ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ - ފޮޓޯ: ގޯލް.ކޮމް

ޔޫސީއެލް - ދެ ލެގުން 10 ލަނޑު، ސިޓީއިން ޝާލްކޭ ލަދުގަންނަވާލުމަށްފަހު ކުއާޓާއަށް

ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ޝާލްކޭ ބައްދަލުކުރި މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސިޓީއިން ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގައި ޖެހި 7 ލަނޑާއެކު 10-2 ގެ ނަތީޖާއަކުން ސިޓީއަށް ކުރި ލިބޭއިރު ފުރަތަމަ ލެގުންވެސް ސިޓީވަނީ މޮޅުވެފައެވެ. ޖަރުމަނުގައި ކުޅެވުނު މިލެގު ސިޓީއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނިކުތްއިރުވެސް ރަށުން ބޭރުގައި ޖެހި ތިން ލަނޑާއެކު ކުއާޓާގެ އުންމީދު ބޮޑުވެފައި އޮތް ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނަޓްގައި އަގުއޭރޯ ޖަހައިދިންއިރު އޭގެ ތިން މިނަޓްފަހުން އެގުއޭރޯ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 2-0 ށް ބަދަލުކޮށްލިއެވެ.

ސިޓީގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހައިދިނީ ކުރިން ޝާލްކޭއަށް ކުޅެދިން ސާނޭއެވެ. ފުރަތަމަ ހާފު މިނަތީޖާގައި ނިމުނުއިރު މެޗުގެ ދެވަނަ ހާފުވެސް ހަމަ އެފޯރީގައި ފަށައި ސިޓީއިން އިތުރު ލަނޑު ޖަހަން ފެށިއެވެ.

އަގުއޭރޯ ޕެނަލްޓީ ޖަހަނީ - ފޮޓޯ: އިވްނިންގ ސްޓޭންޑާޑް

ކުއާޓާގެ ޔަޤީންކަމާއެކު ކުޅެމުންދިޔަ ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ 56 ވަނަ މިނަޓްގައި ސްޓާލިން ޖަހައިދިންއިރު، ފަސް ވަނަ ލަނޑު ބަރނާޑޯ ސިލްވާ ޖަހައިދިނީ މެޗުގެ 71 ވަނަ މިނަޓްގައެވެ. ފޮޑަން މެޗުގެ 78 ވަނަ މިނަޓްގައި ސިޓީއަށް ލަނޑެއް ޖަހައިދިންއިރު ސިޓީގެ ހަތް ވަނަ ލަނޑު މެޗުގެ 84 ވަނަ މިނަޓްގައި ޖަހައިދިނީ ޖީސޫސްއެވެ.

މިމުބާރާތް ކާމިޔާބުކުރެވިފައިނުވާ ސިޓީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓީ ލިވަޕޫލްއަތުންނެވެ.

ރޭގެ މެޗުގެ މޭން އޮފް ދަ މެޗަކީ 1 ލަނޑު ޖަހައި އިތުރު ތިން ލަނޑު ޖަހަން އެހީތެރިވެދިން ލެރޮއީ ސާނޭއެވެ. ސީނިއާ ކްލަބް ލެވެލްގައި ސާނޭ ޖަހައިދިން ލަނޑު 50 އަށް އެރިއިރު ސިޓީއަށް 37 ލަނޑު އަދި ޝާލްކޭއަށް 13 ލަނޑު ސާނޭ ޖަހައިދީފައިވެއެވެ.

ލެރޮއީ ސާނޭ - ފޮޓޯ: ޑީޑަބްލިއު

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް، ފިލް ފޮޑަން، ޔޫރަޕްގެ މުބާރާތެއްގައި ޖެހި ފުރަތަމަ ލަނޑު ރޭގެ މެޗުގައި ފެނިގެން ދިޔައިރު މެންޗެސްޓަރ ސިޓިއަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިއަކަށް އޭނާ ވެގެންދިޔައީއެވެ. ފޮޑަންގެ އުމުރަކީ 18 އަހަރާ 288 ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ