ދާދި މިދާކަށް ދުވަހުގެ ޚަބެރެކެވެ. އަވަށްޓެރި އިންޑިޔާގައި ކޮންމެ ފަނަރަ މިނެޓަކުން އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް ރޭޕްކުރުމުގެ މައްސަލައެއް ހުށަހެޅެއެވެ. ހަމައެހެންމެ، އަދިވެސް ހަމަ މިދާކަށް ދުވަހުގެ ޚަބަރެކެވެ. ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ކުށްވެރިވާ ހަތަރު މީހުން ދަންޖައްސައިން މަރަން ހުކުމް ކުރީއެވެ.
މިއަދުގެ ޚަބަރުތޯއެވެ. ރާއްޖޭގެ ރަށެއްގައި ތުއްތު ކުއްޖަކު ރޭޕުކޮށް، ޖިންސީ އަނިޔާގެ ޝިކާރައަކަށް ހެދީއެވެ. އެކަމުގައި ބައިވެރިވީ ކޮން ބައެއް ހެއްޔެވެ؟ ކުއްޖާގެ ހިމާޔަތުގައި ތިބި މީހުންނެވެ. ބައްޕައާއި ކާފައާއި މުނި ކާފައެވެ.

މި ދެއްކީ ދެ ޤައުމެއްގެ ވާހަކައެވެ. ކައިރީގައި އޮތް ނަމަވެސް ހާސް ބައި ތަފާތު ދެ ޤައުމެއްގެ ވާހަކައެވެ. އެހެންނަމަވެސް، ދާދި ހަމަ އެއް ކަންތައްތަކެއްގެ ވާހަކައެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ރޭޕްގެ ވާހަކައެވެ. ޖެހިގެން މި އޮތް ޤައުމުގައި އެކަން އޮތީ ހައްދުން ނެއްޓިފައެވެ. ބަޔަކު އަޅާ ނުލާ ދަރަޖައަށް ގޮސްފައެވެ. ފުލުހުންވެސް މާ އިސްކަން ދޭކަމެއް ނޫނެވެ. ކަމެއް މާ ގިނައިން ވަންޏާ، އެއީ މާ ބޮޑު ކަމެއްކަމަށް ނުހަދާ ބީދައިންނެވެ.
މުޅި އިންޑިޔާގައިވެސް އަދި މުޅި ދުނިޔޭގައިވެސް ރޭޕްގެ މައްސަލައަށް ލޯ ހުޅުވާލަދިނީ 2012 ވަނަ އަހަރު ދިއްލީގެ ދެކުނުގެ ސަރަޙައްދުގެ މަގެއްގައި ދުއްވާފައި ދިޔަ ހުދު ކުލައިގެ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން އަންހެން ކުއްޖަކު ރޭޕުކޮށް، އިތުރު އެތަކެއް ލާއިންސާނީ އަމަލުތަކެއް ކުރި ޙާދިސާއެވެ. މި ޙާދިސާއާ ގުޅިގެން މުޅި ދިއްލީގައި މުޒާހަރާ ކުރިއެވެ. ފުލުހުންގެ މަރުކަޒުތަކާއި ޕާލިމެންޓުގެ ކައިރިއަށްވެސް އެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރޭޕްގެ މައްސަލަތައް ބަލަން ހަލުވި ކޯޓުތައް އުފައްދަން ފެށިއެވެ. ޤާނޫނުތައް ވަރުގަދަ ކުރިއެވެ. އެހެންނަމަވެސް، އަދިވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

ރާއްޖެވެސް މަޑުކުރަނީ އެފަދަ ކަމެއް ވަންދެން؟
މި ދެއްކީ އެކި މީހުން އެކި ރާގަށް އުޅޭ އިންޑިޔާގެ ވާހަކައެވެ. ބޮޑު އާބާދީއެކެވެ. ދެން ދައްކަން މިއުޅެނީ ރާއްޖޭގެ ވާހަކައެވެ. އެކަކު އަނަކަކު ދަންނަ، ހަތަރު ލައްކައެއްހާ މީހުންގެ ކުޑަ ކުޑަ ޤައުމެކެވެ. އެހެންނަމަވެސް، ރާއްޖޭގައި އަދިވެސް ރޭޕާއި ޖިންސީ ޝިކާރައިގެ މައްސަލަތަކަށް އެދެވޭ ސަމާލުކަމެއް ނުލިބެއެވެ. ތަހުގީގު އެންމެ ރަނގަޅަށް ހިނގައެކޭ ނުބުނެވޭނެއެވެ. ހެކި ނެތިގެން، އެފަދަ އެތައް މައްސަލައެއްގައި ކުށްވެރިވެފައިވާ އެތައް ބަޔަކު ދޫވެއެވެ. އެހެންނަމަވެސް، ރާއްޖެއިންވެސް މި މަޑުކުރަނީ ޖްޔޯތީ ސިންގް އަކަށް ބާވައެވެ. ނުވަތަ އެހެން ނަމަކުންނަމަ ނިރްބަޔާއަކަށް ބާވައެވެ.
މިހެން ބުނެވޭނޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. އިސްވެ ކަމެއް ހަރުދަނާ ކުރަން މަސައްކަތެއް ކުރާތަން އަމުދުން ނުފެންނަނީއެވެ. ޤާނޫނުގައި ކަޅާއި ހުދުން، ސާފުކޮށް ލިޔެފައިވާ ކަންކަން ތަންފީޛު ކުރެވެނީއެއް ނޫނެވެ. މައްސަލައެއް ފެންމަތިވުމުން ތެޅިގަންނަނީއެވެ. "ބަޔާނަކުން" ފުއްދާލަނީއެވެ. އިބްތިހާލުގެ މައްސަލައިގައިވެސް ކަންވީ ހަމަ އެބީދައިންނެވެ.
މި ދެކަންތައް އިންތިޒާމު ކުރެވުނަސް ހާލަތު ބަދަލުވުމަށް ވަރަށް ބޮޑު ބާރަކަށްވާނެއެވެ. މި ދެކަންތައް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ޕްރެޝަރުކުރަންވީއެވެ.
— Mohamed Shihab (@SmileShihab) January 17, 2020
6/6
ރައްޔިތުންނަށް
މިފަދަ ހައްސާސީ މައްސަލަތަކުގައި ރައްޔިތުން ކެކި އަރާނެއެވެ. ރުޅިވެސް އަންނާނެއެވެ. އަދުލު އިންސާފުގެ ނިޒާމަށް އެންމެ އެދެވޭ އިތުބާރެއް ނެތް ޤައުމެއްގައި އަދި މިކަން މިގޮތަށްވާނެމެއެވެ. އެހެންނަމަވެސް، ޤާނޫނު އަތަށް ނެގުމަކީ ރައްޔިތުންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދަބު ދީ، ހުކުމް ތަންފީޛު ކުރާނީ ދައުލަތުންނެވެ. ހާކިމާއެވެ. އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ނޫނެވެ. ރައްޔިތުން މި މަގުން ހިނގަންވެއްޖެނަމަ ކުރިމަތިވާނީ އިތުރު މައްސަލަތަކެކެވެ. ވެއްޓޭނީ އެހެން އަނދަވަޅަކަށެވެ.

ރައްޔިތުންނަށް އޮތީ ސަރުކާރާއި، ޤާނޫނު ތަންފީޛު ކުރާ އިދާރާތަކާއި އަދުލު އިންސާފުގެ ނިޒާމު ޖަވާބުދާރީ ކުރުމެވެ. މިކަމުގައި ޤާނޫނު އަސާސީން ލިބިދެވޭ ހުރިހާ ޙައްޤެއް ބޭނުންކުރިކަމުގައިވިޔަސް ވަރިހަމައެވެ.
ވެރިންނަށް
ޓްވީޓެއް ކޮށްލަން ވަރަށް ފަސޭހައެވެ. އުނދަގުލީ އަމަލީ ސިފައެއް، ހަގީގީ ފިޔަވަޅެއް މިކަންކަމަށް އެޅުމަށެވެ. އިންޑިޔާ ހިނގި މަގުން ހިނގައިން މިކަން ވާކަށް ނެތެވެ.




