މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 'ޓޯކް ސީރީޒް' މިއަދު އިފްތިތާޙުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި ޓޯކް ސީރީޒް އިފްތިތާޙު ކޮށްދެވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ.
ޓޯކް ސިރީޒް ގެ ބޭނުމަކީ ޕަބްލިކް ސާރވިސްގައި މަސައްކަތް ކުރައްވާފައި ތިއްބެވި ތަޖުރިބާކާރު ބޭބޭފުޅުންގެ ތަޖުރިބާ މިނިސްޓްރީގެ މުވައްޒަފުންނާއި ޙިއްސާ ކުރެވި، ޢިބުރަތް ހާސިލްކޮށް، އެބޭބޭފުޅުންގެ ތަޖުރިބާއިން އުއްމީދު ލިބި، މަސައްކަތާއިމެދު ދެކޭގޮތާއި މަސައްކަތްކުރަމުންދާ ގޮތް ބަދަލުވެ، އިތުރު ހިތްވަރަކާއި އުއްމީދެއް މުވައްޒަފުންނަށް ލިބިދިނުން ކަމުގައި ޑރ އިބްރާހީމް ޙަސަން ވަނީ ވިދލުވެފައެވެ.

އަދި މިކަހަލަ ކަމެއް އިފްތިތާޙް ކުރުމަށް މިނިސްޓަރ ޢަބްދުﷲ ޝާހިދުއަކީ ވަރަށް އެކަށީގެންވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި ޑރ. އިބްރާހީމް ޙަސަން ވިދާޅުވެފައިވަނީ، ޝާހިދުއަކީ ވަރަށް ދިގު މުއްދަތަކަށް އެކި ސަރުކާރުތަކުގައި
ދިވެހިރާއްޖެއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ތަޖުރިބާކާރު އަދި ލާމަސީލު ބޭފުޅެއްކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ޝާޙިދު ވަނީ ސަރުކާރުގެ ޚިދުމަތައް، ޚާއްސަކޮށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތްކުރެއްވުމަށް ހުރި ޝައުޤުވެރިކަމާއި، ފުރަތަމަ ވަޒީފާ ހޯއްދަވަން ކުރެއްވި މަސައްކަތް ހިއްސާ ކުރެއްވިއެވެ.
މިނިސްޓަރގެ ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ހަދާން ކުރަންޖެހެނީ އަޅުގަނޑުމެން އެންމެންނަކީ ރައްޔިތުންގެ ޚާދިމުންކަން ކަމަށާއި ވީހާވެސް ފަރުވާތެރިކަމާއި ފުރިހަމަކަމާއިއެކު ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ މުވައްޒަފަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެންމެ އުފާވި އެއްދުވަހަކީ "ރިއޯ ސަމިޓް 92" ގައި ދިވެހިރާއްޖެއަށް ސަމިޓްގެ ނައިބު ރައީސް ގޮނޑި ކާމިޔާބު ކުރެވުނު ދުވަސް ކަމަށެވެ. އެއީ ދިމާވި އެކި ގޮންޖެހުތަކާއިއެކު ބޮޑެތި ޤައުމުތަކާއި ވާދަކޮށް ދިވެހިރާއްޖެ ފަދަ ޖަޒީރާވަންތަ ކުޑަ ޤައުމަކަށް ފުރަތަމަ ފަހަރަށް ލިބުނު ވަރަށްބޮޑު ކާމިޔާބީ އެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
"ރިއޯ ސަމިޓް" ނައިބު ރައީސް ގޮނޑި ކާމިޔާބުކުރެއްވުން މިނިސްޓަރ ސިފަ ކުރެއްވީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި އުފަލެއް ކަމުގައެވެ.
މިއަދު މި އިފްތިތާޙު ކުރެވުނު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ “ޓޯކް ސީރީޒް” އަކީ ކޮންމެ މަހަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ އިވެންޓެކެވެ.



