގެން މެކްގްރެގާ ހައްޔަރުކޮށްފި

އަލްޓިމޭޓް ފައިޓިންގ ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މަޝްހޫރު ތަރި ކޯނާ މެކްގްރެގާ ހައްޔަރުކޮށްފިއެވެ.

30 އަހަރުގެ މެކްގްރެގާ މިދިޔަ ހޯމަ މިއާމީ ބީޗުން ހައްޔަރުކޮށްފައި މިވަނީ މެކްގްރެގާގެ ފޮޓޯއެއް ނެގުމަށް ސަޕޯޓަރަކު މަސައްކަތް ކުރަނިކޮށް މިސަޕޯޓަރުގެ ފޯނު އަތުލައިގެން މައްސަލައެއްގައެވެ. މިމައްސަލައިގައި މެކްގްރެގާގެ މައްޗަށް ވަނީ ފޭރުމުގެ ދަޢުވާ ކުރެވިފައެވެ.

މިހާދިސާގައި ސަޕޯޓަރުގެ އަތުން ފޯން އަތުލުމަށްފަހު ބިންމައްޗަށް ވައްޓާލައި އެތައް ފަހަރަކު އެފޯނަށް މެކްގްރެގާ ފައިންއެރި ކަމަށްވެއެވެ.

އާންމުންގެ ތެރޭގައި ހިނގާދިޔަ މިހާދިސާގެ ތަހުޤީގަށް މެކްގްރެގާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް މެކްގްރެގާގެ ވަކީލުންވަނީ ބުނެއެވެ.

ފޮންޓެންބްލޯ މިއާމީ ބީޗް ހޮޓާ ބޭރުން މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 5 ޖަހާކަށްހާއިރު މެކްގްރެގާ ހައްޔަރުކުރެވުނުއިރު 12،500 ޑޮލަރުގެ ބޮންޑެއް ދެއްކުމުން އެރޭގެ ވަގުތެއްގައި އޭނާވަނީ ދޫކޮށްލާފައެވެ.

ސަޕޯޓަރެއްގެ ފޯން އަތުލައިގެން މައްސަލައެއްގައި މެކްގްރެގާ ހައްރުކުރިކަމަށާއި މިހާދިސާގެ ތަހުޤީގަށް މެކްގްރެގާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންދާކަމަށް މެކްގްރެގާގެ ވަކީލު ސަމުއެލް ޖޭ ރަބިންވަނީ ބުނެފައެވެ.

ޚަބީބް އަދި މެކްގްރެގާ - ފޮޓޯ: ދި އިންޑިޕެންޑެންޓް

މެކްގްރެގާ އަކީ ޔޫއެފްސީގެ ފެދާވެއިޓް އަދި ލައިޓްވެއިޓް ކުރީގެ ޗެމްޕިއަންއެކެވެ. މިދާއިރާއަށް މެކްގްރެގާ ނިކުމެ ފުރަތަމަ މެޗުގައި ފްލޯއިޑް މޭވެދާއާ ބައްދަލުކޮށް މެކްގްރެގާވަނީ ބަލިވެފައެވެ. ބްރޭކެއްގައިހުރި މެކްގްރެގާ އަލުން މިދާއިރާއާ ގުޅުނީ މިދިޔަ ޚަރީފު މޫސުމުގައެވެ.

50،000 ޑޮލަރުން ޖޫރުމަނާކޮށް ހަމަސް ދުވަހަށް ޔޫއެފްސީއިން މެކްގްރެގާ މިދިޔަ އޮކްޓޯބަރުމަހު ސަސްޕެންޑްކޮށްފައިވަނީ ޚަބީބްއާ ބައްދަލުކޮށް ބަލިވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. މިހާދިސާގައި ޚަބީބުވެސްވަނީ ސަސްޕެންޑްކޮށްފައެވެ.

ސަސްޕެންޝަން ހަމަވެ އަންނަ އޭޕްރީލްމަހު ޔޫއެފްސީއާ މެކްގްރެގާ ގުޅޭނެކަމަށް ލަފާކުރެވޭއިރު ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ތަޖުރިބާކާރު ޑޮނަލްޑް ޝެރޯނޭއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ