2021 އިން ފެށިގެން ޔޫރަޕްގެ 12 ކްލަބް ހިމަނައިގެން ކްލަބް ވޯލްޑްކަޕް 24 ޓީމަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ބުނެފިއެވެ.
އިންފެންޓީނޯގެ މި ޕްލޭންއާއެކު 2021 އިން ފެށިގެން ފީފާ ކޮންފެޑެރޭޝަން ކަޕް އުވިގެންދާނެއެވެ. ފީފާ ކޮންފެޑެރޭޝަން ކަޕަކީ ފީފާ ވޯލްޑްކަޕު ކުޅޭ އަހަރުގެ ކުރީ އަހަރު ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި އޮންނަ ޤައުމުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މީގެ ކުރިން ކްލަބް ވޯލްޑްކަޕް ކުޅެވެމުން އަންނަނީ ހަތް ޓީމެއްގެ މެދުގައެވެ. އެއީ ހަ ކޮންޓިނެންޓްގެ ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ޤައުމު ލީގުގެ ޗެމްޕިއަން ޓީމެވެ. މިމުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ޖައްސަ ޖައްސައިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއަލްމެޑްރިޑެވެ.

ރިޕޯޓުތައް ބުނާގޮތުން 2022 ގައި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ކުރިން ފީފާ ކްލަބް ވޯލްޑްކަޕް މި އާ ފޯމެޓަށް ބަދަލުކުރަން އިންފެންޓީނޯ ބޭނުންވެއެވެ.
ފީފާ ކްލަބް ވޯލްޑްކަޕް މިހާރު ކުޅެމުން އަންނަ ގޮތަށް ބަދަލުގެންނަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފީފާ ކައުންސިލް މެންބަރު ބްރެޒިލްގެ ފަރނަންޑޯ ސާނޭވެސްވަނީ ބުނެފައެވެ.
މިމުބާރާތް ފުރަތަމަ ބޭއްވުނީ 2000 ވަނަ އަހަރުއެވެ. އަދި މިމުބާރާތް ކާމިޔާބުކުރި އިނގިރޭސި ވިލާތަށް ނިސްބަތްވާ ހަމައެކަނީ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑްއެވެ. 2008 ވަނަ އަހަރު ވޭން ރޫނީގެ ލަނޑަކާއެކު އިކުއެޑޯގެ އެލްޑީޔޫ ކުއިޓޯ ބަލިކޮށް ޔުނައިޓެޑުން މިމުބާރާތް ކާމިޔާބުކުރިއިރު ޗެލްސީ އަދި ލިވަޕޫލްވެސްވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށް ނާކާމިޔާބީއާ ކުރިމަތިވެފައެވެ.