ޔޫރޮޕާ ލީގު ގަދަ 16 ގެ ދެވަނަ ބުރުގައި ރޭ ޑައިނަމޯ އަދި ޗެލްސީ ބައްދަލުކުރި މެޗުގައި ހެޓްރިކް ހެދި އޮލިވާ ޖިރޫޑަކީ ސާރީއަށް ވަރަށް މުހިންމު ކުޅުންތެރިއެއްކަމަށް މެޗަށްފަހު ވާހަކަ ދައްކަމުން ސާރީ ބުނެފިއެވެ.
ޗެލްސީގައި ކުޅެވުނު ފުރަތަމަ މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާ ޗެލްސީ ރޭގެ މެޗަށް ނިކުތީ ވަރަށް ފޯމުގައެވެ. މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ޗެލްސީއިންނެވެ.
5-0 ގެ ނަތީޖާއަކުން މޮޅުވި ރޭގެ މެޗުގައި އޮލިވާ ޖިރޫޑްގެ ހެޓްރިކްގެ އިތުރުން ލަނޑުތައް ޖަހައިދީފައިވަނީ އަލޮންސޯ އަދި ހަޑްސަންއެވެ. ރޭގެ ނަތީޖާއާއެކު ޗެލްސީ ކުއާޓާއަށް ދަތުރުކުރީ އެގްރިގޭޓް 8-0 ބޮޑު ތަފާތަކުންނެވެ.
މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ޗެލްސީ އޮތްއިރު، ސާރީއަށް ކޯޗެއްގެ ގޮތުގައި ތައްޓެއް މިހާތަނަށް ލިބަފައިނުވާއިރު ޗެލްސީއާއެކު ޔޫރޮޕާލީގު ކާމިޔާބުކޮށްފިނަމަ އަންނަ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ފުރުޞަތު ލިބިގެންދާނެއެވެ.

ފައިނަލް ކުޅެން ބޭނުންވަނީ ނަޕޯލީއާއެކު ކަމަށާއި ނަޕޯލީ އަދި ޗެލްސީވެސް ކުއާޓާއަށް ދިއުމުން އުފާވާކަމަށް މެޗަށްފަހު ސާރީ ބުނެފައިވެއެވެ.
އަދި އެސިޓީއަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިޓީއެއްކަމަށާއި ނަޕޯލީއާ ދެކޮޅަށް ކުޅެން ވަރަށް އުދަނގޫވާނެކަމަށްވެސް ސާރީ ބުނެފައިވެއެވެ.
މިދިޔަ ހަތަރު މަސްދުވަހު ތެރޭ ޕްރިމިއާ ލީގުގައި ޖިރޫޑް ފުރަތަމަ 11 އިން ފެނިފައިވަނީ އެންމެ ދެމެޗުންނެވެ. 32 އަހަރުގެ ޖިރޫޑް ޕްރިމިއާ ލީގުގައި އެންމެފަހުން ލަނޑު ޖަހާދީފައިވަނީ 24 ނޮވެމްބަރ 2018ގައި ޓޮޓޭންހާމްއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޖިރޫޑް ޕްރިމިއާ ލީގާ ޚިލާފަށް ޔޫރޮޕާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެންމެފަހުން ކުޅުނު ހަތް މެޗުން 8 ލަނޑު ޖަހާދީފައިވެއެވެ.



